100 މީޓަރާއި 200 މީޓަރު ދުވުމުގެ އިތުރުން ދިގު ފުންމުމުގައި ވެސް އޭނާ ދަނީ ރެކޯޑަކަށްފަހު ރެކޯޑެއް ހަދަމުން
10ފަހަރު ބައިވެރިވެ 9ފަހަރު ސަތޭކަ މީޓަރު ދުވުމުން އެއްވަނަ ހޯދާފައިވޭ
ހަތަރު އަހަރުގެ ތެރޭގައި ދިހަ މުބާރާތެއްގައި ވާދަކޮށް 100 މީޓަރު ދުވުމުން އެއްވަނަ ނުވަ ފަހަރު ހޯދުމަކީ އެއީ ކުޑަ ކާމިޔާބީއެއް ނޫނެވެ. ކުޅުދުއްފުށީގައި ހުންނަ އަފީފުއްދީން ސްކޫލުގެ ގުރޭޑް 9ގައި ކިޔަވަމުން އަންނަ އައުހާ އަބްދުލް ރަހުމާން ދަނީ އޭނާގެ ހުނަރު ކޮންމެ މުބާރާތެއްގައި ވެސް ދައްކައި ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ. ފާއިތުވި ދެ އަހަރު ބޭއްވި 5 މުބާރާތެއްގައި 15 އަހަރުން ދަށުގެ އުމުރުފުރާގައި ވާދަކޮށް އެންމެ މޮޅު އެތްލީޓްގެ މަޤާމް ވެސް އޭނާ ހޯދާފައިވެއެވެ.

ސްކޫލުގެ ހައުސްތަކުގެ މެދުގައި ބާއްވާ އެތްލެޓިކްސް މުބާރާތެއްގައި އައުހާ ފުރަތަމަ ބައިވެރިވީ މަޖަލަކަށް އެނާއާއެކު އުޅޭ ކުދިން ބައިވެރިވީތީއެވެ. އޭރު ކިޔަވަމުން ދިޔައީ ގުރޭޑް 5 ގައެވެ. ބައިވެރިވި ފުރަތަމަ އަހަރު ވެސް ރަނގަޅު ކާމިޔާބެއް ލިބުނެވެ. އެއީ، އޭނާގެ ހުނަރު ސްކޫލުގެ ހަތަރު ފާރުގެ ތެރެއިން ނެރެން ލިބުނު ފުރުޞަތެކެވެ.
އެތްލެޓިކްސް ހުނަރު ތަރައްޤީ ކުރުމުގައި އައުހާގެ އަތުގައި ހިފީ ޝަރީފް ސްޕޯޓްސްއިންނެވެ. އިންޓަރ ސްކޫލް މުބާރާތްތައް ފިޔަވައި އެހެން މުބާރާތްތަކުގައި އޭނާ ބައިވެރިވަމުން އަންނަނީ އެ ކުލަބުގެ ފަރާތުންނެވެ.
ޤައުމީ ފެންވަރުގެ މުބާރާތެއްގައި އައުހާ ފުރަތަމަ ދުވުނީ 2022 ވަނަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި 13 އަހަރުން ދަށުގެ އުމުރުފުރާގައެވެ. އެ މުބާރާތުގައި ތިން ކެޓަގަރީއެއްގައި ވާދަކޮށް 100 މީޓަރު ދުވުމުންނާއި ޑިސްކަސް އިން އެއްވަނަ ހޯދިއެވެ. އަދި ޓްރިޕަލް ޖަމްޕިން އިން ހަ ވަނަ ލިބުނެވެ. އެއީ އައުހާއަށް ލިބުނު "ސަޕްރައިޒް" ނަތީޖާއެކެވެ.

"ފުރަތަމަ މުބާރާތަށްވެފައި އެ މުބާރާތުން ވަނައެއް ލިބިދާނެ ކަމަށް އެއްގޮތަކަށް ވެސް އުއްމީދެއް ނުކުރަން. އެއީ ހަމަ ސަޕްރައިޒެއް" ދަރިވަރު ނޫހަށް އައުހާ ކިޔައިދިނެވެ.
އެތްލީޓެއްގެ ގޮތުގައި ލިބުނު އެ ކާމިޔާބާއެކު ޖެހިގެން އައި 2023 ވަނަ އަހަރު ހަތަރު މުބާރާތެއްގައި ބައިވެރިވިއެވެ. އެ ހަތަރު މުބާރާތުގެ ތެރެއިން ނެޝަނަލް ޗެމްޕިއަންޝިޕް ނޫނީ އެހެން މުބާރާތްތަކުން އުއްމީދީ ނަތީޖާއެއްނެރެ ބައިވެރިވި ގިނަ ހީޓްތަކުން އެއްވަނަ އައުހާ ހޯދާފައިވެއެވެ.
ނެޝަނަލް ޗެމްޕިއަންޝިޕްގައި ތަޖުރިބާގެ ގޮތުންނާއި އުމުރުގެ ގޮތުން އޭނާއަށްވުރެ ދޮށީ ދުވުންތެރިންނާ ވާދަކޮށް 100 މީޓަރާއި 200 މީޓަރު ދުވުމުން ލިބުނީ ހަތަރުވަނައެވެ. އެއީ ޤައުމީ ފެންވަރުގެ ޓްރެކަށް އައުހާ އެރީއްސުރެ މިހާތަނަށް އެއްވަނަ ނުލިބި ނިންމާލަން ޖެހުނު ހަމައެކަނި މުބާރާތެވެ.

"އެއްވަނަ ނުލިބުނަސް ޤައުމީ ފެންވަރުގެ އެންމެ މޮޅު އެތްލީޓުންނާ ވާދަކުރުމަކީ ވެސް ކާމިޔާބެއް ކަމަށް ދެކުނީ. އެއީ ކުރިއަށް ދިއުމަށް ލިބުނު ހިތްވަރެއް. އަދި ތަޖުރިބާއެއް ކަމަށް ބެލީ" އައުހާ ބުންޏެވެ.
2023 ވަނަ އަހަރު ބޭއްވި މައިލޯ އެސޯސިއޭޝަން ޗެމްޕިއަންޝިޕާއި އިންޓަރ ސްކޫލާއި މަކިޓަރ ޖޫނިއަރ ނެޝަނަލް ޗެމްޕިއަންޝިޕްގައި 100 މީޓަރު ދުވުމުން އެއްވަނަ އައުހާއަށް ލިބުނެވެ.

އައުހާގެ ކާމިޔާބީގެ ތިލަފަތް ބަރުވާން ފެށީ 2024 ވަނަ އަހަރުން ފެށިގެންނެވެ. އޭގެ ފަހުން 100 މީޓަރާއި 200 މީޓަރުގެ އިތުރުން ދިގު ފުންމުމުގައި އޭނާ އަންނަނީ އެއްވަނަ ދިފާއު ކުރަމުންނެވެ. ފާއިތުވި ދެ އަހަރު ބޭއްވި ފަސް މުބާރާތުގައި 15 އަހަރުން ދަށުގެ އުމުރުފުރާގައި ބައިވެރިވެ 100 މީޓަރާއި 200 މީޓަރު ދުވުމުގެ އިތުރުން ދިގު ފުންމުމުން އެއްވަނަ އައުހާ ހޯދާފައިވެއެވެ. އަދި ޖެހިޖެހިގެން 5 މުބާރާތުގައި 15 އަހަރުން ދަށުގެ އެންމެ މޮޅު އެތްލީޓްގެ މަޤާމު ވެސް ލިބުނީ އޭނާ އަށެވެ.

އައުހާ ބުނީ، ތިން ކެޓަގަރީއެއްގައި ބައިވެރިވާން ފުރަތަމަ އުނދަގޫވި ކަމަށާއި އެކަމަކު މިހާރު އެއީ މައްސަލައެއް ނޫން ކަމަށެވެ.
"ފެށިއިރު ގިނަ ކެޓަގަރީތަކުގައި މަސައްކަތް ކުރަން އުނދަގޫ ކަމަކަށްވި. އެކަމަކު މިހާރު ހޭނިއްޖެ. މިހާރު އެއީ މައްސަލައެއް ވެސް ނޫން" އައުހާ ސަމާލުކަން ދެނީ 100 މީޓަރާއި 200 މީޓަރު ދުވުމުގެ އިތުރުން ދިގު ފުންމުމަށެވެ.

ސްޕޯޓްސް ދާއިރާއިން އެތްލީޓެއްގެ ގޮތުގައި ކުރިއަށް ދިއުމުގެ އަޒުމުގައި މަސައްކަތް ކުރަމުން އަންނަ އައުހާ ބުނީ، ފާއިތުވި ފަސް އަހަރުގެ ތެރޭގައި އޭނާގެ ސްޕީޑަށް އައީ އެންމެ ސިކުންތެއްގެ ކުރިއެރުމެކެވެ. 2022 ވަނަ އަހަރު 100 މީޓަރު ދުވުން ނިންމީ 14 ސިކުންތުންނެވެ. މިހާރުގެ ސްޕީޑަކީ 13 ސިކުންތެވެ. ޓާގެޓަކީ 11 ސިކުންތާއި އާއި 12 ސިކުންތުގެ ތެރޭގައި ހިފެހެއްޓުމެވެ.
"އެ ސްޕީޑް ހޯދަން ބުރަކޮށް މަސައްކަތް މި ކުރަނީ. އެއީ ނުވާނެ ކަމެއް ނޫން"

ދުވުމުގެ ފަރިތަކުރުންތައް އައުހާ ކުރިއަށް ގެންދަނީ ހަފްތާއަކު ފަސް ދުވަހު، ދެ ގަޑިއިރަށެވެ. ފަރިތަކުރުންތަކުގައި ގިނަ ފަހަރު ބޭނުން ކުރަނީ ވެލިދަނޑެވެ. ވެލިދަނޑުގައި ފަރިތަކޮށްފައި ސިންތެޓިކް ޓްރެކްގައި ދުވަން ޖެހުން އެއީ އައުހާއަކަށް މައްސަލައެއް ނޫނެވެ.
"ވެލިގަނޑުގައި ދުވެފައި ގޮސް ސިންތެޓިކްގައި ދުވުން އެއީ މާ ބޮޑު މައްސަލައެއް ނޫން. އެކަމަކު ދުވުމުގެ ކުރިން ޕްރެކްޓިސް ކޮށްލަން ވަގުތު ލިބެންޏާ" އައުހާ ބުންޏެވެ.
އައުހާ ބުނީ، އެތްލީޓެއްގެ ގޮތުގައި ކުރިއަށް ދިއުމަށް އެންމެ ބޮޑު އެހީތެރިކަމެއް ދެނީ މަންމައާއި ބައްޕައާއި އާއިލާގެ ފަރާތުންނެވެ. ދެން ޝަރީފު ސްޕޯޓްސް އާއި އޭނާގެ ކޯޗް ޝަރީފެވެ. ސްކޫލުގެ އިތުރުން މުބާރާތް ކުރިއަށްދާއިރު ސްކޫލާއި ބެލެނިވެރިންގެ ފަރާތުން ލިބޭ ސަޕޯޓަކީ ވެސް ކުރިއަށް ދިއުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއްގެ ގޮތުގައި އޭނާ ފާހަގަކުރިއެވެ.
2024 ވަނަ އަހަރު ރާއްޖޭގެ އެންމެ މޮޅުއެތްލީޓުކަން ހޯދި އަހުނާ ނިޒާރުގެ ފަރާތުން އޭނާއަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަމަށް އައުހާ ބުންޏެވެ. ކުޅުދުއްފުއްޓަށް އުފަން އަހުނާގެ ބައިނަލްއަޤްވާމީ ތަޖުރިބާތަކާއި ދުވުމުގައި އޭނާއަށް ލިބިފައިވާ ޓެކްޓިސްތައް ވެސް ކިޔައިދޭ ކަމަށް އައުހާ ބުންޏެވެ. ޖަލާލުއްދީން ސްކޫލުގައި ކިޔަވަމުން އަންނަ އަހުނާއަކީ ސީނިއާ ނެޝަނަލް އެތްލެޓިކްސް ޓީމުގެ މުހިންމު މެމްބަރެކެވެ.

އައުހާ ބުނީ، ކާމިޔާބަށް އެދިގެން މަސައްކަތް ކުރުމަކީ ކުރިއަށްދާން ކޮންމެ ކުއްޖަކަށް އޮތް ފުރުޞަތެއް ކަމަށާއި ޓާގެޓެއް އޮވެގެން މަސައްކަތް ކުރުން އެއީ ފެށުން ކަމަށެވެ. އޭގެ ފަހުން ކޯޗުންދޭ އިރުޝާދާއެކު ރަނގަޅު އަޚްލާޤެއްގެ މަތީގައި ދެމިހުރުމަކީ އެއީ އެތްލީޓަކު އެންމެ އިސްކަންދޭންޖެހޭ ކަންތައްތައް ކަމަށެވެ.
އައުހާގެ ހުނަރު ކޯޗް ޝަރީފަށް ފެނުނީ ގުރޭޑް 5ގައި ކިޔަވަމުން ދިޔަ އަހަރު ބޭއްވި ހައުސް އެތްލެޓިކްސް މުބާރާތުގައި ދުވަނިކޮށެވެ. އޭގެ ފަހުން އައުހާގެ ކޯޗަކީ އޭނާއެވެ.
ދަރިވަރު ނޫހަށް ކޯޗް ޝަރީފު ބުނީ، "އައުހާއަކީ ޕްރކްޓިސްގައި ވަރަށް ފަރުވާތެރި ކަމާއެކު ބުރަކޮށް މަސައްކަތްކުރާ އެތްލީޓެއް" ކަމަށެވެ
"ފުރަތަމަ އަހަރާއި ބަލާއިރު މިހާރު ވަރަށް ބޮޑު ކުރިއެރުންތަކެއް އައުހާގެ ސްޕީޑަށް ގެނެވިއްޖެ. މިހާރު އައުހާ 100މ 13.3 ސިކުންތުން ދުވޭ. އެއީ މިވަގުތު ރާއްޖޭގެ ޖޫނިއަރ އެންމެ ބާރު ދުވުންތެރިޔާ. އަމާޒަކީ ނަތީޖާ އިރުރަށް ރަނގަޅުކޮށް 100މ 12 ސިކުންތުން އައުހާ ދުއްވުން. އިރާދަކުރެއްވިއްޔާ އެކަން ހާސިލުވާނެ"
އައުހާގެ މިހާރުގެ އުއްމީދަކީ ރާއްޖެއިން ބޭރުގެ ޓްރެކެއްގައި ދުވެލުމެވެ. އަދި ރަނގަޅު ނަތީޖާއެއް ނެރެދިނުމާއެކު މޮޅު އެތްލީޓެއްގެ ގޮތުގައި ޤައުމަށް ރީތި ނަމެއް ހޯދައި ދިނުމެވެ.


advertisment
ހިޔާލު