އެޑިޔުކޭޝަން ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) އަށް ކިޔެވުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ހުޅުވާލައިފިއެވެ.
އެމްއެންޔޫއިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) އިން އެޑިޔުކޭޝަން ކޯހުގައި ކިޔަވަން ބޭނުންވާ ފަރާތްތަކުން ސްޓޭޓްމަންޓް އޮފް އިންޓެންޓް ނުވަތަ ޕްރޮޕޯޒަލް އަންނަ އޮގަސްޓް މަހުގެ 5 ވަނަ ދުވަހުގެ 14:00 ކުރިން ހުށައެޅުމަށެވެ.
މި ކޯހުގެ މުއްދަތަކީ ފުލްޓައިމްކޮށް ކިޔަވާނަމަ 3-4 އަހަރާ ދެމެދެވެ. ޕާރޓްޓައިމްކޮށް ކިޔަވާނަމަ 6-8 އަހަރާ ދެމެދެވެ.
ކޯހަށް ވަނުމުގެ ޝަރުޠު
އެޑިޔުކޭޝަން ދާއިރާއިން އެމް.ކިއު.އޭ ޤަބޫލުކުރާ ލެވެލް 9 ގެ ސަނަދަކާއި ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި ދިރާސީ މަސައްކަތްތަކެއް ކުރުމުގެ ތަޖުރިބާ ލިބިފައިވުމެވެ. އަދި ޕީ.އެޗް.ޑީ ހާސިލުކުރަން ބޭނުންވާ ދާއިރާގެ ޕްރޮޕޯޒަލެއް ތައްޔާރުކޮށް އެޕްލިކޭޝަން ފޯމާއެކު ހުށަހެޅުން. ޑިގްރީ ނުވަތަ މާސްޓަރސް ހާސިލުކުރުމުގެ ތެރޭގައި 1 އަހަރު ދުވަހުގެ ދިރާސީ މަސައްކަތެއް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
IELTS އިން ދަށްވެގެން 6.0 ލިބިފައިވުން ނުވަތަ ކެމްބްރިޖް ސެޓްފިކެޓް އޮފް އެޑްވާންސް އިންގްލިޝް (ސީ.އޭ.އީ) އިން ދަށްވެގެން "ސީ" ފާހެއް ލިބިފައިވުން ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން.
މި ކޯހުގެ ފީ އަކީ ސިމެސްޓަރ އަކަށް 8760 ރުފިޔާ އެވެ.
ކޯހަށް ދަރިވަރުން ހޮވާނީ ޔުނިވަރސިޓީގެ ހަޔަރ ޑިގްރީސް ކޮމިޓީއިންނެވެ. ކޯހަށް ދަރިވަރުން ހޮވުމުގައި ބަލާނީ ދަރިވަރުގެ ތަޢްލީމީ ފެންވަރާއި (ފުރަތަމަ ޑިގްރީ އަދި މާސްޓަރސް ޑިގްރީގެ ފެންވަރު) މާސްޓަރސް ކޯހުގައި ދިރާސީ މާއްދާތައް ކިޔަވާފައިވާ މިންވަރާއި، އިތުރު ދިރާސީ މަސައްކަތް (ރިސާރޗް ޕޭޕަރ/ކޮންފަރެންސް ޕޭޕަރ/އެހެނިހެން ޕަބްލިކޭޝަން) ކުރެވިފައިވާ މިންވަރާއި، އަދި އެޕްލިކޭޝަނާއިއެކު ހުށަހަޅާ ރިސާރޗް ޕްރޮޕޯސަލްގެ ފެންވަރަށް ބަލައިގެން ކަމަށް އެމްއެންޔޫއިން ބުނެއެވެ. އަދި އެ ޔުނިވަރސިޓީން ބުނެފައިވާ ގޮތުގައި، ފުރަތަމަ ޑިގްރީ އަދި މާސްޓަރސް ޑިގްރީ ފެންވަރު ކަނޑައަޅާނީ މި ދެ ކޯހުގެ ސީ.ޖީ.ޕީ.އޭ އަށް ބަލައިގެންނެވެ. ސީ.ޖީ.ޕީ.އޭ ލިޔެފައި ނުހުންނަ ޓްރާންސްކްރިޕްޓެއް ނަމަ ސީ.ޖީ.ޕީ.އޭ ކަލްކިއުލޭޓް ކުރުމުގައި ބަލާނީ މި ޔުނިވަރސިޓީގައި ސީ.ޖީ.ޕީ.އޭ ކަނޑައަޅާ އުސޫލަށެވެ.
މި ކޯހާއި ބެހޭ މަޢުލޫމާތު courses.mnu.edu.mv/ އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް portal.mnu.edu.mv މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު studentservices@mnu.edu.mv އަށް މެއިލް ކުރެއްވުމުން އަދި 1445 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.
ކޯހާ ބެހޭ އިތުރު މަޢުލޫމާތު ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. ސްޓޭޓްމަންޓް އޮފް އިންޓެންޓް ނުވަތަ ޕްރޮޕޯޒަލް ތައްޔާރުކުރުމާގުޅޭ މަޢުލޫމާތު އޮޅުންފިލުވުމަށް ގުޅުއްވާނީ އަލްފާޟިލާ ނާދިޔާ އަޙްމަދު (ފޯން: 3345300، އީމެއިލް: fe@mnu.edu.mv) އަށެވެ.
advertisment
ހިޔާލު