ފުރަތަމަ ޓާމުގެ ކިޔެވުމަށްފަހު ދަރިވަރުންނަށް ޗުއްޓީ ލިބުނީ ބުރާސްފަތިދުވަހުއެވެ. ފުރަތަމަ ޓާމުގެ ރިޕޯޓް ފޯމް ހިފައިގެން ސްކޫލުން ދަރިވަރުން ނުކުތުމުން ހުޅުމާލެ ފޭސް 1ގެ ފުލުން ވަނީ ޣާޒީ ސްކޫލުގެ ދަރިވަރުންނަށް ހަދިޔާ ބަހައި ޗުއްޓީ ތެރޭގައި އެ ދަރިވަރުންގެ ފަރާތުން ތިން ކަމަށް އެދިފައެވެ.

ކޮންމެ ކުއްޖަކަށް ވެސް ހަދިޔާއަކާއި މެސެޖެއް ލިޔެފައިވާ ކާޑެއް ދިނެއެވެ. އެ ކާޑުގައި ފުލުން އެދިފައި ވަނީ ތިން ކަމަކަށެވެ. އެއީ "ބަސް އަހައްޗޭ، ފަސް ނަމާދު ކުރައްޗޭ، އިހްތިރާމް ކުރައްޗޭ"އެވެ.
ފުލުހުންގެ ފަރާތުން ލިބުނު ހަދިޔާއާއި އަދި ދިން މެސެޖް އެ ދަރިވަރުން ބަލައިގަތީ އުފަލުންނެވެ.

ހަދިޔާއާއި ފުލުހުންގެ މެސެޖް ދަރިވަރުންނަށް ދިނުމަށްފަހު، އެ ފޮޓޯޓައް ފޭސްބުކުގައި ހިއްސާކުރުމަށްފަހު އޭގައި ލިޔެފައި ވަނީ ގައުމުގެ ކުރިމަގު ފާގަތި ކުރެވޭނީ މާދަމާ ހުންގާނުގައި ހިފާން ތިބި އަދުގެ ދަރީން ހެޔޮގޮތުގައި ބިނާ ކުރެވިގެން ކަމަށެވެ.

"އަމާން މުޖްތަމައެއް" ކެމްޕޭނުގެ ދަށުން ފުލުހުން އަންނަނީ ގިނަ ހަރަކާތްތަކެއް ދަރިވަރުންނަށާއި އާންމު ރައްޔިތުންނަށް އަމާޒުކޮށް ހިންގަމުންނެވެ. އެގޮތުން ސްކޫލްތައް ބަންދުވާ ދުވަސް ކަމަށް ވާތީ، އެކި ވަގުތުތަކަށް ބަހާލައިގެން މުޅި ދުވަހު ކުރިޔަށް ގެންދިޔައެވެ. އެ ޙަރަކާތުގެ ފަހުބައި ގެންދިޔައީ ހުޅުމާލޭ ފެހިރެސް ޕާކުގައެވެ. އޭގެ އިތުރުން މި ހަރަކާތްތައް ސްކޫލްތަކުގެ ކައިރީގައި ވެސް ކުރިއަށް ގެންދިޔައެވެ.

ހޭލުންތެރިކަން އިތުރުކުރަން ފުލުހުން މައުލޫމާތު ދިނީ މައިގަނޑު ގޮތެއްގައި ޗުއްޓީ ތެރޭގައި ދިމާވެދާނެ ކަންތައްތަކަށެވެ.
މައުލޫތު ދިނީ:
– ޗުއްޓީގައި ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން
– ދަތުރުތަކަށް ބޭނުންވާ ޑޮލަރު ގަތުމުގައި ސަމާލުކަން ދޭންވީ ކަންތައްތަކާ ބެހޭ ގޮތުން
– ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން
– ސްކޭމަށް ހޭލުންތެރިކުރުމާއި ރައްކާތެރި ފިޔަވަޅުތަކަށް އަހުލުވެރިކުރުމަށް

ސޯޅަ ދުވަހުގެ ޗުއްޓީއަށްފަހު ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ އަންނަ އޮގަސްޓް މަހުގެ 10ވަނަ ދުވަހުއެވެ.
advertisment
ހިޔާލު