އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމުގެ ގޮތުން މަޖީދިއްޔާ ސްކޫލުގެ ދަރިވަރުން ހުށައަޅައިދިން ސަޤާފީ ނެށުމަށް އެމަނިކުފާނު ޝުކުރުއަދާކުރައްވައިފިއެވެ.

މަޖީދިއްޔާ ސްކޫލުގެ 50 ދަރިވަރުން ސަޤާފީ ނެށުން ކުރިއަށް ގެންދިޔައީ ވިއައިޕީ ލޯންޗުން އެމަނުކުފާނާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނުކުމެވަޑައިގެންނެވުމުންނެވެ. ނެށުމުގައި ހަރަކާތްތެރިވި އަންހެން ދަރިވަރުން ތިބީ ރަތާއި ފެހި ކުލައިގެ ލިބާހާއި ހެދުންބުރީގައެވެ. ފިރިހެން ދަރިވަރުން ތިބީ ހުދު ޓީޝާޓްލައި ބޮލުގައި ފޮށައިއަޅައިގެންނެވެ. ދިވެހި ކުލަތައް ރަމްޒުކޮށްދޭ މާބޮޑިއެއް ހިފައިގެން އަންހެން ކުދިންގެ ސަޤާފީ ބަނޑިޔާ ނެށަމަށް ފުރިހަމަކަން ގެނެސްދެނީ ފިރިހެން ދަރިވަރުން ޖަހަމުންދިޔަ ބެރުންނެވެ.

މަޖީދިއްޔާ ސްކޫލުގެ ދަރިވަރުން ހުށައަޅައިދިން މި ނެށުން ބައްލަވަން ބޮޑުވަޒީރު މޯދީ އިރުކޮޅަކު ހުންނެވިއެވެ. ތިން މިނެޓްގެ މި ހަރަކާތަށްފަހު، އެކުދިންގެ ކައިރިއަށް ވަޑައިގަނަންވާ އެ ހުށައެޅުމަށް މަރުހަބާ ދެންނެވުމުގެ ގޮތުން އަތްޖައްސަވައި، އެކުދިންނާ ވާހަކަވެސް ދެކެވިއެވެ. އަދި އެކުދިންނާއެކު ފޮޓޯނެންގެވުމަށް ކުޑަވަގުތު ކޮޅެއް ވެސް ހޭދަކުރެއްވިއެވެ.

އޭގެ ފަހުން ބޮޑުވަޒީރު މޯދީ ހުޅުމާލޭ ރަސްމީ ފާލަމަށް އަރައިވަޑައިގެން ލޯންޗްކޮޅުފައި ވަޑައިގެންނެވީއެވެ.

ރާއްޖެއަށް ވަޑައިގެންނެވުމުން މަރުޙަބާގެ މާބޮނޑި ވެދުމަށް އެރުއްވީ ވެސް މަޖީދިއްޔާ ސްކޫލުގެ ދަރިވަރެކެވެ.
advertisment
ހިޔާލު