އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން އެމްއެންޔޫގެ ކައުންސިލަށް މެމްބަރަކު ހޯދަން އިއުލާން ކޮށްފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކައުންސިލަކީ، ޔުނިވަރސިޓީ ހިންގުމުގެ އެންމެ އިސް މަޖިލިހެވެ. މި މަޖިލީހުގައި މަތީ ތަޢުލީމާބެހޭ ވަޒީރު ޢައްޔަނުކުރާ ޔުނިވަރސިޓީއިން ބޭރުގެ 8 މެންބަރުން ހިމެނެއެވެ. މިގޮތުން، އެކައުންޓިންގ އެންޑް ފައިނޭންސް ދާއިރާއިން ކައުންސިލަށް މެންބަރަކު ބޭނުންވެފައިވާތީ، ޝައުގުވެރިވާ ފަރާތްތަކުން އަންނަ އޮގަސްޓް މަހުގެ 7ވަނަ ދުވަހު ލިޔެކިޔުންތައް ހުށައެޅުމަށް އެމްއެންޔޫއިން ކުރި އިއުލާނުގައި ބުނެފައިވެއެވެ.
ފައިނޭންސް ދާއިރާގެ މެމްބަރެއްގެ ޝަރުޠުތައް:
- އެކައުންޓިންގ އެންޑް ފައިނޭންސްގެ މެނޭޖީރިއަލް ފެންވަރުގެ ތަޖުރިބާ ލިބިފައިވުން
- ޔުނިވަރސިޓީ ކައުންސިލާއި ކައުންސިލުގެ ސަބް ކޮމިޓީތަކަށް އެކަށީގެންވާ ވަގުތު ދެވޭނެ ފަރާތަކަށްވުން
- ވޮލަންޓަރީ މަސައްކަތުގެ ތަޖުރިބާ ހުރުން (އިސްކަންދެވޭނެ)
- ޔުނިވަރސިޓީއަށް ނުވަތަ ޔުނިވަރސިޓީގެ ކުންފުނި ޔުނިވިޔައަށް މާލީ މަންފާއެއް ކުރާ މަސައްކަތެއްކޮށްދޭ ފަރާތެއްކަމުގައި ނުވުން.
- ޢުމުރުން 18 އަހަރު ފުރިފައިވުން
- އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- މުސްލިމަކު ކަމުގައިވުމާއެކު، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން
- ޔުނިވަރސިޓީގެ ކައުންސިލްގެ މެންބަރުކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ޢިލްމީ ފެންވަރާއި، ލަޔާޤަތު އަދި މަސައްކަތުގެ އަޚްލާޤު ހުރި މީހަކު ކަމުގައިވުން
- ސިޔާސީ ޕާޓީއެއްގެ މަޤާމެއްގައި ހުރި މީހަކު ކަމުގައި ނުވުން
- އިފްލާސްކުރެވިފައިވާ މީހަކު ކަމުގައި ނުވުން
އެމްއެންޔޫގެ ކައުންސިލު މެމްބަރަކަށް އުޖޫރައެއްގެ ގޮތުގައި ކޮންމެ ޖަލްސާއަކަށް ހާޒިރުވުމުން -/1000 (އެއްހާސް) ރުފިޔާގެ ރަމްޒީ ޢިނާޔަތެއް ދެއެވެ.
އެމްއެންޔޫއިން ބުނީ، އެ ޔުނިވަރސިޓީއިން ބޭރުގެ 8 މެންބަރުން ޢައްޔަނުކުރަނީ މަތީ ތަޢުލީމަށް ޒިންމާވާ ވަޒީރު ކަމަށާއި މެންބަރުން ޢައްޔަނުކުރަނީ، ޔުނިވަރސިޓީ ކައުންސިލްގެ ނޮމިނޭޝަން ކޮމިޓީއިން އެކުލަވާލާ ލިސްޓެއްގެ ތެރެއިން ކަމަށެވެ.
advertisment
ހިޔާލު