އަންނަ އަހަރުން ފެށިގެން ޤައުމީ ޤުރުއާން މުބާރާތަށް ބޮޑު ބަދަލެއް ގެންނަނީ

ވިވަކިވަކި ފަރުދުންނަށް ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދީ، ޤައުމީ މުބާރާތުގައި ބައިވެރިވާނެ ފަރާތްތައް ކަނޑައަޅަން އަތޮޅު މުބާރާތްތަކުގެ އިތުރުން ސަރަޙައްދީ ފެންވަރުގެ މުބާރާތްތަކެއް ބާއްވާނެ

އަންނަ އަހަރު ބާއްވާ 38 ވަނަ ޤައުމީ ޤުރުއާން މުބާރާތަށް ބޮޑު ބަދަލެއް ގެންނަން ނިންމާފައިވާކަން ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ހާމަކުރައްވައިފިއެވެ.

މިކަން އިއުލާން ކުރެއްވީ، ފާދިއްޕޮޅު އަތޮޅު ކައުންސިލުން އިމްތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ ޤުރުއާން މުބާރާތުގެ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވައި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ސަޢުދާންއެވެ.

ސައުދާން ވިދާޅުވީ، މި އަހަރު ބާއްވާ ޤައުމީ ޤުރުއާން މުބާރާތް ނިމުމާއެކު އަންނަ އަހަރު ބާއްވާ މުބާރާތުގެ ޤަވާއިދު އާންމު ކުރައްވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، އަންނަ އަހަރު ބާއްވާ 38 ވަނަ ޤައުމީ ޤުރުއާން މުބާރާތަކީ ބޮޑު ބަދަލަކާއެކު ބާއްވާ މުބާރާތަކަށް ވާނެ ކަމަށެވެ. އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ، ޤައުމީ މުބާރާތަށް ބައިވެރިން ހޮވަން، އަތޮޅު މުބާރާތުގެ އިތުރުން ސަރަހައްދީ މުބާރާތްތަކެއް ވެސް ބޭއްވުމެވެ. އަދި އެއާއެކު އަމިއްލަ ވަކިވަކި ފަރުދުންނަށް ބައިވެރިވެވޭ ގޮތަށް ކެޓަގަރީއެއް އިތުރު ކުރުމެވެ. ޤައުމީ މުބާރާތް މިހާރު ރާވާފައި އޮންނަ ގޮތުން އެ މުބާރާތުގައި ބައިވެރިވެވެނީ ސްކޫލްތަކުގެ ދަރިވަރުންނަށާއި މުއައްސަސާތަކަށެވެ. ވަކިވަކި ފަރުދުންނަކަށް ބައިވެރިއެއް ނުވެއެވެ.

"ބޭނުންވަނީ ޤައުމީ މުބާރާތަކީ މޮޅެތި ކުދިން ބައިވެރިވާ މުބާރާތަކަށް ވާން. އަޅުގަނޑުމެން ބޭނުން ވަނީ ކްރީމް އޮފް ކްރީމް ނެރެން. އޭގެ ސަބަބުން އެންމެ ބޮޑު، އެންންމެ ގިނަ އަދި އެންމެ ބޮޑު އިނާމް ވެސް ލިބޭ މުބާރާތައް އެ މުބާރާތް ވާން" ސަޢުދާން ވިދާޅުވިއެވެ.

މި އަހަރު ބާއްވާ ޤައުމީ ޤުރުއާން މުބާރާތް ތާވަލުކޮށްފައި ވަނީ އަންނަ ސެޕްޓެމްބަރު މަހު 18 ވަނަ ދުވަހަށެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *