ދިރާސީ އާ އަހަރު އަތޮޅުތަކުން 700 އެއްހާ ދަރިވަރުން މާލޭގެ ސްކޫލްތަކަށް ބަދަލުވާނެ ކަމަށް ބެލެވޭ

އަންނަ އަހަރު ފަށާ ދިރާސީ އާ އަހަރު އަތޮޅުތަކުން 700 އެއްހާ ދަރިވަރުން މާލެ ސަރަޙައްދުގެ ސްކޫލްތަކަށް ބަދަލުވާނެ ކަމަށް ބެލެވޭ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ދިރާސީ އާ އަހަރު އެލްކޭޖީ އާއި ގުރޭޑް 1އަށް ވަންނަން މިހާރު ވަނީ ހުޅުވާލާފައެވެ.

ޕީއެސްއެމްގެ ހެނދުނުހެނދުނާ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮފެޝަނަލް ޢަބްދުލް ވަލިއްޔު ޢަލީ ވިދާޅުވީ، މާލެ ސަރަޙައްދުގެ ސްކޫލްތަކަށް އަލަށް ވަންނަ ދަރިވަރުންނާއި އަތޮޅުތެރެއިން މާލެއަށް ބަދަލުވާ ދަރިވަރުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ، އަތޮޅުތަކުން މާލޭގެ ސްކޫލްތަކަށް 700 އެއްހާ ދަރިވަރުން ބަދަލުވާނެ ކަމަށް ބެލެވޭއިރު، އެލްކޭޖީ އަށް 1800 އެއްހާ ދަރިވަރުން، ގުރޭޑް 1އަށް 2000 އެއްހާ ދަރިވަރުން ވަންނާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންވެ ގިނަ އަދަދެއްގެ ކުދިންނަށް ޖާގަ ދޭންޖެހޭއިރު މާލެ ހިމެނޭ ސަރަހައްދުގެ ސްކޫލްތަކުން ޖާގަ ކަށަވަރުކުރުމަށް ދުރާލާ މަސައްކަތްތަކެއް އެޑިޔުކޭޝަން މިނިސްޓްރީން ކުރައްވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިރާސީ އާ އަހަރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލަށް އިމާރާތް ކުރި "ޝަހީދު އަލީ ސްކޫލް" ގެ ކިޔެވުން ފަށަން އެ މިނިސްޓްރީން ދަނީ ތައްޔާރު ވަމުންނެވެ. އެ ސްކޫލަށް ބަދަލުވާން ބޭނުންވާ ދަރިވަރުންނަށް އެ ފުރުޞަތު އެ މިނިސްޓްރީން ދާދި ފަހުން ހުޅުވާލިއެވެ.
ވަލިއްޔު ވިދާޅުވީ، ސްކޫލަށް ދަރިވަރުން ވެއްދުމުގެ ކަންތައްތައް އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

އެލްކޭޖީ އަދި ގްރޭޑް 1އަށް ދަރިވަރުން ވެއްދުމުގެ މުއްދަތު ހުޅުވާލާފަވަނީ އަންނަ 31 އޮގަސްޓްގެ ނިޔަލަށެވެ.

މި އަހަރު ގުރޭޑް 1ގައި 5000 އެއްހާ ދަރިވަރުން ކިޔެވުން ފެށިއިރު، އޭގެ ތެރެއިން 2000 އެއްހާ ދަރިވަރުންނަކީ މާލޭގެ ސްކޫލްތަކަށް ވަން ދަރިވަރުންނެވެ.

ރާއްޖޭގެ މަދަރުސީ ތައުލީމުގައި، ސަރުކާރުގެ 117 ސްކޫލެއްގައި 84000 ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *