ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އިން ގަރލްސް ޓު ކޯޑްގެ މާލެ އެޑިޝަން ފަށައިފި

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އިން އަންހެން ކުދިންނަށް ހާއްސަކޮށްގެން ކޯޑިންގ ދަސްކޮށްދިނުމަށް ހިންގާ ސިލްސިލާ ޕްރޮގްރާމްގެ ތެރެއިން ގަރލްސް ޓު ކޯޑް މާލެ އެޑިޝަން ފަށައިފިއެވެ.

2019 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ މި ޕްރޮގްރާމް ވަނީ ރާއްޖޭގެ އެކި ސަރަހައްދުގައި ކުރިއަށްގެންގޮސް އަންހެން ޒުވާނުންނަށް ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަށް ދިއުމަށް އަޅައިދެވޭ މުހިންމު ބިންގަލަކަށެވެ. މި ގޮތުން، މި ޕްރޮގްރާމް ފުވައްމުލައް، ކުޅުދުއްފުށި، ތިނަދޫ، ލާމު އަތޮޅު އަދި ދިއްދޫގައި ވަނީ ތައާރަފްކޮށްފައެވެ.

އިންޓަރނޭޝަނަލް ގަރލްސް އިން އައިސީޓީ މަހާ ގުޅުވައިގެން މި ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވައިލުމާއެކު ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިގެންގޮސްފައެވެ. މި ގޮތުން، މި އަހަރުގެ މި ޕްރޮގްރާމް ރަސްމީކޮށް ފެށުމަށް 15 ޖުލައިގައި ބޭއްވި ހުޅުވުމުގެ ރަސްމިއްޔާތު އަދި އޮރިއެންޓޭޝަނުގައި ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ 16 އަހަރާ 30 އަހަރާ ދެމެދުގެ އަންހެން ޒުވާނުން ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމްގެ ދަށުން، ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި މި ޕްރޮގްރާމުގެ ބައިވެރިން ވަރޗުއަލް އަދި ފިޒިކަލް ސެޝަންތައް މެދުވެރިކޮށް ވެބް ޑިވެލޮޕްމަންޓް އަދި ކޯޑިންގގެ ތަމްރީނުތައް ކުރިއަށްގެންދާނެއެވެ.

"މި އަހަރުގެ ގަރލްސް ޓު ކޯޑް ޕްރޮގްރާމްގެ މަގުސަދަކީ ބައިވެރިންނަށް ކޯޑް ކުރަން ދަސްކޮށްދިނުމުގެ އިތުރުން، ޕްރޮގްރާމް ނިންމާ ކުދިންނަށް ވަޒީފާގެ މައިދާނުގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށްދީ، ކެރިއަރ ގައިޑެންސް ވޯކްޝޮޕްތައް ތައާރަފްކޮށް، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން." ބިޝާރާ ހަމީދު، ދިރާގުގެ ސީނިއަރ މެނޭޖަރ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ވިދާޅުވިއެވެ.

"ގަރލްސް ޓު ކޯޑް އަކީ ޓެކްނޮލޮޖީގެ ދާއިރާގައި އަންހެން ޒުވާނުން ބާރުވެރިކޮށް، އަމިއްލަ ނަފްސަށް ކުރާ އިތުބާރު ވަރުގަދަކޮށް، ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށްދޭ ޕްރޮގްރާމެއް." އާމިނަތު ޝިއުފާ، ވިމެން އިން ޓެކް މޯލްޑިވްސްގެ ސެކްރެޓެރީ ޖެނެރަލް ވިދާޅުވިއެވެ.

މިއީ، ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، މުޖުތަމައުގައި ހޭލުންތެރިކަން އިތުރުކޮށް ޝާމިލު ޑިޖިޓަލް އިގްތިސޯދެއް ބިނާކުރުމަށް ކުރަމުންދާ މުހިންމު މަސައްކަތެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *