މަތީ ތަޢުލީމާ ބެހޭ ވަޒީރުގެ ކަންބޮޑުވުން: ފުލް ޓައިމާއި ޕާޓް ޓައިމްކޮށް ކިޔަވައިދޭ ޕްރޮގްރާމްތަކުގައި ތަފާތެއް ފެންނަން ނެތުން

ތަޢުލީމީ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކާއި އެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭ ގޮތުން މިއަދު ފެށި ބައްދަލުވުމުގައި މަތީ ތަޢުލީމާ ބެހޭ ވަޒީރު ވާހަކަ ދައްކަވަނީ- ފޮޓޯ: ޕީއެސްއެމް
މަތީ ތައުލީމު ދޭ ތަންތަނުގައި 18،000 އަށްވުރެ ގިނަ ދަރިވަރުން މިހާރު ކިޔަވަމުންދާއިރު، 90 އިންސައްތަ ދަރިވަރުން ކިޔަވަމުން ދަނީ މެންދުރު ފަހުގެ ދަންފަޅިއާއި ރޭގަނޑުގެ ދަންފަޅި އަދި ބްލޮކްމޯޑަށް ހަފްތާ ބަންދުގައި

ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދޭ މުއައްސަސާތަކުގައި ފުލް ޓައިމްކޮށް ކިޔަވާ ދަރިވަރުންނާއި ޕާޓް ޓައިމްކޮށް ކިޔަވާ ދަރިވަރުންގެ ޕްރޮގްރާމްތަކުގައި ތަފާތެއް ފެންނަން ނެތްކަމުގެ ކަންބޮޑުވުން މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު ފާޅުކުރައްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކާއި އެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭ ގޮތުން މަޝްވަރާކުރުމަށް މިއަދު ބޭއްވި މަސައްކަތު ބައްދަލުވުމުގައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ.

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގައި ޕާޓް ޓައިމްކޮށް ކިޔެވުމާއި ފުލް ޓައިމްކޮށް ކިޔެވުމުގެ ވަގުތުތައް ވަނީ ކަނޑައަޅާފައިވާ ކަމަށާއި ޕާޓް ޓައިމްކޮށް ކިޔަވާ ދަރިވަރެއްގެ ކޯހުގެ މުއްދަތުގެ ފުލް ޓައިމްކޮށް ކިޔަވާ ދަރިވަރެއްގެ ޕްރޮގްރާމެއްގެ ދެގުނައަށް ވާންޖެހޭނެކަމަށް ކަނޑައަޅާފައިވި ނަމަވެސް އެތަނެއް ނުފެންނަ ކަމަށް ޑރ. ހައިދަރު ވިދާޅުވިއެވެ.

މިކަން އެމަނިކުފާނު ސިފަކުރެއްވީ، ކިޔަވާދިނުމުގައި ގެންގުޅޭ ވައްޓަފާޅި އެއްކޮށް ބަދަލުކޮށްލާފަދަ، ތަޢުލީމު ފެންވަރު ކަށަވަރުކުރުމާއި، މުޅި ނިޒާމުގެ ނަޒާހަތްތެރިކަމަށްވެސް އޮތް ނުރައްކާތެރި މައްސަލައެއްގެ ގޮތުގައެވެ.

މަތީ ތައުލީމާ ބެހޭ ވަޒީރު ވިދާޅުވީ، އަޅުގަނޑުމެންގެ ކޮލެޖްތަކާއި ޔުނިވަރސިޓީތަކުން ދަސްވެނިވާ ދަރިވަރުންގެ އިލްމީ ޤާބިލިއްޔަތާއި ފެންވަރާމެދު ސުވާލުއުފައްދާ މިންވަރާމެދު އިތުރުވެފައިވާ ކަމަށެވެ.

"ރާއްޖޭގައި ވަޒީފާދޭ ފަރާތްތަކާ ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނާ އަމިއްލަ ދާއިރާތަކުން ތަކުރާރުކޮށް ފާޅުކުރާ އެއް ކަންބޮޑުވުމަކީ އަޅުގަނޑުމެންގެ ދަސްވެނީންގެ ކިބައިގައި މަސައްކަތުގެ މާހައުލަށް ބޭނުންވާ އެތައް މުހިންމު ޢިލްމާކާއި ހުނަރެއް ނުހުންނަކަން" ޑރ. ހައިދަރު ވިދާޅުވިއެވެ.

" ދަސްވެނީން އެކަށީގެންވާ މިންވަރަށް މަސައްކަތަށް ތައްޔާރުނުވާ ވާހަކަ. މުއާސަލާތު ކުރުމުގެ ހުނަރު ނުހުންނަވާހަކަ. އުފެއްދުންތެރިކަން ކުޑަކަމާ މައްސަލަ ހައްލުކުރުމުގެ ޤާބިލުކަން ދަށްކަމަށް އަމިއްލައަށް ގުޅިގެން މަސައްކަތް ކުރުމުގެ ރޫހާއި ސުލޫކު ނުހުންނަ ވާހަކަ"

އޭނާ ވިދާޅުވީ، އެއީ ދަރިވަރުންގެ އަމިއްލަ ނަފުސަށް ދޫކޮށްލެވެން އޮތް ކަމެއް ނޫން ކަމަށާއި އެއީ އެއަށްވުރެ ފުންކޮށް ވިސްނައި އަވަސް އިސްލާހުތަކެއް ގެންނަން ޖެހިފައިވާ ތައުލީމީ ނިޒާމުގައި އަށަގަނެވިފައިވާ މައްސަލައެއް ކަމަށެވެ.

ޑރ. ހައިދަރު ވިދާޅުވީ، އެންމެ ބޮޑު ގޮންޖެހުމަކީ އަޅުގަނޑުމެން ތައުލީމު ފޯރުކޮށްދޭން ޖެހޭ ގޮތާ އަޅުގަނޑުމެންގެ ދަރިވަރުންގެ ކިބައިން އުއްމީދު ކުރެވޭ ކަންކަމާ ދެމެދުގައި ހުރި ފަރަގު ކަމަށެވެ.

ތައުލީމު ދޭ ގިނަ މުވައްސަސާތަކުގެ ޕްރޮގްރާމްތަކަކީ ޤައުމުގެ އިޤްތިޞާދީ ދާއިރާގެ ބޭނުންތަކަށް ރިޔާއަތް ކުރެވިގެން ފަރުމާކުރެވިފައިވާ ޕްރޮގްރާމްތަކެއް ނޫންކަމަށާއި ޕްރޮގްރާމްތަކުގެ މަންހަޖުގައި ބަދަލުވަމުންދާ ފަންނިއްޔާތާ އެއް ހަމައެއްގައި މުރާޖަޢާ ކުރަމުން، އަދާހަމަކުރަމުން ނުދާކަން ވެސް މަތީ ތަޢުލީމާ ބެހޭ ވަޒީރު ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެންގެ ތަޢުލީމީ މުއައްސަސާތަކުން ކިޔަވައިދިނުމުގެ އެންމެހައި މަސައްކަތްތައް ކުރިއަށް ގެންދަނީ މެންދުރު ފަހުގެ ދަންފަޅިން ފެށިގެން ރޭގަނޑުގެ ވަގުތުތަކުގައާ ހަފުތާ ބަންދުގައިކަމީ އަޅުގަނޑުމެން އެންމެން ދަންނަ ހަޤީޤަތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެއީ ހެނދު ވަޒީފާއަދާ ކުރާ މީހުންނަށް ފުރުޞަތު ދޭން ކަމަށް ބެލެވޭ ކަމަށާއި މިހާރު މަތީ ތައުލީމު ދޭ ތަންތަނުގައި 18،000އަށްވުރެ ގިނަ ދަރިވަރުންގެ ތެރެއިން 90 އިންސައްތަ ދަރިވަރުން ކިޔަވަމުން ދަނީ މެންދުރު ފަހުގެ ދަންފަޅިއާ ރޭގަނޑުގެ ދަންފަޅި އަދި ބްލޮކްމޯޑަށް ހަފްތާ ބަންދުގައިކަން ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މިގޮތަށް ދަރިވަރުންގެ މުހްތާދުތަކަށް ރިޢާޔަތްކޮށްގެން ކިޔަވައިދޭ ކިޔަވައިދިނުމަކީ ބޭރުފުށުން ބަލާއިރު ބަޔަކަށް ފައިދާހުރި ކަމެއް ކަމުގައި ވީ ނަމަވެސް އަޅުގަނޑުމެން މިއަދު ކުރަންޖެހޭ ސުވާލަކީ މިފަދަ ގޮތަކަށް ފޯރުކޮށްދޭ ތަޢުލީމުގެ ސަބަބުން ޤައުމުން ދައްކަންޖެހޭ އިޖްތިމާއީ އިޤްތިޞާދީ އަގަކީ ކޮބައިތޯ" ކަންބޮޑުވުން ފާޅުކުރައްވަމުން ޑރ. ހައިދަރު ކުރެއްވީ ސުވާލެކެވެ.

"މިހާރު ހިންގާ ކޯސްތަކުގައި ގިނައިން ފެންނަނީ ޖިސްމާނީ ގޮތުން ހާޒިރުވެފައި ތިބި ނަމަވެސް ނަފުސާނީ ގޮތުން ވަރުބަލިވެފައިވާ ދަރިވަރުން. އެހެނީ އެ ދަރިވަރުން ކުލާސްތަކަށް އަންނަނީ ހެނދުނު ދަންފަޅީގެ މަސައްކަތްތައް ނިންމުމަށްފަހު ސީދާ މަސައްކަތުގެ މާހައުލުން ކަމަށްވާތީ. ގިނަ ފަހަރަށް އެއްވެސް އަރާމެއް ނެތި"

މަތީ ތައުލީމު ފޯރުކޮށްދޭ މުއައްސަސާތަކުގެ ދާރިސުންގެ ފީޑްބެކަށް ބަލާއިރު، ގިނަ ދަރިވަރުންގެ ކިޔެވުމަށް ހުންނަ ޝައުޤުވެރިކަން ދަށްވުމާއި ފިލާވަޅުތަކަށް ދޭ ސަމާލުކަން ކުޑަވުމާއި އުފެއްދުންތެރިކަމާއި މަޝްވަރާތަކުގައި ދަރިވަރުން ބައިވެރިވެ ޝާމިލުވުން ދަނީ ދަށްވަމުންކަން ޑރ. ހައިދަރު ވިދާޅުވިއެވެ.

"މީގެ ސަބަބުން އުނގެނުމާއި އުނގަންނައި ދިނުމުގެ މާހައުލަށް ނިކަމެތިކަން އާދޭ. ނަތީޖާއަކީ ދަސްވެނީންގެ ނަތީޖާއަށް ނޭދެވޭ އަސަރުކުރުން"

ޑރ. ހައިދަރު ވިދާޅުވީ، އަޅުގަނޑުމެންގެ ޒުވާނުންނަށް ހިތްވަރުދީ މަގުފަހިކޮށްދެންވަންވީ، ހެނދުނުވެސް ހިމެނޭހެން ދުވާލުގެ ދަނފަޅިތަކުގައި މަސައްކަތުން ވީއްލި ފުލްޓައިމްކޮށް ކިޔަވާށެވެ. އަޅުގަނޑުމެން އެންމެން މިއަދު އަޒުން ކަނޑައަޅަންވީ ކުރިއަށްއޮތް 3 އަހަރުތެރޭގައި އަންޑަގްރެޖުއޭޓް ޑީގްރީ ސަނަދުން ފެށިގެން ދަށުގެ ސަނަދުތަކަށް ކިޔަވައިދިނުމަށް ދުވާލުގެ ގަޑިތަކުގައި ކްލާސްތައް ބޭއްވުމަށް ވަގުތު ރޮނގެއް އެކުލަވާލުމަށެވެ.

"މިއީ ސަނަދުތަކުގެ އިތުބާރު ގެއްލިގެންދާނެކަމުގެ ނުރައްކާ އޮތް ކަމެއް. ތަޢުލީމީ ނިޒާމަށް އޮންނަ އިތުބާރު ދެމެހެއްޓުމަށްޓަކައި މަޝްވަރާކޮށް އިސްލާހީ ފިޔަވަޅުތަކެއް މިކަމަށް އަޅަން ޖެހޭ." ޑރ. ޙައިދަރު ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *