ގުރޭޑް 10އާއި 12 އަކީ ތަޢުލީމީ މަރުޙަލާގެ ފަހު އަހަރު ކަމަށްވާތީ މި ގުރޭޑްތަކުގައި ކިޔަވާ ދަރިވަރުންނަށް ސިއްޙީ ޚާއްޞަ ހާލަތެއް މެދުވެރިވެގެން ނޫން ގޮތަކަށް އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލެއް ނުކުރެވޭނެ ކަމަށް އުޞޫލުގައި ކަނޑައަޅާފައިވޭ
އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލު ކުރުމުގެ ފުރުޞަތު އަހަރަކު ދެ ފަހަރު ހުޅުވާލާގޮތަށް އުޞޫލަށް ބަދަލެއް ގެނެސްފިއެވެ. އާ އުޞޫލަށް އަމަލުކުރަން ފަށައި އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވީ އިއްޔެއެވެ.
ތަޢުލީމުގެ ޤާނޫނުގައި ބަޔާންކުރާ އުނގެނުމުގެ ޙައްޤު ކުޑަކުދިންނަށް ކަށަވަރުކޮށްދިނުމަށް، "ސްކޫލްތަކަށް ކުދިން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ކުދިން ބަދަލުކުރުމާ ބެހޭ އުޞޫލު" އަށް ހުރިހާ ސްކޫލަކުން އެއް މިންގަނޑަކަށް ޢަމަލުކުރުމުން ކުދިންގެ އުނގެނުމުގެ ފުރުޞަތަށް މަގު ފަހިވާނެ ކަމަށް އެ އުޞޫލުގައި ބުނެފައިވެއެވެ.
ސަރުކާރުގެ އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވާން ޖެހޭ ހާލަތުގައި އެކަން ހުށައަޅަން ޖެހެނީ އެ ކުއްޖަކު ކިޔަވަމުންދާ ސްކޫލަށެވެ. ޕްރައިވެޓް ސްކޫލަކުން ސަރުކާރުގެ ސްކޫލަކަށް ބަދަލުވާނަމަ އެކަން ހުށައަޅަން ޖެހެނީ އެޑިޔުކޭޝަން މިނިސްޓްރީއަށެވެ.

ގުރޭޑް 10އާއި 12 އަކީ ތަޢުލީމީ މަރުޙަލާގެ ފަހު އަހަރު ކަމަށްވާތީ މި ގުރޭޑްތަކުގައި ކިޔަވާ ދަރިވަރުންނަށް ސިއްޙީ ޚާއްޞަ ހާލަތެއް މެދުވެރިވެގެން ނޫން ގޮތަކަށް އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލެއް ނުކުރެވޭނެ ކަމަށް އުޞޫލުގައި ކަނޑައަޅާފައިވެއެވެ.
ސްކޫލަށް ކުދިން ވެއްދުމާއި ބަދަލުކުރުމުގެ މަރުޙަލާތަކާއި ދުވަސްތައް މި އުޞޫލުގައި ކަނޑައަޅާފައިވެއެވެ.
ސްކޫލަށް ދަރިވަރުން ވައްދަން ހުޅުވާލާނީ:
1- ލަފަތުގެ ތަޢުލީމު: (ފައުންޑޭޝަން ސްޓޭޖް) ފަށާ ގުރޭޑް ކަމުގައިވާ އެލްކޭޖީ
2- ފަށާ ތަޢުލީމު: (ކީ ސްޓޭޖް 1) ފަށާ ގުރޭޑް ކަމުގައިވާ ގުރޭޑް 1
3- މަތީ ސާނަވީ (ކީ ސްޓޭޖް 5) ފަށާ ގުރޭޑް ކަމުގައިވާ ގުރޭޑް 11
އުޞޫލުގައި ބުނެފައިވާ ގޮތުން ކުރިއަށް އޮތް ދިރާސީ އަހަރު އެލްކޭޖީ އަދި ގުރޭޑް 1 އަށް އަލަށް ކުދިން ވެއްދުމުގެ މުއްދަތު ހިނގަމުންދާ އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް ހަމަވާނެއެވެ. އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރަން އެންމެ ރަނގަޅީ ދިރާސީ އަހަރު ނިމުމުން ނުވަތަ ޓާމު ނިމުމުން ކަމަށްވާތީ، ދަރިވަރު އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރުމުގެ ފުރުޞަތު ހުޅުވާލާނީ އަހަރަކު ދެ ފަހަރުއެވެ. އާ ދިރާސީ އަހަރަށް ދަރިވަރުން އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރަން އެދޭނަމަ ދެވަނަ ޓާމު ނިމުމުގެ 1 މަސް ކުރިން އެ ދަރިވަރަކު މިހާރު ކިޔަވަމުންދާ ސްކޫލަށް ހުށައަޅަން ޖެހެއެވެ. ފުރަތަމަ ޓާމު ނިމި ދެވަނަ ޓާމު ފެށޭއިރު ދަރިވަރުން އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލު ކުރުމަށް އެދޭނަމަ، ޓާމު ނިމުމުގެ 1 މަސް ކުރިން މިހާރު އެ ދަރިވަރަކު ކިޔަވަމުންދާ ސްކޫލަށް ހުށައަޅަން ޖެހެއެވެ.
ގުރޭޑްތަކަށް ވަދެވޭ އުމުރުފުރާ ވެސް މި އުޞޫލުގައި ކަނޑައަޅާފައިވެއެވެ. ސްކޫލުތަކުގެ އެލްކޭޖީއިން ފެށިގެން ގުރޭޑް 12އަށް ވައްދާނީ ނުވަތަ އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރާނީ، އެ ދަރިވަރަކު ސްކޫލަށް ވައްދަން ބޭނުންވާ އަހަރުގެ ކުރީ އަހަރުގެ ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ޢުމުރުފުރާ ހަމަވާ ކުދިންނެވެ.

ގުރޭޑްތަކަށް ވަދެވޭ އުމުރުފުރާތައް:
- އެލްކޭޖީ- 4 އަހަރުފުރި 5އަހަރު ނުފުރޭ ކުދިން
- ޔޫކޭޖީ- 5އަހަރު ފުރި 6 އަހަރު ނުފުރޭ ކުދިން
- ގުރޭޑް 1 6 އަހަރު ފުރި 7އަހަރު ނުފުރޭ ކުދިން
- ގުރޭޑް2 7އަހަރު ފުރި 8އަހަރު ނުފުރޭ ކުދިން
- ގުރޭޑް3 8އަހަރު ފުރި 9އަހަރު ނުފުރޭ ކުދިން
- ގުރޭޑް4 9 އަހަރު ފުރި 10އަހަރު ނުފުރޭ ކުދިން
- ގުރޭޑް 5 10 އަހަރު ފުރި 11 އަހަރު ނުފުރޭ ކުދިން
- ގުރޭޑް6 11 އަހަރު ފުރި 12އަހަރު ނުފުރޭ ކުދިން
- ގުރޭޑް 7 12 އަހަރު ފުރި 13 އަހަރު ނުފުރޭ ކުދިން
- ގުރޭޑް 8 13 އަހަރު ފުރި 14 އަހަރު ނުފުރޭ ކުދިން
- ގުރޭޑް 9 14 އަހަރު ފުރި 15 އަހަރު ނުފުރޭ ކުދިން
- ގުރޭޑް 10 15 އަހަރު ފުރި 16 އަހަރު ނުފުރޭ ކުދިން
- ގުރޭޑް 11 16 އަހަރު ފުރި 17 އަހަރު ނުފުރޭ ކުދިން
- ގުރޭޑް 12 17 އަހަރު ފުރި 18 އަހަރު ނުފުރޭ ކުދިން
އާ ދިރާސީ އަހަރުގެ ތެރޭގައި ރާއްޖޭގެ އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވާ ދަރިވަރުންނަށް ޖާގަ ދެވޭނީ އެ ކުއްޖަކު ކިޔަވަމުންދާ ގުރޭޑަކަށެވެ.
އެލްކޭޖީ އަދި ގުރޭޑް 1އަށް ކުދިން ވެއްދުމުގައި ބަލާނީ، ކަނޑައެޅޭ "ސްކޫލުގެ ސަރަހައްދު" ނުވަތަ "ކެޗްމަންޓް އޭރިއާ" ގައި ދިރިއުޅޭ ކުއްޖަކަށް ވުމާއި އެއްބަނޑުއެއްބަފާ/ އެއްބަނޑު ނުވަތަ ޝަރުއީގޮތުން ބަލަންޖެހިފައިވާ ކުދިން އެ ސްކޫލަށްދާނަމަ އެފަދަ ކުއްޖަކަށް ވުމާއި އެ ސްކޫލެއްގެ މުވައްޒަފުންގެ ބެލެނިވެރި / ބަލަދުވެރި ކަމުގައިވާ ކުއްޖަކަށް ވުމުގެ އިތުރުން ސްކޫލުގައި އިތުރު ޖާގަ އޮތްނަމަ އެ ސްކޫލުގެ އެންމެ ކައިރި "ކެޗްމަންޓު" ސަރަހައްދުގެ ކުއްޖަކަށް ވާނަމައެވެ.

މި އުޞޫލުގައި ބުނެފައިވާ ގޮތުގައި، ސަރުކާރު ސްކޫލްތަކުގެ ގުރޭޑް 11އަށް ކުދިން ވައްދާނީ، ޝަރުޠު ބަޔާންކޮށް އިޢުލާން ކުރުމުން ފޯމް ހުށައަޅާ ކުދިންގެ ތެރެއިން ޝަރުޠު ހަމަވާ ކުދިންނަށް އިސްކަންދީގެން، ސްކޫލުގައި ޖާގަ އޮތް މިންވަރަކަށެވެ. މިގޮތުން ޝަރުޠު ހަމަވުމާއެކު، ޖާގަ ހަމަނުޖެހޭ ދަރިވަރުންނަށް އެޑިޔުކޭޝަން ނިސްޓްރީން ކަނޑައަޅާ އުޞޫލެއްގެ ތެރެއިން ޖާގަ ހަމަޖައްސައިދޭނެއެވެ. އެ އުޞޫލުގައި، އުމުރުފުރާ ކަނޑައަޅާފައިވީ ނަމަވެސް ގުރޭޑް 10 ނިންމާ، ގުރޭޑް 11އަށް ވަނުމަށް ޝަރުޠުހަމަވާ އަދި 18 އަހަރު ފުރިފައިނުވާ ކުދިންނަށް ޖާގަ ދޭންވާނެ ކަމަށް ބުނެފައިވެއެވެ.
އެ އުޞޫލުގައި ބުނެފައިވާ ގޮތުން ރާއްޖެއިން ބޭރުގައި ދިރިއުޅެފައި ރާއްޖެ އަންނަތާ ހަފުތާއެއްގެ ތެރޭގައި ސްކޫލަށް ވައްދަން ހުށައަޅާން ޖެހެއެވެ. ސްކޫލަށް އެ ކުއްޖަކު ވައްދާނީ އެކުއްޖެއްގެ އުމުރުފުރާ އާ ގުޅޭ، ޝަރުޠު ހަމަވާ ގުރޭޑަކަށެވެ.
ވާކްވިސާ ނޫނީ ޑިޕްލޮމެޓުންގެ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރާ ފަރާތްތަކުގެ ކުދިންނަށް، އެ ކުއްޖެއްގެ އުމުރުފުރާއާ ގުޅޭ ސަރުކާރުގެ ސްކޫލަކުން ޖާގަދޭން ޖެހެއެވެ. ޖާގަ ދިނުމުގައި ދިރިއުޅޭ ސަރަހައްދަކަށް އިސްކަންދިނުމާއި ވަކި ގުރޭޑަކަށް ވައްދަން ބޭނުންވާނަމަ އެކަން ނިންމާނީ އެޑިޔުކޭޝަން މިނިސްޓްރީންނެވެ.
ކުލާސްރޫމްތަކުގައި ކިޔަވާ ކުދިންގެ އަދަދު ވެސް މި އުޞޫލުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ފައުންޑޭޝަން ކުލާހެއްގައި ނަމަ ކުލާހެއްގައި ގިނަވަގެން ތިބޭނީ 25 ކުދިންނެވެ. ފަށާ ތައުލީމާއި ސާނަވީ އަދި މަތީ ސާނަވީގެ ކުލާހެއްގައި ނަމަ 30 ޖާގައެވެ. ނަމަވެސް އުނގެނުމުގެ ޙައްޤު ކަށަވަރު ކުރުމުގެ ގޮތުން އެ އަދަދަށްވުރެ ގިނަ ދަރިވަރުން ހިމެނޭ ގޮތަށް ސްކޫލެއްގެ ގުރޭޑްގެ ޖާގަ ހަމަޖައްސާނީ އެޑިޔުކޭޝަން މިނިސްޓްރީންނެވެ. ސަރުކާރު ނޫން ސްކޫލްތަކުގެ ކުލާހެއްގައި ކިޔަވާ ކުދިންގެ އަދަދު ކަނޑައަޅާނީ އެ ތަނަކާ އެ މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށެވެ.
advertisment
ހިޔާލު