ސިންގަޕޫރު އިންޓަނޭޝަނަލް މެތް އޮލިމްޕިއާޑް ޗެލެންޖުގައި ބްރައިޓްވޭއަށް 20 މެޑަލް

ސިންގަޕޫރު އިންޓަނޭޝަނަލް މެތް އޮލިމްޕިއާޑް ޗެލެންޖު (ސިމޮކް)ގައި ބްރައިޓްވޭގެ ދަރިވަރުން 20 މެޑަލް ހޯދައިފިއެވެ. ފައިނަލް ރައުންޑަށް ބްރައިޓްވޭގެ ދަރިވަރުން ދިޔައީ، ސިންގަޕޫރު އެންޑް އޭޝިއަން ސްކޫލްސް މެތު އޮލިމްޕިއާޑް (ސަސްމޯ) އިން ހޯދި ކާމިޔާބާއެކުގައެވެ.

ޖުލައި މަހުގެ 5ން 9އަށް ސިންގަޕޫރުގައި ކުރިއަށް ދިޔަ ފައިނަލް ރައުންޑަށް ބްރައިޓްވޭގެ 49 ދަރިވަރުން ކޮލިފައިވިއެވެ. ތަފާތު ސަބަބުތަކާ ހުރެ ފައިނަލް ރައުންޑްގައި ބައިވެރިވީ 30 ދަރިވަރުންނެވެ. ފައިނަލް ރައުންޑްގައި ދުނިޔޭގެ 41ޤައުމަކުން 2400 ކުދިންނާ ވާދަކޮށް ބްރައިޓްވޭގެ ދަރިވަރުން 20 މެޑަލް ހޯދިއެވެ. އެއީ 4ރަން މެޑަލާއި 4 ރިހިމެޑަލްގެ އިތުރުން 12 ލޯ މެޑަލެވެ. އަދި އެ ސްކޫލުގެ ދެ ދަރިވަރުންނަށް ސްކޮލަރޝިޕް ވެސް ލިބުނެވެ. ސްކޮލަރޝިޕް ދެނީ އެންމެ ރަނގަޅަށް ޕާފޯމަސް ކުރި ކުދިންގެ ތެރެއިން، މެޑަލް ނުލިބޭ ދަރިވަރުންގެ ތެރެއިން، ޓްރެއިނިންގ ދީގެން އަންނަ އަހަރު މެޑަލް ލިބޭ ހިސާބަށް ގެންދެވޭނެ ކަމުގެ ޤާބިލް ހުރި ކުދިންނަށެވެ. ސްކޮލަރޝިޕްގެ ފުރުޞަތު ދެނީ ބައިވެރިވާ ކޮންމެ ޤައުމަކުން ވެސް ދެ ކުއްޖަކަށެވެ.

މެއި މަހުގެ ތެރޭގައި ބޭއްވި ސިންގަޕޫރު އެންޑް އޭޝިއަން ސްކޫލްސް މެތު އޮލިމްޕިއާޑް (ސަސްމޯ)ގައި ބްރައިޓްވޭގެ 143 ދަރިވަރުން ބައިވެރިވެ 59 މެޑަލް ހޯދިއެވެ. އޭގެ ތެރޭގައި ހިމެނެނީ، 15 ދަރިވަރުން ހޯދި ރަން މެޑަލާއި 19 ދަރިވަރުން ހޯދި ރިހި މެޑަލްގެ އިތުރުން 25 ދަރިވަރުން ހޯދި ލޯ މެޑަލެވެ.

މި މުބާރާތުގައި ރާއްޖެއިން ބައިވެރިވީ، ސިންގަޕޫރުގެ ކަރިކިއުލަމަށް ރާއްޖޭގައި ހަމައެކަނި ކިޔަވައިދެމުން ގެންދާ ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލުންނެވެ.

ސަސްމޯގައި މި އަހަރު 41 ޤައުމެއްގެ 8163 ސްކޫލަކުން 66،000 ދަރިވަރުން ވާދަކުރިއެވެ. ހިސާބުގެ އާދަޔާ ޚިލާފު ހުނަރުވެރިކަން ދައްކުވައިދީ، 14 ގައުމަކުން 53 ދަރިވަރަކު ވަނީ ގްރޭޑް 2، 3، 4، 5، 6، 8، 10، 11 އަދި 12 އިން ޕާފެކްޓް ސްކޯ ހާސިލްކޮށްފަ އެވެ.

ސަސްމޯ އަކީ ހިސާބުގެ އިލްމްގައި ދަރިވަރުންގެ ހުނަރުތައް ދައްކާލުމަށް ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތަކީ ކޮންމެ ދަރިވަރެއްގެ ކިބައިގައި ވެސް ހިސާބުގެ ޝައުގުވެރިކަން އަލުން އާލާކުރުމަށް އެކުލަވާލާފައިވާ މުބާރާތެކެވެ. ސަސްމޯ މުބާރާތް ކުރިއަށް ގެންދަނީ ސްކޫލްތަކުގެ ކަރިކިއުލަމާ ގުޅުވައިގެންނެވެ. ސަސްމޯ މުބާރާތަށް ދަރިވަރުން ތައްޔާރުވުމުގެ ސަބަބުން ޕީއެސްއެލްއީ އަދި އޯލެވެލް އިމްތިހާނަށް  އެހީތެރިވެދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *