އަރަބިއްޔާ ސްކޫލުގެ ފައުންޑޭޝަން އަޅައިފި، އަންނަ އަހަރުގެ ނޮވެންބަރަށް ނިމޭނެ

ޢަރަބިއްޔާ ސުކޫލުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރު މަހަށް ނިމޭނެ ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އެ ސްކޫލުގެ ފައުންޑޭޝަން މަސައްކަތް ފައްޓަވައި ދެއްވައި ދައުލަތުގެ މީޑިޔާ ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައެވެ. މި އިންޓަވިއުގައި ވަޒީރު ވިދާޅުވީ އެ ސްކޫލްގެ މަސައްކަތް އަންނަ އަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް އަރަބިއްޔާ ސްކޫލްއަކީ ވަރަށް ޒަމާނީ ސްކޫލްއަކަށް ވާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

އަރަބިއްޔާ ސުކޫލުގެ އާ އިމާރަތުގެ ބިންގާ އެޅީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެ ސްކޫލުގެ މަސައްކަތް ކުރަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އިންނެވެ.

އަރަބިއްޔާ ސުކޫލުގެ އާ އިމާރާތް ތަރައްގީ ކުރަނީ މާފަންނު ސްޓޭޑިއަމް ސްޓޭޑިއަމް ކައިރީ ކަމަށްވުމުން އެކަމުގެ ސަބަބުންވެސް ދަރިވަރުންނަށް ފަސޭހަވާނެކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.

މީގެ ކުރިން ތައުލީމީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި އަރަބިއްޔާ ސުކޫލުގެ އާ އިމާރާތް ތަރައްގީ ކުރަނީ 10 ފަންގިފިލާއަށެވެ. އެ އިމާރާތުގައި 42 ކުލާސްރޫމު ހުންނާނެއެވެ. މަލްޓިޕާޕަސް ހޯލަކާއި 4 ލިފްޓް ވެސް ބަހައްޓާނެއެވެ.

"ސްކޫލްގެ ޓެރެސްގައި ވެސް އެކަށީގެންވާވަރަށް ދަރިވަރުންނަށާއި މުދައްރިސުންނަށްވެސް އަދި ސިވިލް ސޮސައިޓީސްތަކަށް ބޭނުންކުރެވޭ ގޮތަށް އެކަށީގެންވާ ވަރަށް ޖާގަ ވެސް އޮންނާނެ." ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެފައިވެއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *