އިންޓަރނޭޝަނަލް އިންޕުޓް-އައުޓްޕުޓް އެސޯސިއޭޝަން ކޮންފަރެންސް ވިލާ ކޮލެޖުގައި މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި ކޮންފަރެންސް ކުރިއަށް ގެންދަނީ މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ކޮންފަރެންސްގައި 38 ގައުމެއް ތަމްސީލު ކުރާ 196 ބޭފުޅުން ބައިވެރިވެއެވެ. މީގެ ތެރޭގައި 88 ޔުނިވާސިޓީ ދަރިވަރުން ހިމެނެއެވެ. މި ކޮންފަރެންސްގެ ތެރޭގައި "އިންޕުޓް-އައުޓްޕުޓް އެނަލިސިސް" އާއި ގުޅުންހުރި އެކި މައުޟޫޢުތަކަށް 150 އަށްވުރެ ގިނަ ދިރާސާ ކަރުދާސް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޮންފަރެންސްގެ އެންމެ މުހިންމު އެއްބަޔަކީ، ދާއިރާގެ ފުންނާބުއުސް ތިން ބޭފުޅަކު ދެއްވާ "ކީނޯޓް ސްޕީޗް" ތަކެވެ. އެގޮތުން، އެމެރިކަން ޔުނިވަރސިޓީގެ ޕްރޮފެސަރ ރޮބަރޓް ކޫޕްމަން، ޔުނިވަރސިޓީ ކޮލެޖް ލަންޑަންގެ ޕްރޮފެސަރ ޖިންގް މެންގް، އަދި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކުގެ ޕްރިންސިޕަލް ސްޓެޓިސްޓިޝަން ޑރ. މަހިންތަން ޖޯސެފް މާރިއަސިންހަމް ވާހަކަފުޅު ދައްކަވާނެއެވެ. މިބޭފުޅުންގެ ވާހަކަފުޅުތަކުގައި ޖިއޯ-އިކޮނޮމިކް ބާރުތައް، ގްލޯބަލް ސަޕްލައި ޗެއިންތަކުގައި 'ގްލޯބަލް ސައުތު’ގެ ދައުރު، އަދި މި ޒަމާނުގެ އިޤްތިޞާދީ ގުޅުންތަކުގެ މައްޗަށް އަލިއަޅުވާލާނެއެވެ.

ޕްރޮފެސަރ ރޮބަރޓް ކޫޕްމަން މިއަދު ދެއްވި ކީނޯޓްގައި، އިންޕުޓް-އައުޓްޕުޓް (އައި.އޯ) އެނަލިސިސްއަކީ ހަމައެކަނި ވިޔަފާރި ހިސާބުކުރާ މިންގަނޑެއްގެ ބަދަލުގައި، މިއަދުގެ ބައިބައިވެފައިވާ ދުނިޔޭގައި ޖިއޯ-އިކޮނޮމިކް ބާރާއި ނާޒުކުކަން ދެނެގަތުމަށް ބޭނުންކުރެވޭ މުހިންމު ވަސީލަތަކަށް ވެފައިވާ ގޮތުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މިއަދު ދުނިޔެ ވަނީ ބައިނަލްއަޤްވާމީ ގޮތުން ޤައުމުތައް ގުޅިގެން މަސައްކަތްކުރާ ވެށްޓަކުން، ސްޓްރެޓެޖިކް ވާދަވެރިކަމާއި ފްރެގްމެންޓޭޝަންގެ ވެށްޓަކަށް ބަދަލުވެފައި ކަމަށެވެ. އަދި މިކަމުގައި އެންމެ ބޮޑު ގޮންޖެހުމަކީ، އޭ.އައި ފަދަ ޓެކްނޮލޮޖީތަކުގެ ސަބަބުން އުފެދޭ، އާދައިގެ ޑޭޓާއިން ނުފެންނަ "ނެޓްވޯކް ލުބްރިކަންޓް" ގުޅުންތަކާއި "އެޑެޕްޓިވް ކެޕޭސިޓީ" މިންކުރުމެވެ. އެހެންކަމުން، މި ޒަމާނާ އެއްގޮތަށް، މި ދާއިރާގެ ދިރާސާތަކުގެ މުހިންމުކަން ދެމެހެއްޓުމަށް، އިތުރަށް ތަފްޞީލީ އަދި ޑައިނަމިކް މޮޑެލްތައް އުފައްދައި، އާ މިންގަނޑުތަކެއް ހޯދުމަށް ކޫޕްމަން ވަނީ ދާއިރާގެ މާހިރުންނަށް ގޮވާލައްވާފައެވެ.

ކޮންފަރެންސްގެ މުހިންމު ބައެއްގެ ގޮތުގައި، ޒުވާން ދިރާސާކުރާ ބޭފުޅުންނަށް ޚާއްޞަކޮށްގެން 'އިންޓަރނޭޝަނަލް ސްކޫލް އޮފް އިންޕުޓް-އައުޓްޕުޓް އެނަލިސިސް(ISIOA) ' ގެ 13 ވަނަ އެޑިޝަން، ޖުލައި 7 ވަނަ ދުވަހު ވަނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ. ޖުމްލަ 115 ބައިވެރިންނާއެކު ކުރިއަށް ދިޔަ މި ތަމްރީނު ޕްރޮގްރާމުގެ މަޤްޞަދަކީ، މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ފުރުޞަތު ތަނަވަސްކޮށްދީ، ތަޖުރިބާކާރުންގެ ލަފާ ހޯދުމުގެ މަގުފަހިކޮށްދިނުމެވެ. މީގެ އިތުރުން، ޒުވާނުންގެ ރިސަރޗް ހުނަރުވެރިކަން ދައްކާލުމަށް 'ޔަންގް ރިސާޗަރސް ނައިޓް' އަދި 'ފްލޭޝް ޕްރެޒެންޓޭޝަން' ފަދަ ޚާއްޞަ ހަރަކާތްތަކެއް ވެސް ކުރިއަށްދާނެއެވެ.

މި ކޮންފަރެންސްގައި 40 އަހަރުން ދަށުގެ ޒުވާނުންގެ ތެރެއިން ހޮވާލެވޭ އެންމެ މޮޅު ކަރުދާހަށް 'ލިއޮންޓީފް މެމޯރިއަލް ޕްރައިޒް' ގެ ނަމުގައި ޚާއްޞަ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އިނާމުގެ ދަށުން 1,000 ޔޫރޯގެ ފައިސާގެ އިނާމެއްގެ އިތުރުން، އެ ކަރުދާސް IIOA ގެ ރަސްމީ ޖާނަލް "އިކޮނޮމިކް ސިސްޓަމްސް ރިސާޗް" ގައި ޝާއިޢުކުރުމުގެ ޝަރަފުވެރި ފުރުޞަތު ލިބިގެންދާނެއެވެ.

މިފަދަ ބައިނަލްއަޤްވާމީ ފެންވަރުގެ ކޮންފަރެންސެއް ވިލާ ކޮލެޖުން އިންތިޒާމުކުރުމަކީ ދިވެހިރާއްޖެއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކާއި ޝަރަފެކެވެ. މީގެ ސަބަބުން ރާއްޖެއަކީ އިޤްތިޞާދީ ދިރާސާތަކާއި ބައިނަލްއަޤްވާމީ ޢިލްމީ ބައްދަލުވުންތަކުގެ މަރުކަޒެއްގެ ގޮތުގައި ފާހަގަވެ، ދިވެހިރާއްޖޭގެ ޢިލްމީ ދާއިރާގެ ބޭފުޅުންނާއި ދަރިވަރުންނަށް ދުނިޔޭގެ ފެންވަރުގެ މާހިރުންނާ ބައްދަލުކޮށް، ޢިލްމީ ގުޅުންތައް ބަދަހިކުރުމުގެ އަގުހުރި ފުރުޞަތުތަކެއް ލިބިގެންދާނެއެވެ.
މި ކޮންފަރެންސްއަކީ އިޤްތިޞާދީ ދިރާސާގެ ދާއިރާއިން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ކޮންފަރެންސެއެވެ.
advertisment
ހިޔާލު