މިލަންދޫ ސްކޫލާއި އިހަވަންދޫ ސްކޫލުގެ އޭލެވެލް އެޑިޔުކޭޝަން ކޭމްޕް މިފަހަރު އިހަވަންދޫގައި

ށ. މިލަންދޫ ސްކޫލާއި އިހަވަންދޫ ސްކޫލް ގުޅިގެން ބާއްވަމުން އަންނަ "އޭ ލެވެލްގެ އެޑިޔުކޭޝަނަލް ކޭންޕް" މި އަހަރު ބޭއްވީ އިހަވަންދޫ ސްކޫލުގައެވެ. މިއީ މި ކޭމްޕް ބާއްވާ ދެވަނަ އަހަރެވެ. މިދިޔަ އަހަރު މި ކޭމްޕް ބޭއްވީ މިލަންދޫ ސްކޫލުގައެވެ.

ޢިލްމާއި ތަޖުރިބާ ހޯދުމާއި، ޙިއްޞާކުރުމުގެ އުންމީދުގައި، މިލަންދޫ ސްކޫލުގެ މަތީ ސާނަވީ 46 ދަރިވަރުން މި ކޭމްޕްގައި ބައިވެރިވިއެވެ. ދަރިވަރުންނަށް އެހީތެރި ވުމަށް 38 ބެލެނިވެރިންނާއި 9 މުދައްރިސުން ބައިވެރިވިއެވެ.

ހުލައި 3ން 5އަށް ކުރިއަށް ގެންދިޔަ މި ކޭމްޕްގައި އިހަވަންދޫ ސްކޫލުގެ 35 ދަރިވަރުން ބައިވެރިވިއެވެ. ކޭންޕުގައި ކިޔަވައިދެއްވީ ދެ ސްކޫލްގެ މަތީ ސާނަވީ މުދައްރިސުންނެވެ.

މިލަންދޫ ސްކޫލުން ކޭންޕުގައި ބައިވެރިވި މުދައްރިސުން އިހަވަންދޫ ސްކޫލްގެ ގްރޭޑް 10 އަދި 9 ގެ ދަރިވަރުންނަށް ބައެއް މާއްދާތަކުގެ ގަޑިތައް ވެސް ކޭންޕުގެ ހަވާސާއިން ގެންދިޔައެވެ.

މިލަންދޫ ސްކޫލުން ޒިޔާރަތްކުރި ޓީމަށް އިހަވަންދޫ ސްކޫލުގެ މުވައްޒަފުންނާއި ދަރިވަރުން ވަރަށް ހޫނު މަރުޙަބާއެއް ވަނީ ކިޔާފައެވެ. މި ދަތުރުގައި ދަރިވަރުންނަށް އިހަވަންދޫ ސްކޫލްގެ ތަޢުލީމީ މާޙައުލާއި، ކިޔަވައިދިނުމުގެ ވަސީލަތްތައް ބަލައިލުމުގެ ފުރުޞަތު ދީފައިވެއެވެ. އަދި އިހަވަންދޫ ސްކޫލްގެ ދަރިވަރުންނާއި މުދައްރިސުންނާއެކު މުހިންމު މަޝްވަރާތަކެއް ކުރުމުގެ ފުރުޞަތު ލިބި، އިހަވަންދޫ ސްކޫލުގެ އޭ ލެވެލް ޕްރޮގްރާމްތަކާއި ސްކޫލުގެ އެކިއެކި މަސައްކަތްތަކާ ބެހޭ މަޢުލޫމާތު މިލަންދޫ ސްކޫލުން ހޯދާފައިވެއެވެ.

މީގެ އިތުރުން މިދަތުރުގައި މިލަންދޫ ސްކޫލުގެ ދަރިވަރުން އިހަވަންދޫ ރަށު ކައުންސިލަށާއި، ޕޮލިސް ސްޓޭޝަނަށާއި އިހަވަންދޫ އައިސް ޕްލާންޓަށާއި ފެނަކަ އިހަވަންދޫ ބްރާންޗަށް ޒިޔާރަތްކުރިއެވެ. އަދި އިހަވަންދޫ މަސްވެރިންގެ ގުޅުން، (އިމަގު) ޖަމިއްޔާއަށް ޒިޔާރަތްކޮށް، އެ ޖަމިއްޔާގެ ހަރަކާތްތަކާއި ބެހޭ މައުލޫމާތު ހޯދިއެވެ. އިހަވަންދޫގެ ޤަދީމީ ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު ވެސް ހޯދާފައިވެއެވެ.

މި ދަތުރަކީ ދަރިވަރުންނަށް އެކުދިންގެ ތަޢުލީމީ ދާއިރާ ފުޅާކޮށް، ޚިޔާލު ބަދަލުކޮށް، އަދި އައު ރަޙްމަތްތެރިންނާއެކު އެކުވެރިކަން ބަދަހިކުރުމަށް ލިބުނު އަގުހުރި ފުރުޞަތެއްކަން ދެ ސްކޫލުން ވެސް ފާހަގަކުރެއެވެ.

ދަރިވަރުންނާއެކު ދަތުރުގައި ބައިވެރިވި މިލަންދޫ ސްކޫލްގެ ބެލެނިވެރިންނާއި މުވައްޒަފުންނަށް އިހަވަންދޫ ސްކޫލުން ކީ ހޫނު މަރުހަބާއާއި އަދާކުރި ފުރިހަމަ މެހުމާންދާރީއާއި ކޭންޕުގައި ނަންގަވާދެއްވި އަގުހުރި ފިލާވަޅުތަކަށް ޓަކައި އިހަންދޫ ސްކޫލްގެ އެންމެހާ މުއައްޒަފުންނާއި ބެލެނިވެރިންނަށް މިލަންދޫ ސްކޫލްގެ ޕްރިންސިޕަލް ޝުކުރު އަދާކޮށްފައިވެއެވެ.

މި ޒިޔާރަތަކީ މި ދެ ސްކޫލުގެ މެދުގައި ގުޅުން ބަދަހިކޮށް، ދަރިވަރުންގެ މުޅި ތަޢުލީމީ ތަޖުރިބާ މުއްސަނދިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެ ދެ ސްކޫލުން ފާހަގަކުރެއެވެ.

މީގެ ފުރަތަމަ ކޭންޕު ބޭއްވި މިއަހަރުގެ ޖަނައަރީ 31 އިން ފެބުރުވަރީ 2 އަށް މިލަންދޫ ސްކޫލްގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *