ޑިމެންޝިއާއާ ބެހޭ ދިރާސާއެއް މާލޭ ސަރަޙައްދުގައި އެމްއެންޔޫއިން ފަށަނީ

ޑިމެންޝިއާއާ ބެހޭ ދިރާސާއެއް މާލޭ ސަރަޙައްދުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އިން ފަށަން ތައްޔާރުވެއްޖެއެވެ.

ޑިމެންޝިއާގެ ސަބަބުން އާންމު ދިރިއުޅުމަށް ދަތިވާ މިންވަރަށް ވިސްނުމުގެ ބާރުދަށްވުމާއި ހަނދާން ނެތުމާއި ކަންކަން ނިންމުމުގެ ދަށްވެއެވެ.

ރާއްޖޭގެ އާބާދީ މުސްކުޅިވަމުން އަންނައިރު 65 އަހަރުން މަތީގެ މީހުންގެ ނިސްބަތަކީ 4 އިންސައްތައެވެ. 2030 ވަނަ އަހަރު އަންނަންވާއިރަށް އެ އަދަދު ހަތް އިންސައްތަ އަށް އަރާނެ ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އަންދާޒާ ކޮށްފައިވެއެވެ.

ޑިމެންޝިއާ ފަދަ އުމުރާ ގުޅުންހުރި ޞިއްޙީ ޙާލަތްތަކަށް ޙައްލު ހޯދުން ވަރަށް މުހިންމު ކަމަށާއި އަޅުގަނޑުމެންގެ މުޖުތަމަޢުގައި ޑިމެންޝިއާގެ ޙާލަތު މިހާރަށްވުރެ ރަނގަޅަށް ދެނެގަތުމަށްޓަކައި، މާލެ ސަރަޙައްދުގައި މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން މި ދިރާސާ ހަދަން ފަށާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ. މި ދިރާސާ އަމާޒު ކުރަނީ އުމުރުން 55 އަހަރުން މަތީގެ މީހުންނަށެވެ.

ދިރާސާގައި މައިގަނޑު ގޮތެއްގައި ބަލަނީ، ޑިމެންޝިއާ އާންމު ވެފައިވާ މިންވަރާއި، ދިރިއުޅުމުގެ އާދަތަކާއި ސިއްހީ ހާލަތާއި ޖެނެޓިކްސްގެ ސަބަބުން ޑިމެންޝިއާއާ ކުރިމަތިލާންޖެހޭ މިންވަރާއި އިންޓަވިއުއާއި ހަނދާނުގެ ޓެސްޓުތަކާއި ލެބޯޓަރީ ޓެސްޓުތައް އަދި ޖެނެޓިކް ޓެސްޓުތައް ހަދައިގެން ސިކުނޑީގެ ހާލަތު ވަޒަން ކުރުމެވެ.

މި ދިރާސާ ކުރިއަށް ގެންދަނީ ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. މި ދިރާސާގައި ބައިވެރިވާން ބޭނުންވާ 55 އަހަރުން މަތީގެ ފަރާތްތަކަށް ފުރުޞަތު ވަނީ ހުޅުވާލާފައެވެ. ދިރާސާގައި ބައިވެރިވާން ބޭނުންވާ ނަމަ 7375569 އަށް ގުޅުމުން އެ އިންތިޒާމް ހަމަޖައްސައި ދޭނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

އެމްއެންޔޫއިން ބުނީ، އަލްޒެއިމާސް ސޮސައިޓީ އޮފް މޯލްޑިވްސްއާ ގުޅިގެން ކުރިއަށް ގެންދާ މި ދިރާސާއަށް އައިޖީއެމްއެޗްގެ ނެޝަނަލް ހެލްތު އެކަޑަމީ (އެންއެޗްއޭ) އާއި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ އެތިކްސް ކޮމިޓީ އާއި ހެލްތު މިނިސްޓްރީގެ ނޭޝަނަލް ހެލްތު ރިސާޗް ކައުންސިލް (އެންއެޗްއާރްސީ) އިން ހުއްދަ ލިބިފައިވާ ކަމަށެވެ.

މި ދިރާސާގެ ތެރެއިން ޑިމެންޝިއާގެ އެއްވެސް ނިޝާނެއް ފާހަގަވެއްޖެ ނަމަ އެމީހަކަށް އެކަން އަންގާނެ ކަމަށް ވެސް އެމްއެންޔޫއިން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *