އެލަވަންސެއް ލިބޭ ގޮތަށް ރާއްޖޭގެ އިމާމުންނަށް މޮރޮކޯގައި އަރަބި ބަސް ކިޔެވުމުގެ ފުރުޞަތު

އެލަވަންސެއް ލިބޭ ގޮތަށް ރާއްޖޭގެ އިމާމުންނަށް މޮރޮކޯގައި އަރަބި ބަސް ކިޔެވުމުގެ ފުރުޞަތު އެ ޤައުމުން ހަމަޖައްސައިދީފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، މޮރޮކޯގައި އަރަބި ބަސް ކިޔެވުމުގެ ފުރުޞަތު އިމާމުންނަށް ހަމަޖެހިގެން ދިޔައީ ރައީސުލްޖުމުހޫރިއްޔާ ޑރ މުއިއްޒު މޮރޮކޯ ރަސްގެފާނަށް ފޮނުއްވި ސިޓީފުޅަކާ ގުޅިގެން ކަމަށެވެ.

އިމާމުންނަށް އަރަބި ބަސް ކިޔަވައިދޭން މޮރޮކޯގައި ޤާއިމުކޮށްފައިވާ ޚާއްޞަ އިންސްޓިއުޓަކީ އެ ޤައުމުގެ ރަސްގެފާނުގެ ޚާއްޞަ ބެއްލެވުމުގެ ދަށުން ކުރިއަށްދާ އިންސްޓިއުޓެއް ކަމަށާއި އެތަނުގައި ކިޔަވާ ފަރާތްތަކަށް އެކޮމޮޑޭޝަންގެ އިތުރުން ޕޮކެޓްމަނީ ވެސް ދެއްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިމާމުން ކިޔަވަން ފޮނުވުމާ ގުޅޭ އެއްބަސްވުމުގައި މޮރޮކޯ ސަރުކާރާއެކު ވަރަށް އަވަހަށް ސޮއިކުރެވިގެންދާނެ ކަމަށާއި އެ އެއްބަސްވުން މިހާރު އެ މިނިސްޓްރީ އަށް ލިބިފައިވާކަން ވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަމާޒު ހިފާފައިވަނީ މި 5 އަހަރު ތެރޭ 500 އެއްހާ ހާފިޒުން ބިނާކުރުމަށް. މާތް ﷲ މިކަމަށް ތައުފީޤު ދެއްވާށި. އާމީން. މިކަމަކީ ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއްދޭ ކަމެއް" ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.

ހާފިޒުންނަށް ދޭ އެލަވަންސް މި މަހުން ފެށިގެން ސަރުކާރުން ވަނީ ބޮޑުކޮށްފައެވެ. ކުރިން ލިބުނު 2000 ރުފިޔާގެ ބަދަލުގައި މިހާރު ލިބެނީ 4000 ރުފިޔާއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *