ޑެޕިއުޓީ ސުޕްރިންޓެންޑެންޓްގެ މަޤާމަށް ފަސް ބޭފުޅުން

ޑެޕިއުޓީ ސުޕްރިންޓެންޑެންޓްގެ ގޮތުގައި ފަސްބޭފުޅަކު އެޑިޔުކޭޝަން މިނިސްޓްރީގައި މަސައްކަތް ކުރައްވަން ފައްޓަވައިފިއެވެ. ފުރަތަމަ ފަހަރަށް އުފެއްދި ސުޕްރިންޓެންޑެންޓްގެ މަޤާމަށް އައްޔަން ކުރައްވާފައި ވަނީ ބިލަބޮންގ އިންޓަރނޭޝަނަލް ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އިސްމާއިލް ސައުދުﷲއެވެ. އޭނާގެ ދަށުން މަސައްކަތް ކުރެއްވުމަށް ފަސް ޑެޕިއުޓީ ސުޕްރިންޓެންޑެންޓުން ވަނީ ކަނޑައަޅުއްވާފައެވެ.

ޑެޕިއުޓީ ސުޕްރިންޓެންޑެންޓުންގެ ގޮތުގައި ހަމަޖެއްސެވީ، ހިންނަވަރުގައި ހުންނަ ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކުރީގެ ޕްރިންސިޕަލް އަދި ފަހުން އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެންއައިއީ)ގައި ސީނިއަރ ކަރިކިއުލަމް އެނަލިސްޓެއްގެ ގޮތުން މަސައްކަތް ކުރައްވަމުން ގެންދެވި ފަޒުނާ ޔޫސުފު ފާރިޤް އާއި ށ. އަތޮޅު މދަރުސާގެ ކުރީގެ ޕްރިންސިޕަލް އަޙްމަދު ފައިސަލާއި ކާށިދޫގައި ހުންނަ ކ. އަތޮޅު މަދަރުސާގެ ކުރީގެ ޕްރިންސިޕަލް މުޙައްމަދު ނަތީމް އާއި ސ. އަތޮޅު މަދަރުސާގެ ކުރީގެ ޕްރިންސިޕަލް އާމިނަތު ޒީނިޔާއެވެ.

ދެން ހިމެނިވަޑައިގަންނަވަނީ މާއެނބޫދޫ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އަލީ މުފީދެވެ. މުފީދު، ފަހުން މަސައްކަތް ކުރައްވަމުން ގެންދެވީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްކޫލް އެޑްމިނިސްޓްރޭޝަން ސެކްޝަން ހިންގެވުމުގައެވެ. ތައުލީމީ ދާއިރާގައި މުފީދު ހޭދަކުރެެއްވި 17 އަހަރުގެ ތެރެއިން 11 އަހަރު ހޭދަކުރެއްވީ ސްކޫލް ހިންގުމުގެ ދާއިރާގައެވެ.

މުފީދު ވަނީ، މެލޭޝިއާގެ މަލާޔާ ޔުނިވަރސިޓީން 2011 ވަނަ އަހަރު އެޑިޔުކޭޝަނަލް މެނޭޖްމަންޓް ދާޢިރާއިން މާސްޓަރ ހައްދަވާފައެވެ. ބެޗްލަރސް އޮފް ކޮމާސް ހެއްދެވީ މައިސޫރު ޔުނިވަރސިޓީންނެވެ.

މުފީދު(ކ)ގައި، ހދ. އޭއީސީގެ އިސް މެނޭޖްމަންޓްގެ ބޭފުޅުންނާ ބައްދަލުކުރަވަނީ: -ފޮޓޯ؛ އެޑިޔުކޭޝަން މިނިސްޓްރީޑެޕިއުޓީ ސުޕްރިންޓެންޑެންޓުންގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ޝަރުޠުތަކުގެ ތެރޭގައި، މަދުވެގެން 4 އަހަރު ދުވަހު ޕްރިންސިޕަލެއްގެ ތަޖުރިބާ ހުންނަން ޖެހެއެވެ.

ފަޒުނާ: އެޑިޔުކޭޝަން މިނިސްޓްރީގައި މަސައްކަތް ކުރެއްވުމުގެ ކުރިން މަސައްކަތް ކުރައްވަމުން ގެންދެވީ އެންއައިއީގައި

ޑެޕިއުޓީ ސުޕްރިންޓެންޑެންޓެއްގެ ގޮތުގައި މަސައްކަތް ފެއްޓެވި ފަޒުނާ، މާސްޓަރސް އޮފް އެޑިޔުކޭޝަނަލް މެނޭޖްމަންޓްގެ ދާއިރާޢިން ކިޔަވާ ވިދާޅުވީ، މެލޭޝިއާގެ ޔުނިވަރސިޓީ އޮފް މަލާޔާ އިންނެވެ. އޭގެ ފަހުން މަސައްކަތް ކުރެއްވީ ޅ. އޭއީސީގެ ޕްރިންސިޕަލަކަށެވެ. 2001 ވަނަ އަހަރު ތައުލީމީ ދާއިރާއާ ގުޅިވަޑައިގެންނެވި ފަޒުނާ 2021 ވަނަ އަހަރު، އެމެރިކާގެ ވަންޑަރބިލްޓް ޔުނިވަރސިޓީން އެއް އަހަރު ދުވަހުގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ކޯހެއް، އެޑިޔުކޭޝަން ޕޮލިސީ އެންޑް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ފުރިހަމަ ކުރެއްވިއެވެ. އޭގެ ފަހުން މަސައްކަތް ކުރައްވަމުން ގެންދެވީ އެންއައިއީގައެވެ.

ފައިސަލް: އެންމެ ފަހުން ހުންނެވީ ކަނޑިތީމް ސްކޫލުގެ ޕްރިންސިޕަލްގެ މަޤާމުގައި. އެމަޤާމުން ވަކިވެވަޑައިގެންނެވުމުން ވަދާއީ ހަފްލާއެއް އެ ސްކޫލުގައި ވަނީ ބާއްވާފައި- ފޮޓޯ: ކަނޑިތީމް ސްކޫލް

ފައިސަލް، ތައުލީމީ ދާއިރާގައި ފައިސަލް މަސައްކަތްކުރައްވާތާ 28 އަހަރު ވެއްޖެއެވެ. ށ. އަތޮޅު މަދަރުސާގެ މުދައްރިސެއްގެ ގޮތުން 10 އަހަރު ކިޔަވައިދެއްވިއެވެ. އޭގެ ފަހުން 10 އަހަރު ލީޑިންގ ޓީޗަރެއްގެ ގޮތުން މަސައްކަތް ކުރެއްވިއެވެ. ޕްރިންސިޕަލެއްގެ ގޮތުން މަސައްކަތް ކުރެއްވި 8 އަހަރުގެ ތެރެއިން ހަތް އަހަރު ހޭދަކުރެއްވީ ށ. އަތޮޅު މަދަރުސާގައެވެ. އެއް އަހަރު ށ. ގޮއިދޫ ސްކޫލުގައި ޕްރިންސިޕަލްކަން ކުރެއްވިއެވެ. ފައިސަލް މާސްޓަރސް ހެއްދެވީ، އެޑިޔުކޭޝަންގެ ދާއިރާއިންނާއި އަދި އެޑިޔުކޭޝަން މެނޭޖްމަންޓްގެ ދާއިރާއިންނެވެ.

ނަތީމް: ކ. އަތޮޅު މަދަރުސާއަށް މުހިންމު ބަދަލުތަކެއް ކުރުމުއްދަތެއްގެ ތެރޭގައި ވަނީ ގެންނަވާފައި

ކ. އަތޮޅު މަދަރުސާގެ ކުރީގެ ޕްރިންސިޕަލް ނަތީމް ބެޗްލަރސް ޑިގްރީ ހެއްދެވީ ސެކަންޑްރީ ޓީޗިންގއިންނެވެ. އޭގެ ފަހުން މާސްޓަރސް ހެއްދެވީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިންނެވެ.

ޒީނިޔާ: މިހާތަނަށް މަސައްކަތް ކުރެއްވީ ސ. އަތޮޅު މަދަރުސާގައި، އެ މަދަރުސާގެ ޕްރިންސިޕަލް ކަމުގައި 16 އަހަރު ހޭދަކުރެއްވި

ޒީނިޔާ ތަޢުލީމީ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ 23 އަހަރުވެއްޖެއެވެ. އޭގެ ތެރެއިން 7 އަހަރު ހޭދަކުރެއްވީ ކިޔަވައިދެއްވުމުގައެވެ. އޭގެ ފަހުން ޕްރިންސިޕަލެއްގެ ގޮތުން 16 އަހަރު ޚިދުމަތް ކުރެއްވިއެވެ. އޭނާ ވަނީ މާސްޓަރސް އޮފް އެޑިޔުކޭޝަން އިން ސްކޫލް މެނޭޖްމަންޓް އަދި މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ތަޢުލީމް ޙާޞިލް ކުރައްވާފައެވެ.

ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެންނަވަން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު އިއުލާން ކުރެއްވުމަށްފަހު، ވިދާޅުވެފައި ވަނީ އެންމެ ބޮޑު ބަދަލުތަކެއް ގެންނާނީ އެޑިޔުކޭޝަން މިނިސްޓްރީއަށް ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޑެޕިއުޓީ ސުޕްރިންޓެންޑެންޓުން ބަލަހައްޓަވާނީ ކުރިން ޒޯން ކޯޑިނޭޓަރުން ކުރެއްވި މަސައްކަތްތަކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *