ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން 2025 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރއަށް ޖުމްލަ 71 ކޯހަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ފުރުޞަތުވަނީ ހުޅުވާލާފައެވެ.
ކޯސްތަކަށް ވަންނަން ފޯމް ހުށައަޅަން ޖެހެނީ ޖުލައި 15 ވަނަ ދުވަހުގެ 13:00 ގެ ކުރިންނެވެ.
ދެވަނަ ޓާމުގައި ފަށާ ކޯސްތަކުގެ ތެރޭގައި، ޕީއެޗްޑީ ލެވެލްގެ 3 ކޯހަކާއި، މާސްޓަރސް ލެވެލްގެ 18 ކޯހަކާއި، ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ 1 ކޯހާއި، ބެޗްލަރސް ލެވެލްގެ 15 ކޯހަކާއި އެސޯސިއޭޓް ޑިގްރީ 2 ކޯހެއް އަދި ޑިޕްލޮމާގެ 11 ކޯހެއްގެ އިތުރުން ސެޓްފިކެޓް ލެވެލް ގެ ޖުމްލަ 21 ކޯހެއް ހިމެނެއެވެ. ހުޅުވާލެވިފައިވާ ފުރުޞަތުތަކުގެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ޤުރްއާނާއި ޙަދީޘް، ޝަރީޢާ އެންޑް ލޯ، ފިޤްހް، އިސްލާމިކް ސްޓަޑީޒް، އިމާމްޝިޕް، ލޭންގުއެޖް، އެޑިޔުކޭޝަން، ފައިނޭންސް، އެކައުންޓިންގ، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން، މެނޭޖްމެންޓް އަދި ޖަރނަލިޒަމް ގެ އެކި ކޯސްތައް ހިމެނެއެވެ.
އައިޔޫއެމްއިން ބުނީ، މި އަހަރުގެ ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގައި އައިޔޫއެމްގެ ކޯސްތައް، ރ. އުގޫފާރު، ޅ. ނައިފަރު، ލ. ފޮނަދޫ، ގދ. ތިނަދޫ، ފުވައްމުލައް ސިޓީ ގެ އިތުރުން އައްޑޫ ސިޓީ މީދޫގައި ޤާއިމު ކުރެވިފައިވާ އައި.ޔޫ.އެމްގެ ލާރނިންގ ސެންޓަރުތަކުގައި ކޯސްތައް ކުރިއަށްދާނެ ކަމަށެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި ޔުނިވަރސިޓީގެ ލާރނިންގ ސެންޓަރުތަކުގައި ހިންގާ ޑިގްރީ ފެންވަރުގެ ހުރިހާ ކޯސްތަކަކީ ވެސް ސަރުކާރުގެ ހިލޭ ޑިގްރީގެ ތެރެއިން ޓިއުޝަންފީ ހިލޭ ކޯސްތަކެކެވެ.
މި ސެމިސްޓަރގައި ޔުނިވަރސިޓީގައި މުޅިން އަލަށް ފެށުމަށް ހަމަޖެހިފައިވާ މާސްޓަރ އޮފް ޓީޗިންގ އިން ހަޔަރ އެޑިޔުކޭޝަން އަދި 10 ޤިރާއަތުން އިޖާޒާ ދިނުމުގެ ކޯސް ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން ޔުނިވަރސިޓީގެ ބައެއް ކޯސްތައް އޮންލައިން އަދި ބްލެންޑަޑް ކޮށްވެސް ކިޔެވޭ ގޮތަށް ހަމަޖެހިފައިވެއެވެ.
އައިޔޫއެމްއިން ބުނީ، ކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމު ޔުނިވަރސިޓީގެ ރިސެޕްޝަނުން، ރ. އުގޫފާރު އައިޔޫއެމް ލާރނިންގ ސެންޓަރ (އުގޫފާރު އިސްލާމީ މަރުކަޒު)، ޅ. ނައިފަރު އައިޔޫއެމް ލާރނިންގ ސެންޓަރ (ކުރީގެ ނޫރާނީ ޕްރީ-ސްކޫލް)، ލ. ފޮނަދޫ އައިޔޫއެމް ލާރނިންގ ސެންޓަރަށް (ލ.ފޮނަދޫ – ކުރީގެ ސިރާޖުއްދީން ޕްރީސްކޫލް)، އައިޔޫއެމް ލާރނިންގ ސެންޓަރ ފުވައްމުލަކު ސިޓީ (ކުރީގެ މިސްކިތްމަގު އަންހެނުންގެ ކޮމެޓީ ޢިމާރާތް)، އައްޑޫ ސިޓީ މީދޫ – ޝަމްސުއްދީން ލާރނިންގ ސެންޓަރުން ލިބެން ހުންނާނެ ކަމަށެވެ.
ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ
- ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނުން
- އައި.ޔޫ.އެމް ލާރނިންގ ސެންޓަރުން (ރ.އުގޫފާރު – އިސްލާމީ މަރުކަޒު)
- އައި.ޔޫ.އެމް ލާރނިންގ ސެންޓަރުން (ޅ. ނައިފަރު – ކުރީގެ ނޫރާނީ ޕްރީ-ސްކޫލް)
- އައި.ޔޫ.އެމް ލާރނިންގ ސެންޓަރުން (ލ.ފޮނަދޫ – ކުރީގެ ސިރާޖުއްދީން ޕްރީސްކޫލް)
- އައި.ޔޫ.އެމް ލާރނިންގ ސެންޓަރުން (ފުވައްމުލައް ސިޓީ – ކުރީގެ މިސްކިތްމަގު އަންހެނުންގެ ކޮމެޓީ ޢިމާރާތް)
- އައި.ޔޫ.އެމް ލާރނިންގ ސެންޓަރުން (އައްޑޫ ސިޓީ މީދޫ – ޝަމްސުއްދީން ލާރނިންގ ސެންޓަރ)
- އީ-މެއިލް ކުރާނަމަ، [email protected] އަށް މެއިލްކުރެވޭނެއެވެ.
- އޮންލައިންކޮށް ފޯމު ހުށަހަޅާނަމަ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް (admissions.ium.edu.mv) މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ.
އިތުރު މައުލޫމާތު، ހޮޓްލައިން: 1405 އަދި ވައިބަރ / ވަޓްސްއަޕް މެދުވެރުކޮށް ސާފަުކުރެވޭނެ ކަމަށް އައިޔޫއެމްއިން ބުނެއެވެ.
ހިޔާލު