ތ. އަތޮޅުގެ ބައެއް ރަށްރަށުގެ މުއައްސަސާތަކުގެ މުވައްޒަފުންނާއި ސްކޫލު ދަރިވަރުންނަށް މައުލޫމާތު ދިނުމަށް ސެޝަންތަކެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ކުށްމަދު އަމާން މުޖުތަމައެއް ބިނާކުރުމަށާއި ސްކޫލުތަކުގެ ދަރިވަރުންނާއި ބެލެނިވެރިން އަދި މުއައްސަސާތަކުގެ މުވައްޒަފުން ހޭލުންތެރިކޮށް، ފަރުދީ ގޮތުން ޒިންމާދާރު ބަޔަކަށް ހެދުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.
މި ސެޝަންތައް ކުރިއަށްގެންދިޔައީ ތ. އަތޮޅު ޕޮލިހާއި ކްރައިމް ޕްރިވެންޝަން ގުޅިގެންނެވެ. މި ސެޝަންތައް އޮތީ މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން 5 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ސެޝަންތައް ކުރިއަށް ގެންދިޔައީ ގުރައިދޫ، ކިނބިދޫއާއި ވޭމަންޑޫގައެވެ.
ފުލުހުން ބުނި ގޮތުގައި މި ސެޝަންތަކުގެ ތެރެއިން ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ސެޝަންތަކުގައި އަލިއަޅުވާލާފައިވަނީ:
- މައިންބަފައިންގެ ބެލެނިވެރިކަމުގެ ދަށުން ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރުމުގެ މައްޗަށް
- އިންޓަނެޓުގައި އެކައުންޓުތައް ހުޅުވާއިރު ސައްހަ ތެދު މައުލޫމާތު ހިމެނުމުގެ މައްޗަށް
- ތިމާގެ ޒާތީ މައުލޫމާތު އެހެން މީހުންނަށް ހާމަނުކޮށް ޕްރައިވެސީ ސެޓިންގ ރަނގަޅުކުރުމަށާއި ނުދަންނަ މީހުންނާ ވާހަކަ ނުދެއްކުމުގެ މައްޗަށް
- އިންޓަނެޓް ރަނގަޅު ގޮތުގައި ބޭނުންކުރުމަށް، ސޯޝަލް މީޑިއާގައި ވެސް އެހެން މީހުންނަށް އިހުތިރާމުކުރުމަށާއި އަދި އެހެން މީހުންގެ އަގު ވައްޓާލައި މަލާމަތްކުރުމާއި އަބުރަށް ހުތުރު ނަމެއް ލިބޭނެ ކަމެއް ނުކުރުމަށް .
- އަދި ބޭކާރު ކަންކަމުގައި އިންޓަނެޓް ބޭނުންކުރުމުގެ ބަދަލުގައި ކުރިއަށްދާން ބޭނުންވާ ރޮނގުތަކުން މައުލޫމާތު މުއްސަނދިކޮށް އާއިލާއާއި ގައުމަށް ފައިދާހުރި ގޮތުގައި އިންޓަނެޓުގެ ބޭނުންހިފާ ބަޔަކަށް ދަރިވަރުން ވުމަށް .
- އާންމު އިޖުތިމާއީ މިންގަނޑުތަކަށް ހާއްސަ ސަމާލުކަމެއްދީ މަގުމަތީގައި އުޅޭއިރު ވެސް އަހުލާގު ރަނގަޅު ނަމޫނާ ދަރިވަރުންގެ ގޮތުގައި ކުރިއަށް ދިއުމަށް .
- ކިޔެވުމުގައި ވަގުތު ހޭދަކުރުމަށާއި ކޮންމެ ދަރިވަރަކީ ވެސް މޮޅު ދަރިވަރަކަށް ވުމަށް މަސައްކަތް ކުރުމަށާއި މައިންބަފައިންނާއި ދީނާއި ގައުމަށް ހިދުމަތްތެރި ދަރިއަކަށްވުމަށް ގަދައަޅައި މަސައްކަތްކުރުމަށް .
މުއައްސަސާތަކުގެ މުވައްޒަފުންނަށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ސެޝަންތަކުގައި އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތުދީފައިވެއެވެ. އަދި ދަރިން އިންޓަނެޓު ބޭނުންކުރާއިރު ބެލެނިވެރިން ސަމާލުކަންދޭންޖެހޭ ކަންކަން ބުނެދީފައިވެއެވެ. އަދި މަކަރާއި ހީލަތުން ފައިސާއާއި މުދާ ހޯދުމުގެ މައްސަލަތަކުން ރައްކާތެރިވެތިބުމަށް ވެސް މައުލޫމާތު ދީފައިވެއެވެ. އަދި އޯޓީޕީ ކޯޑާއި ކޭޝްކާޑުގެ މައުލޫމާތު އެއްވެސް މީހަކާ ހިއްސާނުކުރުމަށާއި ރައްކާތެރިކަމާއެކު އިންޓަނެޓް ބޭނުންކުރާނެ ގޮތްތަކުގެ މައްޗަށް އަލިއަޅުވާލައި މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރާނެ ގޮތްތަކުގެ މައުލޫމާތުދީ ރައްޔިތުންނާއި ސްކޫލު ދަރިވަރުން ހޭލުންތެރި ކުރުމުގެ ގޮތުން ފުލުހުން ގެންދަނީ މިފަދަ ސިލްސިލާ ސެޝަންތައް ބާއްވަމުންނެވެ.
ހިޔާލު