ދިވެހިރާއްޖޭގެ ގައުމީ ޔިނިވާސިޓީ އެމްއެންޔޫއާއި ސޮނީ ފިޝިން ގުޅިގެން ސައިންސާއި ތިމާވެށި ރައްކާތެރިކުރުމާއި މަސްވެރިކަމުގެ ސަގާފަތާއި ގުޅުންހުރި ސެމިނާއެއް ބާއްވައިފިއެވެ.
އެމްއެންޔޫގެ ސެންޓްރަލް އޭރިއާ އޮޑިޓޯރިއަމްގައި ބޭއްވި އެ ސެމިނާގައި ރާއްޖޭގެ މަސްވެރިކަމާ ގުޅޭ މައުލޫމާތު ހިއްއސާކޮށްފައިވެއެވެ. މައިގަނޑު ގޮތެއްގައި އެންމެ ގިނައިން ބާނައި އުޅޭ މަހުގެ ބާވަތްތަކާއި މަސްވެރިކަން ކުރުމަށް ދިވެހީން ބޭނުންކުރަމުން އަންނަ އުކުޅުތައް މި ސެމިނަރގައި ތަފްޞީލުކޮށް ދެއްވާފައިވެއެވެ.
ޒަމާނުގައި ދިވެހިން މަސްވެރިކަން ކުރަމުން އައި ގޮތާއި ތަފާސް ހިސާބު ބެލެހެއްޓުމަށް އޭރު ގެންގުޅުނު ލޮގުފޮތުން ފެށިގެން މިހާރު މަސްވެރިކަމުގައި ބޭނުންކުރާ އިލެކްޓްރޯނިކް ވަޞީލަތްތަކަށް އައިސްފައިވާ ބަދަލުތައް ވެސް ސެމިނަރގެ ތެރެއިން ވަނީ ކިޔައިދީފައެވެ.
މުނިފޫހިފިލުވުމަށް، ކުޅިވަރުގެ ގޮތުގައި މަސްވެރިކަންކޮށް އެކަމުގައި 10 އަހަރުގެ ތަޖުބާ ހޯދާފައިވާ ސޮނީގެ ޗެއަރމަން މޫސާ ކަލީމް، އޭނާގެ ތަޖުރިބާ ވެސް މި ސެމިނަރގައި ހިއްސާކުރެއްވިއެވެ.
މޫސަ ފާހަގަކުރެއްވި ގޮތުގައި، އޭރު ދޮށި އެއްލައިގެން މަސް ބޭނޭ ވަރާއި މިއަދުގެ މަސް ބޭނޭމިންވަރު ބޮޑުތަނުން ތަފާތުކަމަށެވެ. މީގެ 13 ވަރަކަށް އަހަރު ކުރީން ވ. އަތޮޅުގައި މަސް ބާނަން ނިކުމެ 175 ހަނދި ތިން މީހުން ވެގެން ބޭނި ކަމަށެވެ.
އޭނާ ވަނީ އޭރު ބޭނޭ މަހުގެ ސައިޒު ވެސް ބޮޑުކަން ފާހަގަކޮށްފައެވެ. މީގެ 25 އަހަރު ކުރިއަށް ބަލައިފިނަމަ މަސް ބާނަން މާލެ އަތޮޅުން ބޭރަށް ދާން ނުޖެހޭ ކަމަށާއި ނަމަވެސް މިހާރު މާލެ އަތޮޅުގައި މަސް ބާނަން އެއްލާނެ ތަނެއް ނޭނގޭކަމަށް ބުނެ އޭނާ ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ ސެމިނާގައި ވަނީ މިހާރު ރާއްޖޭގައި ސްޕޯޓްސް ފިޝިން ނުވަތަ މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަން ކުރިއަރާފައިވާ މިންވަރު ކިޔައިދީފައެވެ. މުޙައްމަދު އަންވަރު ނުވަތަ މަޝްހޫރު ނަމުންނަމަ ކެޕްޓަން އަންވަރު ވަނީ ސްޕޯޓްސް ފިޝިންގައި ރާއްޖެ ކުރިއަރާފައިވާ ހާލަތާއި މިންވަރު ވަރަށް ތަފްސީލުކޮށް ހިއްސާކޮށްފައެވެ.
ހިޔާލު