އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ އަންހެން ޑިވިޜަނުގެ ޗެމްޕިއަންކަން އެމްބީއެސް އަށް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)އިން އިންތިޒާމުކޮށްގެން ބޭއްވި ދިރާގު އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ އަންހެން ޑިވިޜަނުގެ ޗެމްޕިއަންކަން މޯލްޑިވްސް ބިޒްނަސް ސްކޫލް (އެމްބީއެސް)އިން ހޯދައިފިއެވެ.

މި މުބާރާތުގެ ފައިނަލްގައި މޯލްޑިވްސް ބިޒްނަސް ސްކޫލް (އެމް.ބީ.އެސް) އިން ވިލާ ކޮލެޖް ބަލިކޮށްފައިވަނީ 2-0ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

މި މުބާރާތުގެ އެންމެ ގަދަ 5 ކުޅުންތެރިންގެ ގޮތުގައި ހޮވިފައިވަނީ އެމް.ބީ.އެސްގެ މަރިޔަމް މަލާކް ޝަކީބް، ފާތިމަތު އަޒްމާ އަޙްމަދު، އަދި ވިލާ ކޮލެޖުގެ މިލްނާ އިބްރާހީމާއި އަރީފާ ޢަބްދުﷲ އެވެ. މުބާރާތުގެ އަންހެން ޑިވިޜަންގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެމް.ބީ.އެސްގެ މަރިޔަމް މަލްދާއެވެ.

މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއެއްގެ ގޮތުގައި ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ މަރިޔަމް ލަމާ ޢަބްދުﷲ ހޮވިފައިވާއިރު، ފެއަރ ޕްލޭޔަރަކަށް ހޮވިފައިވަނީ ސެންޓަރ ފޯރ ފައުންޑޭޝަން ސްޓަޑީޒްގެ އާމިނަތު ރައިޝާ ރާމިޒެވެ. އަދި ޓޮޕް ސްކޯރަރއަކަށް ހޮވިފައިވަނީ ފެކަލްޓީ އޮފް އާޓްސްގެ ޔުސްރާ ޔޫސުފެވެ.

މި މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ފެކަލްޓީ އޮފް އާޓްސް ހޮވިފައިވާއިރު، ބެސްޓް ސަޕޯޓާސް ޓީމަކަށް ހޮވިފައިވަނީ މޯލްޑިވްސް ބިޒްނަސް ސްކޫލެވެ. ހަމައެހެންމެ، މުބާރާތުގެ ބެސްޓް ކޯޗަކަށް ހޮވިފައިވަނީ ޗެމްޕިއަން އެމް.ބީ.އެސްގެ ކޯޗު އާތިފް މުޙައްމަދެވެ.

މި މަހުގެ 15 އިން 30ގެ ނިޔަލަށް ކުރިއަށްގެންދިޔަ މި މުބާރާތުގައި ޖުމުލަ 27 ޓީމު ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅެފައިވަނީ ހުޅުމާލެ ރެހެންދި ދަނޑުގައެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ދިރާގެވެ. ކޯ-ސްޕޮންސަރަކީ ލިއެން ޝުއޭ ޝިން ނޫޑްލް ރެސްޓޯރެންޓެވެ. މުބާރާތުގެ ބޭންކިން ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އެވެ. މުބާރާތުގެ ކިޓް ޕާޓްނަރަކީ މެނީ މޯލްޑިވްސްއެވެ. އަދި މީޑިއާ ޕާޓްނަރަކީ ވޮއިސް ސްޕޯޓްސް އެވެ. މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އަދި އެލައިޑް އިންޝުއަރެންސް ހިމެނޭއިރު، މުބާރާތުގެ ޕާޓްނަރުންގެ ތެރޭގައި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން، ޔުނިވިޔަ، މާލެ ސިޓީ ކައުންސިލް އަދި އޮބިއޮން ހިމެނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *