ޖަމާލުއްދީން ސްކޫލުން ސާނަވީ ނިންމައި، ޤައުމީ ގަދަ 10ގެ ދެވަނަ ހޯދި ނުހާ ރިޟްވާން ބިރުގަނެ ޖެހިލުންވީ ސާނަވީގައި ދިމާވި ފަދަ ދެރަ ގޮތެއް މަތީ ސާނަވީގައިވެސް ދިމާވެދާނެތީއެވެ. އަތްދާހިތްލާތީ، ދިވެހި މާއްދާގެ އިމްތިޙާނު ކަރުދާސް ވަގުތަށް ނިންމާ ނުލެވުމުން، ސާނަވީ އިމްތިޙާނުގެ ދިވެހި މާއްދާއިން ނުހާއަށް ލިބުނީ އޭ އެކެވެ. އެހެން ހުރިހާ މާއްދާއަކުން އޭ ސްޓަރއެވެ. އެއީ ނުހާ އުއްމީދު ކުރި ގޮތެއް ނޫނެވެ. އެއްވަނަ އަށް އުއްމީދުކޮށްގެން ކުރި ބުރަ މަސައްކަތަށް ހުރަސްއެޅީ އޭނާއަށް ކުރިމަތިވެފައިވާ އެ ހާލަތެވެ.
"ގަޑި ޖެހެނުއިރު ދިވެހީގެ ދޭހައިން އެންމެ ދެ ސުވާލު ހެދުނީ. އެއީ ވަރަށް ދެރަވި ވަގުތު ކޮޅެއް. އެ ފަހަރު ދިމާވި ގޮތް އެއީ" ސާނަވީގައި ކުރިމަތިވި އެންމެ ހިތްދަތި ވަގުތު ކޮޅުގެ ވާހަކަ ކުރުކޮށް ނުހާ ކިޔައިދިނެވެ.
އަބަދުވެސް ލީޑަރެއް، ހުންނަން ބޭނުންވަނީ އެންމެ ކުރީގައި
ސާނަވީ މަރުޙަލާގެ ފަހު އަހަރު ނުހާ އަކީ ޖަމާލުއްދީން ސްކޫލުގެ ކެޕްޓަނެވެ. މަތީ ސާނަވީގައި އޭނާއަކީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ ޑެޕިއުޓީ ކެޕްޓަނެވެ. ދެ ސްކޫލުގައި ވެސް "އިސްވާރު"އެއްގެ ފަޚުރުވެރި މަޤާމް ހޯދީ ވާދަވެރި ކެމްޕެއިނަކަށްފަހުއެވެ. އެއީ އޭނާގެ ޙަޔާތުގައި ވެސް ކުރި ތަފާތު ތަޖުރިބާއެކެވެ.
ނުހާއަށް ކުޑައިރުއްސުރެ ވިސްނިފައި އޮންނަނީ ސްކޫލުގެ ކެޕްޓަނަކީ އެ ސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ ގޮތުގައެވެ. އެހެންވެ އެންމެ މޮޅު ދަރިވަރަށްވާން ކެޕްޓަނަށް ވުމަކީ އޭނާގެ އުއްމީދެކެވެ. އޭނާގެ އެ އުއްމީދުގައި ކުލަޖައްސައިދޭނެ ގޮތުގެ އިރުޝާދާއި ހުނަރު ހޯދީ ބައްޕަގެ ފަރާތުންނެވެ.
ޖަމާލުއްދީން ސްކޫލާއި އަޙްމަދިއްޔާގައި ކިޔެވިއިރު ކެޕްޓަންކަމަށް ވާދަކުރި ދަރިވަރުންނާއެކު ނުހާ ނުކުތީ ވެސް ތަފާތު ކެމްޕެއިނަކަށެވެ. ދަރިވަރުންގެ މެދުގައި ކުރިއަށް ގެންދިޔަ ކެމްޕެއިނުގެ ހުރިހާ ކަމެއް ކުރިއަށް ގެންދިޔައީ ނުހާގެ ބައްޕަދިން ލަފާއާއި އިރުޝާދާއެކު އޭނާގެ ވެސް އަމިއްލަ ގޮތްތަކެއް ވެސް ހިމަނައިގެންނެވެ.
ވާދަވެރި ކެމްޕޭން އޮތް ދުވަހު، ނުހާ ސްކޫލަށް ގެންދަމުން ބައްޕަ ބުންޏެވެ.
"ނުހާއަށް އެނގޭތަ ނުހާ ކެޕްޓަނަކަށް ހޮވޭކަން. ބައްޕައަށް ވަރަށް ޔަޤީން ކުރެވޭ ނުހާ ހޮވޭނެކަން" ބައްޕަ ބުނުއްވި އެއްޗަކުން ނުހާއަށް ލިބުނީ ހައިރާންކަމެކެވެ.
"ހޮވޭކަން އެނގެނީ ކިހިނެއް" ނުހާ ކުރީ ސުވާލެކެވެ.
"ނުހާއަށް ހޮވޭނީ ސުޕަމެޖޯރިޓީއާ އެކުގައި. ގެއްލުނަސް ގެއްލޭނީ 12 ވަރަށް ވޯޓް" އެހާ ޔަޤީންކަމާއެކު ބައްޕަ އެހެންބުނުއްވި ސަބަބެއް ނުހާއަކަށް ނޭނގެއެވެ.
ކެޕްޓަންކަމުގެ ޒިންމާ ނުހާ ހަވާލުވީ ފަސް ކުދިންނާ ވާދަކޮށެވެ. ބައްޕަ ބުނުއްވި ގޮތަށް އޭނާއަށް ގެންލުނީ މަދު ދަރިވަރުންތަކެއްގެ ތާއީދެވެ.
އަޙްމަދިއްޔާގެ ކެޕްޓަނަކު ހޮވަން ކުރިއަށް ގެންދިޔަ އިންތިޙާބު ދިޔައީ ވެސް ބައްޕަ ބުނުއްވި ގޮތަށެވެ. ބައްޕަގެ އެ ލަފާކުރުމާ އެއްގޮތަށް ނުހާ ދިޔައީ ދެވަނަ އަށެވެ. އަހުމަދިއްޔާގައި އޮންނަ ގޮތުން ކެޕްޓަނަކަށް ވާދަކުރާ ދަރިވަރުންގެ ތެރެއިން ދެވަނައަށް އެންމެ ގިނަ ވޯޓް ލިބޭ ދަރިވަރަކު ވާނީ ޑެޕިއުޓީ ކެޕްޓަނަށެވެ. ނުހާއަށް ލިބުނީ ޑެޕިއުޓީ ކެޕްޓަންކަމެވެ.
ނުހާގެ "ނަސީބުގެ 30 މިނެޓް"
މަތީ ސާނަވީގައި ކިޔަވަން ފެށުމާއެކު ނުހާއަށް އިހުސާސްވީ އޯލެވެލްއާއި އޭލެވެލްގެ ތަފާތެވެ. އޭލެވެލްގައި ކިޔަވަން ވަގުތު ބޭނުންވާ ކަމެވެ. އެހެންވެ ކުރިން އޭނާ ކުޅެމުންއައި ނެޓްބޯޅައާއި ހޭންޑްބޯޅަ ފަދަ ކުޅިވަރުތައް ކުޅުން ހުއްޓާލިއެވެ. އޭގެ ބަދަލުގައި ޚާއްޞަވީ ޗެސް އަށެވެ. ޖަމާލުއްދީނުގައި އުޅުނުއިރު ގިނަ ކުޅިވަރުތަކެއްގައި ބައިވެރިވިއެވެ. އަދި އޭނާއަކީ އެ ސްކޫލުގެ ބޭންޑްގެ ވެސް މުހިންމު މެމްބަރެކެވެ.
އޯލެވެލް ނިމުނުގޮތަށް ނުހާގެ ދުޢާއަކަށްވީ އޭލެވެލްއިން އެއްވަނަ ހޯދުމެވެ.
ފިލާވަޅު ދަސްކުރާށާއި މުޠާލިޔާކުރަން ނުހާ ތެދުވަނީ ފަތިހުއެވެ. އެ ގަޑީގައި ތެދުވީމާ ގިނަ ފައިދާތަކެއް ކުރެއެވެ. ތާޒާކަންމަތީގައި ސްކޫލަށް ދެވި މުދައްރިސުން ނަގައިދޭ ފިލާވަޅުތައް ސިކުޑިއަށް ނަގައިގަންނަން އެންމެ މޮޅު ފަރުވާއެއްކަމަށް ނުހާ އަށް ތަޖުރިބާ ކުރެވުނީ ވެސް ފަތިހު ހޭލުމެވެ.
"ފަތިހު ހޭލީމާ މުޅި ދުވަސް ލިބޭކަމުގެ އިހުސާސް ކުރެވޭ. ތާޒާމަކަންމަތީގައި ސްކޫލަށް ދެވި ފިލާވަޅުތަކަށް ދެވޭ ސަމާލުކަން ބޮޑު" ނުހާ ބުންޏެވެ.
ނުހާއަށް އަބަދުވެސް ކުރިމަތިވާ އެންމެ ބޮޑު ޗެލަންޖަކީ އަތްދާހިތްލާތީ ފިލާވަޅުތައް ވަގުތަށް ނިންމުމެވެ. ގިނައިން ލިޔަން ޖެހުމަކީ އެއީ ބައެއް ފަހަރު ބޮޑު ތަކުލީފަކަށްވެއެވެ. އަތުގައި ރިއްސާވަރުން ކުރިއަށް ގެންދަން އުނދަގޫވާ ފަހަރު ވެސް އާދެއެވެ.
"ކުލާހުގައި ފިލާވަޅު ހަދާއިރު ވަރަށް ގިނައިން ޓީޗަރު އައިސް ހަނދާންކޮށްދޭނެ އަވަސް ކުރަން. ނުހާ އެބަޖެހެއޭ ސްޕީޑް ހިފަހައްޓަން. ވަރަށް ސްލޯއޭ" ހާލަތުގެ ގޮތުން ނުހާއަށް އަވަސް ސްޕީޑެއްގައި ފިލާވަޅުތައް ނުނިންމެއެވެ.
އެހެން ކުދިން ފިލާވަޅުތައް ހަދައި ނިމޭއިރު ވެސް ގިނަފަހަރަށް ނުހާ އިންނަނީ ފިލާވަޅު ހަދާށެވެ. ފިލާވަޅުތައް އަވަހަށް ނިންމަން ކިތަންމެހައި ވެސް އޭނާ ބޭނުމެވެ. އެކަމަކު އެކަން ނުވަނީ އަތުން ދާހިތްލާތީއެވެ. އިރުއިރުކޮޅާ އަތް ފޮހެންޖެހޭތީއެވެ.
އޭލެވެލް އިމްތީޙާނު ކައިރިވަމުން އައިއިރު ނުހާގެ ކަންބޮޑުވުމަކީ އެކައުންޓް މާއްދާއެވެ. އެއީ އެ މާއްދާއަށް ދަށްވެގެން ނޫނެވެ. އިމްތިޙާނު ކަރުދާސް ވަގުތައް ނުނިންމިދާނެތީއެވެ.
ނުހާގެ އެ ކަންބޮޑުވުން އެންމެ ފަހުން މަންމައާ ވެސް ހިއްސާކުރީއެވެ.
"މަންމަ ބުނުއްވީ، އޯލެވެލްގައި ވެސް ބައެއް ކުދިންނަށް 30 މިނިޓްގެ ވަގުތުކޮޅެއް ދިނޭ، ޑޮކްޓަރަށް ދައްކަންވީ ނޫންހޭ އޭރުން ޑޮކްޓަރުން ދޭ ލިޔުމަކާ އެއްކޮށް ކުރިއަށް ދެވިދާނެ ނޫންހޭ" މަންމަގެ ދިން ނަސޭހަތާއެކު ނުހާ ފުރަތަމަ ބެލީ އިމްތިޙާނުތަކުގައި އިތުރަށް ވަގުތު ލިބުނު ކުދިންތަކެއް އަތުޖެހޭތޯއެވެ. އެމީހުންނަށް ވަގުތު ލިބުނުގޮތެއް އޮޅުން ފިލުވުމުގެ ގޮތުންނެވެ.
ނުހާ ވާހަކަ ދެއްކި ކުދިންގެ ފަރާތުން އެނގުނު ގޮތުގައި އިތުރު ވަގުތު ހޯދަން ދުރާލާ އެދެންޖެހެއެވެ. އެއީ އެހާ ފަސޭހައިން ހަމަޖެހެން އޮންނަ ކަމެއް ނޫނެވެ.
"އިތުރު ވަގުތު ހޯދަން ޖެހެނީ އެޕްލައިކުރަން. އެކަން ކުރަން ޖެހެނީ ވެސް ދުރާލާ ވަގުތުއޮތްވައި" އިތުރު ވަގުތު ހޯދަން ނުހާ އުޅުނުއިރު އޭލެވެލް ވެސް ފެށިއްޖެއެވެ. އެކައުންޓް މާއްދާގެ އިމްތިޙާނަށް އޮތީ އެންމެ ދެ ދުވަހެވެ.
ނުހާގެ އުއްމީދު ދިޔައީ ގެއްލެމުންނެވެ. މާޔޫސްވެފައިވާ ހިތަކާއެކު އެވާހަކަ ދެން ވެސް އޭނާ ދެއްކީ މަންމައާއެވެ. ނުހާގެ މަންމަ މިފަހަރު ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ.
"މަންމަ ބުނުއްވީ، ހިނގާށޭ މަސައްކަތް ކުރަން. ޑޮކްޓަރަކަށް ދައްކާފައި ލިޔުން ހޯދައިގެން އެޕްލައިކުރެވިދާނެ ނޫންހޭ. ވާނެ ގޮތެއް އެނގޭނީ ކާކަށްހޭ. ﷲ އިރާދަކުރެއްވިއްޔާ ރަނގަޅު ގޮތެއް މެދުވެރިކުރައްވަފާނެ ނޫންހޭ" ނުހާ ކިޔައިދިނެވެ.
"ޑޮކްޓަރު ދެއްވި ލިޔުމާއެކު އާޖެންޓް ކޭސްއެއްގޮތަށް އެޑެކްސެލް އަށް ހުށައެޅީ ވެސް. އެކަމުގައި އަޙްމަދިއްޔާގެ އޭރުގެ ޑެޕިއުޓީ ޕްރިންސިޕަލް ސަލާޙު ސަރ މަސައްކަތް ކޮށްދެއްވި" އިމްތިޙާނުގައި އިތުރު ވަގުތު ލިބޭނެ ކަމުގެ އުއްމީދެއް ނުހާއަކަށް ނެތެވެ.
އެހެން އިމްތިހާނެކޭ އެއްގޮތަށް، އޭލެވެލްގެ އެކައުންޓް މާއްދާގެ އިމްތިޙާނު ހަދަން ނުހާ އޯލަށް ވަނީ، ޓިޝޫއާއި ތުވާއްޔެއް ހިފައިގެންނެވެ. ހޯލަށް ވަންއިރުވެސް އެޑެކްސެލްގެ ޖަވާބެއް ނެތެވެ. ގޮނޑީގައި އިނދެވުނީ ވެސް ހިތްބިރުގަނެ، ހާސްވެ ކަންބޮޑުވެފައި ހުރެގެންނެވެ. އިތުރުވަގުތު ނުލިބޭނެ ކަމަށް ނިންމައި ފުންނޭވާއެއްލައި ހަމަޖެހޭތޯ ނުހާ މަސަކަތް ވެސް ކުރިއެވެ. އެކަމަކު އެހީ ނުހާއަށް ފަސޭހަ ކަމެއް ނޫނެވެ.
"ނުހާއަށް ލިބެއޭ އިތުރު ވަގުތު" އެގްޒަމިނާ އައިސް އެވާހަކަ ނުހާ ކައިރީގައި ބުނީ، އިމްތިޙާން ފެށުމުގެ ކުޑަވަގުތުކޮޅެއް ކުރިންނެވެ.
"އެ ހިސާބުން ވަރަށް އުފާވި ﷲއަށް ޝުކުރު ދެންނެވުނީ. ހިތަށް އެރީ ކިހާ ނަޞީބު ގަދަ ހެއްޔޭ. އެހާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެޑެކްސެލްއިން އެޕްރޫވްކޮށްދިނީމާ" ނުހާގެ ނަސީބު މިފަހަރު އޭނާގެ އަތުގައި ހިފީއެވެ.
އިމްތިހާނަށް އިތުރުކޮށްދިން ވަގުތަކީ ނުހާގެ ވަރުބަލިވެފައިވާ ސިކުނޑިއަށް ލިބުނު ހަތްހަމަޖެހުމެކެވެ. އޭގެ ފަހުން އިމްތިޙާން ކުރިއަށް ދިޔައީ އޮމާންކޮށެވެ. އިތުރަށް ލިބުނު ވަގުތުގެ ތެރެއިން 30 މިނިޓްގެ ތެރޭގައި ނުހާ އިމްތިޙާން ނިންމާލިއެވެ.
މަތީ ސާނަވީ ނިންމާ އިމްތިޙާނުތަކުން ހުރިހާ މާއްދާއަކުން ނުހާއަށް އޭ ސްޓަރ ލިބުނެވެ. އަދި ޤައުމީ ގަދަ ދިހައެއްގައި ރާއްޖެއިން ހިމެނުނު 11 ދަރިވަރުންގެ ތެރޭގައި އޭނާ ހިމެނުނެވެ. މަތީ ސާނަވީން އެއްވަނަ ހޯދި އަޙްމަދިއްޔާގެ ހަމައެކަނި ދަރިވަރަކީ ވެސް އޭނާއެވެ.
ނުހާ ބުނީ، އޭނާއަށް ލިބޭ ކޮންމެ ކާމިޔާބެއްގައި އެންމެ ކައިރީގައި އަބަދުވެސް ތިބި މައިންބަފައިންނެވެ. އޭލެވެލްގެ އެންމެ ފަހު އަހަރު ހުޅުމާލެ ދެވަނަ ފޭސްއަށް ބަދަލުވާން ޖެހުމުން، ސްކޫލަށް ގެންގޮސް ގެނެސްދިނުމާއި ޓިއުޝަނަށް ގެންގޮސްދީ ހެދުމަށް ބައްޕަވި ޤުރުބާނީގެ މަތިން ދުވަހަކު ވެސް ހަނދާން ނުނެތޭނެ ކަމަށަށެވެ.
"ކޮންމެ ދުވަހަކު ދެތިން ދަތުރު އެބަކުރަން ހުޅުމާލެއިން އަޙްމަދިއްޔާއަށް އައިސް ގޮސް ހަދަން. އަދި ނުވިތާކަށް ބައެއް ރޭރޭ ސްކޫލަށް ދާންޖެހޭ އިތުރު ހަރަކާތްތަކަށް ވެސް" ނުހާގެ ޝުކުރު މަންމައާއި ބައްޕައަށް ނިމުމެއް ނެތެވެ.
ނުހާގެ މާމައަކީ ވެސް ޝުކުރުގެ ލިސްޓް އެންމެ ކުރިއަށް އަންނަ ނަމެކެވެ. ކިޔެވުމާއި ކުޅިވަރުގައި ވެސް އޭނާއަށް ކާމިޔާބީއަށް އެދިގެން މާމަ އަބަދުވެސް ދުއާ ކުރާނެއެވެ. އިމްތިހާނަށް ދިއުމުގެ ކުރިންނާއި ނިންމާ ފަހުން ގުޅާނެއެވެ. އަދި ކުޅުވަރުގައި ވާދަވެރި މެޗެއް އޮންނަ ދުވަސްދުވަހާއި ފަހުން، މާމެގެ ފޯނުކޯލެއް ނުހާއަށް ނައިސް ނުދާނެއެވެ.
"އަބަދު ވެސް ހިތްވަރުދޭނެ. ކާމިޔާބަށް އެދިގެން ދުޢާކޮށްދޭނެ" ނުހާ ބުންޏެވެ.
ނުހާ ބުނީ، އޭނާއަށް ކިޔަވައިދެއްވި ހުރިހާ ޓީޗަރުންނަށް އޭނާގެ އޮތީ އިޚްލާސްތެރި ޝުކުރެކެވެ. އޭނާގެ ކާމިޔާބީގައި އެމީހުންގެ ހިއްސާ ބޮޑު ކަމަށެވެ.
ނުހާއަކީ ޗެސްގެ ޤައުމީ ޓީމުގެ މުހިންމު ބައިވެރިއެކެވެ. ޤައުމީޓީމަށް މެދުނުކެނޑި ކުޅޭތާ ދިހަ އަހަރުވެއްޖެއެވެ. އެ ދިހަ އަހަރުގެ ތެރޭގައި އެކި އުމުރުފުރާތަކުން އެތައް ކާމިޔާބީއެއް އިންޓަރ ސްކޫލާއި ޤައުމީ ފެންވަރުގައި އޭނާ ހޯދައިފިއެވެ. އޭނާގެ ހުނަރު އަޙްމަދިއްޔާގެ ކުދިންނަށް ދަސްކޮށް ދިނުމުގައި ވެސް މުހިންމު މަސައްކަތްތަކެއް ނުހާ އަންނަނީ ކޮށްދެމުންނެވެ.
ނުހާ ބުނީ، އޭނާއަކީ އަބަދުވެސް ބިޒަންސް ޚިޔާލު ގެންގުޅޭ ކުއްޖެއް ކަމަށާއި އަމިއްލަ ވިޔަފާރިއެއް ފަށައިގެން ކާމިޔާބުކަމާއެކު ކުރިއަށް ދިއުމަކީ އެއީ އުއްމީދެއް ކަމަށެވެ. ބިޒްނަސް ސްޓްރީމް ޚިޔާރުކުރި ވެސް އެ ސަބަބައްޓަކައެވެ. ވިޔަފާރިއެއްގައި ކުރިއަށް ދާއިރު ނުހާ ގެންގުޅޭނެ ހަމަތަކެއް ވެސް އޭނާ ކިޔައިދިނެވެ. އެއީ އަމިއްލަ މަސައްކަތުން ފައިސާ އެއްކޮށްގެން މަސައްކަތް ފެށުމެވެ.
"ވިޔަފާރީގެ ވާހަކަ ދައްކާއިރު ފުރަތަމަ ކުރަންޖެހޭ ކަމަކީ ކިޔެވުން. ސްކޮލަރޝިޕަކަށް އުއްމީދު ކުރީ ވެސް، އަމިއްލައަށް ކިޔަވައިގެން، މީހަކަށް ބުރައަކަށްނުވެ ވިޔަފާރިއެއް ކޮޅަށް ޖަހަން" ނުހާ ގެންގުޅޭ ވިސްނުން ސާފުކޮށްދިނެވެ.
"ކިޔަވަންވީ އަބަދުވެސް އެންމެ މައްޗަށް ޓާގެޓްކޮށްގެން. ކޮންމެ ދުވަހަކު ވެސް ވަކިމިންވަރަކަށް ކިޔެވުމާއި ފިލާވަޅުތައް މުޠާލިޔާ ކުރުން މުހިންމު. އުއްމީދު ގެއްލުވައި ނުލައި ވަކި މިސްރާބަކަށް ދިއުމަށް މަސައްކަތް ކުރުން އެހާމެ މުހިންމު." ކިޔަވާކުދިންނަށް ނުހާ ދޭ ނަޞޭހަތަކީ މިއެވެ.
ހިޔާލު