ލާމަސީލުލާމު ހިފުޡް ޕްރޮގުރާމް ހިންގައިދޭނެ ފަރާތެއް ހޯދަން ދެވަނަ ފަހަރަށް އިއުލާން ކޮށްފި

ލާމަސީލުލާމު ހިފުޡް ޕްރޮގުރާމް ފަސް އަހަރު ދުވަހަށް ހިންގައިދޭނެ ފަރާތެއް ހޯދަން ލ. އަތޮޅު ކައުންސިލުން ދެވަނަ ފަހަރަށް އިއުލާން ކޮށްފިއެވެ.

ލ. އަތޮޅު ކައުންސިލުން އިއްޔެ ކުރި އިއުލާނުގައި ބުނެފައި ވަނީ، އެ އަތޮޅުގައި ޤާރީންނާއި ޙާފިޡުން އުފެއްދުމުގެ މަޤުސަދުގައި ވާޗްއަލްކޮށް ފަސް އަހަރު ދުވަހުގެ މުއްދަތައް "ލާމަސީލުލާމު ހިފުޡް ޕްރޮގުރާމް" ހިންގާނެ ފަރާތެއް ހޯދަން ޖޫން މަހުގެ ތެރޭގައި ކުރި އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާ ކަމަށެވެ. އެހެންވެ އަލުން އިއުލާން ކުރާކަމަށެވެ. އަލުން ކުރި އިއުލާނުގައި ބީލަމުގައި ރަޖިސްޓްރީވާން ޖެހޭނީ މި މަހުގެ ނުވަ ވަނަ ދުވަހުއެވެ. ބީލަން ހުށައަޅަން ޖެހެނީ ފެބުރުވަރީ މަހުގެ 12 ވަނަ ދުވަހުގެ 13:00އަށެވެ.

ލާމަސީލުލާމު ޙިފްޡު ޕްރޮގުރާމް ކުރިޔަށް ގެންދަން އެ ކައުންސިލުން ބޭނުންވަނީ، ވާޗްއަލްކޮށް މަދުވެގެން 30 މީހުންނަށް ބައިވެރިވެވޭ ގޮތަށެވެ. އަދި މަދުވެގެން ހަފްތާއަކު ތިން ދުވަހު ކުލާސް ގެންދަންޖެހޭނެ ކަމަށާއި އަހަރަކު މަދުވެގެން ހަތަރު ފޮތް، ޙިފްޡު ޕްރޮގުރާމުގައި ބައިވެރިވާ ކޮންމެ ބައިވެރިއަކު ދަސްކުރެވޭ މިންވަރަށެވެ. އަދި ޙިފްޡު ޕްރޮގުރާމުގެ އިމްތިޙާން މަދުވެގެން އަހަރަކު އެއް ފަހަރު ބާއްވަން ޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

ހިފުޡް ޕްރޮގުރާމް ހިންގައިދޭނެ ފަރާތެއް ހޮވުމުގައި، އެންމެ ގިނަ ޕޮއިންޓް ކަނޑައަޅާފައި، ވަނީ އެންމެ ދަށް އަގެއް ހުށައަޅާ ފަރާތަކަށެވެ. އަގަށް 80 ޕޮއިންޓް ދޭއިރު މުއްދަތާއި ތަޖުރިބާއަށް 20 ޕޮއިންޓް ކަނޑައަޅާފައިވެއެވެ.

ހިފުޡް ކުރުމުގެ ޕްރޮގްރާމެއް ޤުރުއާނާ ބެހޭ މަރުކަޒާ ގުޅިގެން ލ. އަތޮޅު ކައުންސިލުން މިދިޔަ އަހަރު ފެށިއެވެ. އޭރު ކައުންސިލުން ބުނެފައި ވަނީ އެ ޕްރޮގްރާމުގައި ބައިވެރިވެ، ހިތުދަސްކުރާ ކޮންމެ ފޮތަކަށް 500 ރުފިޔާގެ ފައިސާގެ އިނާމެއް ދޭނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *