ނުރަގަނޅު ޢިލްމާއި މަޢުލޫމާތުން ދުރުހެލިވެ، ފައިދާޙުރި ޢިލްމު ހެޔޮގޮތުގައި ބޭނުން ކުރުމުގެ ޤާބިލްކަން ދަރިވަރުން ހޯދަން ޖެހޭ ކަމަށް ދަރުމަވަންތަ ސްކޫލުގެ ޕްރިންސިޕަލް ނާދިރާ ހަސަން ވިދާޅުވެއްޖެއެވެ.
ފާއިތިވި ދިރާސީ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާގައި ޕްރިންސިޕަލް ނާދިރާ ވިދާޅުވީ، ވާރޭފެން ނެގޭނީ ވާރޭ ވެހޭއިރު ކަމަށާއި އުނގެނުމަށް ލިބިފައިވާ ފުރުޞަތު ބޭނުން ހެޔޮގޮތުގައި ދަރިވަރުން ހިފަން ޖެހޭ ކަމަށެވެ. މީހަކު ބުނާ އެއްޗެއް ނުވަތަ ފެންނަ ކޮންމެ ކަމެއް ޤަބޫލުކުރުމުގެ ބަދަލުގައި ތިޔަކުދިންގެ ސިކުނޑިން ވިސްނައި ކަންކަން ހޯދައި ބަލައި ހެޔޮނުބައި ވަކިކުރަން އެނގެންވާނެ ކަމަށް ދަރިވަރުންނަށް ޕްރިންސިޕަލް ވިދާޅުވިއެވެ.
ނާދިރާ ވިދާޅުވީ، ކުރިއަށް ދިއުމުގައި ކުރިއެރުމުގެ ހިތްވަރާއި ނާކާމިޔާބީތަކުން އަރައިގަތުމަށް ކެތްތެރިވާން ދަސްކުރަން ޖެހޭ ކަމަށާއި ޚާލިސް ޔާގޫތު ހޯދޭނީ އަޒުމާއެކު ކުރާ ބުރަ މަސައްކަތުން ކަމަށެވެ.
"ދިރިއުޅުމުގައި ނާކާމިޔާބީގެ ރަހަ ނުދެކޭ މީހަކު ނުހުންނާނެ. ވެއްޓުމުން ތެދުވެ ވެލިފޮޅާލާފައި ކުރިއަށް ހިނގައިގަންނަން އެނގެންވާނެ" ޕްރިންސިޕަލް ރޭ ވިދާޅުވިއެވެ.
"ދިރިއުޅުމުގެ އެކި މަރުޙަލާތަކުގައި ތަފާތު އެތައް ބަޔަކާ ދިމާވާނެ. ބައެއް މީހުންނަކީ ކުދިންގެ ހުނަރަށް ތަޢުރީފުކޮށް އެކަން ކުރިއަރުވަން މަސައްކަތް ކުރާ މީހުން. ނުވާނެ ކަމާއި އަމިއްލަ ނަފުސަށް އޮންނަ އިތުބާރަށް ސުވާލު އުފައްދާނެ މީހުން ވެސް ދިމާވާނެ"
އެފަދަ ހާލަތެއްގައި ވެސް އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ކުޑަކޮށްގެން ނުވާނެ ކަމަށާއި ކޮންމެ ކުއްޖެއްގެ ޤާބިލުކަމާމެދު އެކުއްޖަކު އަމިއްލައަށް ވިސްނައި ހޯދަން ހުރި ހުރިހާ ކާމިޔާބެއް ހޯދަން މަސްކަތް ކުރުމަށް ވެސް ޕްރިންސިޕަލް ނާދިރާ ދަރިވަރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.
އަހަރީ އިނާމް ދިނުމުގެ ޖަލްސާގެ ތީމަށް އިޝާރާތްކޮށް ނާދިރާ ވިދާޅުވީ، ދަޅައަޅަމުންދާ ޔާޔޫތަކީ އަލިމަސް ފަދައިން ބިމުގެ އަޑިން ނަގާ އެންމެ އަގުހުރި އެންމެ ރީތި އެއް ޖަވާހިރުކަމަށެވެ. އެ ކުލަތަކާއި ދަޅަތައް އެ އޮފުދާރުކަމާއި ވިދުންތަކެއް ފަދައިން ދަރިވަރުން ވަނަތައް ހޯދީ ބެލެނިވެރިންގެ ވެސް ބުރަ މަސައްކަތުން ކަމަށެވެ.
"ކޮށުމާއި މެށުމާއި ވަކި މިންވަރަކަށް ހޫނުކުރުން. ކެތްތެރިކަމާއެކު އެތައް ވަގުތެއް އޭގެ ފުރަތަމަ މަރުހަލާއިން ފެށިގެން އެ ފުން ރަތްކުލަ ފެނުމާ ހަމައަށް ހޭދަވޭ. އެންމެ ދާރެއް، އެންމެ ފަރާތެއްގައި ރެނދުލީ ނަމަވެސް އޭގެ އަޞްލު ކުލަ ނެރެން ދަތިވޭ" ނާދިރާ ވިދާޅުވިއެވެ.
ހަމަ އެގޮތަށް އެންމެ ފުރަތަމަ އަޅުއްވައި ދެއްވާ ބިންގާ، ފަރުވާތެރިކަމާއެކު މި ކުދިންނަށް އަޅުއްވައި ދެއްވަނީ ބެލެނިވެރިން ކަމަށާއި އެކަން އެބޭފުޅުން ނުހަނު ފުރިހަމައަށް އަދާކުރުމުގެ ނަތީޖާއަކީ މިއަދު އަޅުގަނޑުމެން ކުރިމަތިން ޔާގޫތުތަކެއްހެން ދަރިވަރުން ފެނިގެން ދިއުންކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.
ޓީޗަރުންގެ ކިބައިން ޕްރިންސިޕަލް ނާދިރާ އެދިވަޑައިގެންނެވީ، ބެލެނިވެރިން ކޮށައި މަށައިގެން ގެނެސްދެއްވާ ޔާގޫތުގެ އަޞްލު ކުލަ ނެރެދެއްވުމަށެވެ. އަދި ވިދާޅުވީ "ރެނދު ނާޅާހެން، ފަޅައިގެން ނުދާނެހެން، ރަނގަޅަށް އަލި ވަންނާނެ ގޮތަށް ފަރުވާތެރިވެ، އެންމެ ރީތި ދަޅައަޅާހެން އޮފުއަރުވައި" ދިނުމަށެވެ.
ހިޔާލު