ކުޅިވަރާ ބެހޭ ވަޒީރު ދަރިވަރުންގެ ކިބައިން އެދިވަޑައިގަތީ "ފެއިލްވެދާނެތީ ބިރުނުގަންނަން"

ފެއިލްވެދާނެތީ ބިރުނުގަތުމަށް ކިޔަވާކުދިންގެ ކައިބައިން ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު މިރޭ އެދިވަޑައިގެންފިއެވެ.

އިމާދުއްދީން ސްކޫލުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރާފިއު ވިދާޅުވީ،

ދަރިވަރުންގެ އުނގެނުމުގެ ހަޔާތުން ލިބޭ ޑިޕްލޮމާއަކުން ނުވަތަ ޙާޞިލްކުރާ ޑިގްރީއަކުން ނިންމާނުލުމަށެވެ. އަދި ތަޢުލީމީ ހަޔާތް ނިމުނުކަމުގައި ވިޔަސް އުނގެނި ދަސްކުރުމުގައި ދެމިހުންނަން ވެސް ރާފިއު ކިޔަވާ ކުދިންނަށް އިލްތިމާސް ކުރެއްވިއެވެ.

ހަޤީޤީ މާނައިގައި ދިރިއުޅުމުގެ ކާމިޔާބީގެ ދަތުރަށް ތައްޔާރުވެ ހަލުވި ދުވެލީގައި ކުރިއަށް ދެވޭނީ އާ ހޯދުންތަކާއި އުފެއްދުންތެރި ކަމަށް ސިކުނޑި ހުޅުވާލައިގެން ކަމަށާއި އެކަން ކަމަށް މަސައްކަތް ކުރެއްވުމަށް ވެސް އޭނާ ކިޔަވާ ކުދިންނަށް އިލްތިމާސް ކުރެއްވިއެވެ.

"ކާމިޔާބު ވުމުގައި ހުރަސްތައް ދިމާވާނެ. ކާމިޔާބުނުވާ ފަހަރު ވެސް އަންނާނެ. ނަމަވެސް އަފަދަ ކޮންމެ ހާލަތެއްގައި ވެސް ހިތްވަރާއެކު މަސަކަތް ކުރުން އެއީ އަޒުމަކަށް ހަދަން ޖެހޭ. ކަމެއް ކާމިޔާބު ނުވުމުން ނުވަތަ ފެއިލްވެދާނެތީ ބިރުގަނެގެން ނުވާނެ. ނާކާމިޔާން ލިބުނު ފިލާވަޅާއެކު ދެވަނަ ފަހަރަށް ކެރިގެން ކުރިމަތިލާންވާނެ. ވެއްޓޭ ކޮންމެ ފަހަރަކު ހަށިފޮޅާލާފައި ކުރިއަށް ދިއުމުގެ ހިތްވަރު ހުރުމަކީ ވަރަށް މުހިންމު ކަމެއް" ރާފިއު ރޭ ވިދާޅުވިއެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ބާސްކެޓްބޯލް ކުޅުންތެރިޔާ މައިކަލް ޖޯޑަންގެ ހަޔާތުން މިސާލު ނަންގަވައި ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވީ، އޭނާ މޮޅު ކުޅުންތެރިއަކަށްވީ ނާކާމިޔާބިން ފިލާވަޅު ނަގައިގެން ކަމަށެވެ.

މައިކަލް ޖޯޑަންގެ ކުޅިވަރުގެ ހަޔާތުގައި ކުރި 9000 އަށް ވުރެ ގިނަ ޝޫޓްގައި ބޯޅަ ބާސްކެޓަށް ނުވެއްޓޭ ކަމަށް އެނގިފައި ވަނީ. ކެރިއަރުގައި ކުޅުނު 300 މެޗުން ބަލިވެ 26 ފަހަރު ޓީމް މޮޅުކޮށްދޭން އޮތް ވަގުތު، އޭނަގެ އަތުން ބަލިވެފައި.

އޭނާ ބުނީ އެތައް ފަހަރަކު ބާސްކެޓް ކޯޓްގެ މަތީގައި އޭނާ ފެއިލެވެފައިވާކަމަށް. ނަމަވެސް އޭނާ ކާމިޔާބު ކުޅުންތެރިއަކަށްވީ ނާކާމިޔާބީތަކުން ލިބުނު ފިލާވަޅުތަކުގެ ސަބަބުން. އެކަމަށްޓަކައި ގަދައަޅައި މަސައްކަތް ކުރުމުގެ ސަބަބުން" ޖޯޑަންގެ ކުޅިވަރުގެ ހަޔާތުން މިސާލު ދައްކަވަމުން ވަޒީރު ވިދާޅުވިއެވެ.

"ދުނިޔޭގެ ކާމިޔާބު ކޮންމެ މީހަކީ ވެސް މައިކަލް ޖޯޑަން ގޮތަށް. އެތައް ފަހަރަކު ފެއިލްވެފައިވާ މީހެއް. އާ އަޒުމަކާއެކު އަލުން މަސައްކަތް ކޮށްފައިވާ މީހެއް"

ރާފިއު ވިދާޅުވީ، އިމާދުއްދީނުގެ ދަރިވަރުންނަށް ފާފިއު ވިދާޅުވީ، "ތިޔަ ދަރިވަރުންނަކީ ވެސް މިފަދަ އަޒުމެއްގައި މަސައްކަތްކުރާނެ ދަރިވަރުން ތަކަކަށް ވުމަށް އަޅުގަނޑު އުއްމީދު ކުރަން. މި ވަގުތަކީ ތިޔަ ކުދިންގެ ފިޔަގަނޑު ސްކޫލުން ބޭރަށް ހުޅުވާލާ ވަގުތު. އެކި މައިދާންތަކަށް މިސްރާބުޖަހަން ފަށާ ވަގުތު. މި ދަތުރުގައި ހުރިހާ ދަރިވަރުންނަކީ ވެސް، ހިތްހެޔޮ ހިތްތިރި ދީލަތި ކަންކަމަށް ކަމޭހިތާ ހިތްވަރުގަދަ އަމިއްލަ ނަފުސަށް އިތުބާރުކުރާ ނިއުމަތްތަކަށް ޝުކުރުވެރިވާ ބަޔަކަށް ވާންވާނެ" ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *