ކާމިޔާބީގެ އައްސޭރިއަށް ވާޞިލް ވުމަށް ކޮންމެ ކުއްޖަކު ވެސް ހުވަފެން ދެކެން ޖެހޭ

ކާމިޔާބީގެ އައްސޭރިއަށް ވާޞިލް ވުމަށް ކޮންމެ ކުއްޖަކު ވެސް ހުވަފެން ދެކުމަށް އިމާދުއްދީން ސްކޫލުގެ ޕްރިންސިޕަލް އަލީ މަމްދޫޙު ވިދާޅުވެއްޖެއެވެ.

ކާމިޔާބީގެ އައްސޭރިއަށް ވާޞިލް ވުމަށް ކޮންމެ ކުއްޖަކު ވެސް ހުވަފެން ދެކުމަށް އިމާދުއްދީން ސްކޫލުގެ ޕްރިންސިޕަލް އަލީ މަމްދޫޙު ވިދާޅުވެއްޖެއެވެ.

އިމާދުއްދީނުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިންޑިޔާގެ ކުރީގެ ރައީސް އަބްދުލް ކަލާމުގެ ހަޔާތްޕުޅުން މިސާލު ނަންގަވައި މަމްދޫޙު ވިދާޅުވީ، ކާމިޔާބު މީހަކަށް ވުމަށް ހުވަފެން ދެކުމަކީ އެއީ ކޮންމެ ކުއްޖަކަށް ލިބިފައިވާ ފުރުޞަތެއް ކަމަށެވެ. އެ ފުރުޞަތުގައި ކޮންމެ މަންޒަރެއް ސާދާ ސީދާކަންމަތީ ގެނައުމުގެ ފުރިހަމަ އިހުތިޔާރާއި ބާރު ކޮންމެ ކުއްޖަކަށް ވެސް ލިބިގެންވާ ކަމަށާއި އެ މަންޒަރުގައި ޖައްސާލަނީ، ފެހިކުލަތޯ ނޫނީ ނޫކުލަތޯ ނިންމާނީ އެ ކުއްޖަކު އަމިއްލައަށް ކަމަށް ވެސް ޕްރިންސިޕަލް ވިދާޅުވިއެވެ.

ނިކަމައްޗަކަސް، މުއްސަންޖަކަސް ދުވަހީ ގޮތެއްގައި ކޮންމެ އިންސާނަކަށް ވެސް ލިބެނީ 24 ގައިޑިއިރު ކަމަށާއި އެ ލިބޭ ވަގުތުތަކުގައި ތަރުތީބުން ކަންތައްތައް ކުރުމަށް ޕްރިންސިޕަލް މަމްދޫޙު ދަރިވަރުންނަށް ހަނދާންކޮށްދެއްވިއެވެ.

އިމާދުއްދީނުގެ އަހަރީ އިނާމް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ދަރިވަރު ނޫސް

"ބަވަނަ ވެފައިވާ މި ދުނިޔޭގައި ދިމާވާ އެންމެންނަކީ ހެޔޮއެދޭ ބައެއް ކަމުގައި ދެކިގެން ނުވާނެ. ފެންނަ ކޮންމެ މަންޒަރަކީ ބަލަން ޖެހޭ މަންޒަރުތަކެއް ނޫން. ގުޅުމަކަށް އެދިގެން ދިއްކޮށްލާ ކޮންމެ އަތެއްގައި ހިފައިގެން ނުވާނެ. ބަދަހިކުރަންވީ ގުޅުމަކީ ކޮބައިކަމާއި ފެއަށް ޖައްސަން ޖެހެނީ ކޮންޖަމާއަތެއްކަން އަމިއްލަ ބުއްދީގެ އެހީގައި ނިންމަންވާނެ" ޕްރިންސިޕަލް ވިދާޅުވިއެވެ.

"ނަމަވެސް ތަފާތު ވިސްނުމާއި ފިކުރުގެ މީހުންނާ އެކީގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ތިޔަކުދިންނަށް ލިބެންވާނެ. ހިތްހެޔޮކަމާ، ހިތްތިރިކަމުގެ ރިވެތި އަޚްލާޤު އަމަލުން ފެންނަން ހުންނަންވާނެ. އެއީ ކޮންމެ ކަމަކަށް އޯކޭ ވުމެއްވެސް ނޫން. ނޫނެކޭ ބުނަން ޖެހޭ ހާލަތުގައި ބުނަން ތިޔަކުދިންނަށް އެނގެންވާނެ. ދުނިޔޭގައި މިކުރާ މަސައްކަތުގެ ހަޤީޤީ މަޤްޞަދު ހަނދާނުގައި ބަހައްޓަންވާނެ. އެ ދިމާއަށް ދެވޭނީ ތިޔަކުދިންގެ ސިކުނޑީގައި ތެތްކަމެއް ހުރެ، އެކަމާ ދޭތެރޭ ފިކުރު ކުރީމާ. ދީނީ ވާޖިބުތައް އަދާކުރުމުގައި މުރާލިވާންވާނެ. ފަސްވަގުތު ނަމާދުކުރަންވާނެ"

ތަރުބަވީ ތަޢުލީމުގެ ތެރެއިން މަތީ ސާނަވީ މަރުހަލާގައި ކުދިންނަށް ވަގުތު ދޭން ޖެހޭ ކަމަށާއި އެއީ އެ ކުދިންގެ ޙަޔާތުގެ މަންޒިލާ ހަމައަށް ވާޞިލުވުމަށްޓަކައި ޑިސިޝަން ނަގަން މަސައްކަތް ކުރާ ވަގުތުކޮޅުކަން ޕްރިންސިޕަލް މަމްދޫޙު ބެލެނިވެރިންނަށް ހަނދާންކޮށްދެއްވިއެވެ.

"ތިޔަ ބޭފުޅުން އެކުދިންގެ އެކުވެރިއަކަށް ވެވަޑައިގަންނަވާށޭ. ތިޔަ ބޭފުޅުންނަކީ އެ ކުދިންގެ ހުރިހާ ކަމެއް ތަންފީޒު ކުރުމުގައި އެންމެ ގާތުން މަސައްކަތްކުރާ ބަޔަކަށް ވެވަޑައިގަންނަވާށޭ. އެކުދިންގެ ޙައްޤުގައި އެޑްވައިޒަރުންނަށް ވެވަޑައިގަންނަވާށޭ. އެގޮތަށް މަސައްކަތް ކޮށްފިނަމަ ކާމިޔާބާ ހަމައަށް ދެވޭނެ" މަމްދޫޙު ވިދާޅުވިއެވެ.

މުދައްރިސުންނަށް މަމްދޫޙު ވިދާޅުވީ ކުރިން ބޭނުން ކުރި ޓޫލްސެޓް ބަދަލުވެއްޖެ ކަމަށާއި ކުރިން އަހަރަމެން ބޭނުންކުރި އާލާތްތައް ވެސް ބަދަލުވެއްޖެ ކަމަށެވެ. އެހެންވެ ކިޔަވާ ކުދިންނަށް ހަޤީޤީ ތަރައްޤީ އޭގެ ފުރިހަމަ މާނައިގައި ހޯދައިދޭން މިހާރަށްވުރެ ބުރަކޮށް މަސައްކަތް ކުރެއްވުމަށް ޓީޗަރުންގެ އަރިހުން ޕްރިންސިޕަލް އެދިވަޑައިގެންނެވިއެވެ.

"ހަޤީޤީތަރައްޤީއަކީ ވަށައިގެންވާ އުސް އިމާރާތްތަކެއް ނޫން. ހަޤީޤީ ތަރައްޤީއަކީ މަގުތަކުގައި އަޅާފައި ހުންނަ ތާރައެއްވެސް  ނޫން. ހަޤީޤީ ތަރައްޤީ ގެނެވެނީ އިންސާނާގެ ސިކުނޑިއާ ހަމައިން. މަގުމަތީގައި ހިނގާފައިދާއިރު ދުވަސްވީ މީހުންނަށް އަދަބު އިޚްތިރާމާ އެކީގައި ވާހަކަ ދައްކަން ނޭނގޭނަމަ ހަޤީޤަތުގައި ވެސް އެ ލިބެނީ ތަރަޤީއެއް ނޫން" ވަށައި ޖެހޭ ތައުލީމެއް އިމާދުއްދީނުގައި ފޯރުކޮށް ދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ މަމްދޫޙު ވިދާޅުވިއެވެ.

އިމާދުއްދީން ސްކޫލުގެ 27 ދަރިވަރަކު ސާނަވީ ނިންމާ އިމްތިޙާނުތަކުން ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައިވެއެވެ. ގުރޭޑް ދިހައަކާ ހަމައަށް ކިޔަވައިދެމުން އަނަނަ އިމާދުއްދީނުގެ އަމާޒަކީ ފަސް މާއްދާއިން ފާސްވާ ދަރިވަރުންގެ އަދަދު 80 އިންސައްތައަށް މައްޗަށް ޖެއްސުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *