އުނގޫފާރަކީ "ޕްލާސްޓިކް ފްރީ ޕެރަޑައިސް" އަކަށް ހަދަން އެ ރަށު ސްކޫލުން ނުކުމެއްޖެ

އުނގޫފާރަކީ "ޕްލާސްޓިކް ފްރީ ޕެރަޑައިސް" އަކަށް ހެދުމުގެ ބޭނުމުގައި އެރަށު ސްކޫލުން ޚާއްޞަ ކެމްޕެއިނެއް އިފްތިތާޙްކޮށްފިއެވެ.

ސާފު، ފެހި ރަށެއް ހޯދުމުގެ މަޤްޞަދުގައި އުނގޫފާރު ސްކޫލުގެ ސޭވް ކްލަބުން އިސްނަގައިގެން ޕާލޭ ފޯ ދަ އޯޝަންސްއާ ގުޅިގެން ކުރިއަށް ގެންދާ މި ކެމްޕެއިނުގެ ސަބަބުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ބާރުއެޅުމަށް މުޖުތަމައު އެއްތަނަކަށް ގެނެވޭނެ ކަމަށް އެ ސްކޫލުން ބުނެއެވެ. 52 ހަފްތާއަށް ދެމިގެންދާ މި "ޕްލާސްޓިކް ފްރީ ޕެރަޑައިސް" ގެ ކެމްޕެއިނަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ކޮކޫން ކަލެކްޝަން – ޔޫ އެންޑް މީ މޯލްޑިވްސްގެ ތިމާވެށީގެ ހިލޭ އެހީގެ ދަށުންނެވެ. އެ ރިސޯޓުން 88،000 ރުފިޔާ މި ކެމްޕެއިނަށް ދީފައިވެއެވެ.

އުނގޫފާރު ސްކޫލުން ބުނީ، ހުރިހާ މުއައްސަސާތަކާއި ރަށުގެ ރައްޔިތުން ގުޅިގެން އުނގޫފާރަކީ އަސްލު "ޕްލާސްޓިކް ފްރީ ޕެރަޑައިސްއަކަށް" ބަދަލުކުރެވޭނެ ކަމަށެވެ.

އުނގޫފާރު ސްކޫލުގެ ލީޑިންގ ޓީޗަރު މުނާ އަޙްމަދު ދަރިވަރު ނޫހަށް ވިދާޅުވީ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް އެއްކޮށް ޕާލޭއާ ހަވާލުކުރަން ނިންމާފައިވާ ކަމަށެވެ.

މިފަދަ ޕްރޮގްރާމެއް ޕާލޭއާ ގުޅިގެން އެރަށުގައި ކުރިއަށްދާ މިއީ ފުރަތަމަ ފަހަރު ކަމަށާއި މި ކެމްޕެއިނުގެ ތެރެއިން އާންމުން ހޭލުންތެރިކުރުވުމުގެ ގިނަ ހަރަކާތްތަކެއް ވެސް ހިންގަން ރާވާފައިވާ ކަމަށް މުނާ ވިދާޅުވިއެވެ.

މި ކެމްޕެއިން ފަށައި ޕްލާސްޓިކް އެއްކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

އުނގޫފާރު ސްކޫލުގައި 500 އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *