ތަރުބިއްޔަތު ފުރިހަމަވާނީ ޙަޔާތުގެ ކޮންމެ މަންސައަކުން އިންތަކާއި މިންތައް ހިފަހައްޓަން ކުދިންނަށް ބާރުއަޅައިގެން

  • ސްކޫލުން އިންތިކާއި މިންތައް ކަނޑައަޅައިގެން ތަރުބިއްޔަތެއް ޙާޞިލެއް ނުކުރެވޭނެ. އެކަން ކުރެވެން އޮތީ ދަރިވަރުގެ ހަޔާތުގެ ކޮންމެ މަންސައަކުން އިންތަކާއި މިންތައް ހިފެހެއްޓުމަށް ބާރުއަޅައިގެން

ތަރުބިއްޔަތު ފުރިހަމަވާނީ ޙަޔާތުގެ ކޮންމެ މަންސައަކުން އިންތަކާއި މިންތައް ހިފަހައްޓަން ކުދިންނަށް ބާރުއަޅައިގެން ކަމަށް ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލް އައިޝަތު ޝީތާ ވިދާޅުވެއްޖެއެވެ.

ވޭތުވެދިޔަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާގައި ޝީތާ ފާހަގަކުރެއްވީ މައިގަނޑު ތިން ކަމެކެވެ.

ފުރަތަމަ ކަމަކަށް ދަރިވަރުންނަށް ޕްރިންސިޕަލް ވިދާޅުވީ، ދިރިއުޅުމާއި ދީނީކަންކަމާ ވަކިކޮށްގެން ނުވާނެ ކަމަށާއި، ސްކޫލުން ދަރިވަރުންނަށް ދަސްކޮށްދިނީ، ހަނދާންކޮށްދީ ބާރުއެޅީ، ދީނީ ކަންތައްތަކަށް ބާރުއަޅާ ދަރިވަރުންނަށް ހަދަން ކަމަށެވެ. ހަޤީޤަތުގައި ވެސް ކާމިޔާބު ލިބެން އޮތީ ދީނުގައި ސާބިތުވެގެން، ދީނީ ކަންކަމަށް ސަމާލުކަންދީ ހެޔޮގޮތާއި ރަނގަޅުގޮތުގައި ހިފައިގެން ކަމަށާއި އެ މަގުން ބަރީއަވެއްޖެނަމަ "ހޯދޭނެ މޮޅެއް ލިބެނޭ ފައިދާއެއް އަތްމަތިކުރެވޭނޭ އުފަލެއް ނޯންނާނެ" ކަން ޕްރިންސިޕަލް ދަރިވަރުންނަށް ހަނދާންކޮށްދެއްވިއެވެ.

"ތިޔަ ދަރިވަރުންއުޅޭ އުޅުމަކީ ރިވެތި ތަހުޒީބު ނަޒާހަތްތެރި އުޅުމަކަށް ހެދޭތޯ ބަލަން ޖެހޭ. ކުރާ ކޮންމެ ކަމެއްގައި ފަރުވާތެރިވާން ޖެހޭ. ހަމައެއާއެކު ދީނީ މިންގަނޑުތަކާ އިޖްތިމާއީ މިންގަނޑުތަކުން ބޭރުވެވޭނަމަ ތިޔަ ބުއްދިވެރި ސިކުނޑިން އެކަން ދަންނަން ޖެހޭ. މިފަދަ ކޮންމެ ބަޔަކީ ކިޔެވުމުގެ ބައެއް. ގުރޭޑް 1ގައި އުޅުނަސް ގުރޭޑް 10ގައި އުޅުނަސް ގުރޭޑް 12ގައި އުޅުނަށް މިކަންކަމަކީ ބަދަލުވުމެއް ނެތް ހިތުގެ ޤާނޫނުތަކަކަށް ހަދަން ޖެހޭ. އޭރުން މިއަދެކޭ އެއްފަދައިން މާދަމާ ވެސް ތިޔައިން ކޮންމެ ދަރިވަރަކީ ކާމިޔާބު މީހަކަށް ވާނެ" ޝީތާ ވިދާޅުވިއެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ބެލެނިވެރިންނާ މުޙާޠަބުކޮށް ޝީތާ ވިދާޅުވީ، ސްކޫލަކީ ތަޢުލީމާއި ތަރުބިއްޔަތުގެ ގޯއްޗެއް ކަމަށާއި އުނގެނުމާއި އަޚްލާގުގެ ގެދޮރެއް ކަމަށެވެ. އެއީ ހަމައެކަނި އަޅުގަނޑުމެންގެ ގެދޮރެއްނޫން ކަމަށާއި އެއީ ލޮބުވެތި ބެލެނިވެރިންގެ ވެސް ގެދޮރު ކަމަށް ވިދާޅުވިއެވެ.

"މި މާހައުލުގެ އަގު މަތިވެރި ކުރެވޭނީ ކޮންމެ މަޔަކާއި ބައްޕައަކު ކޮންމެ ބެލެނިވެރިއަކު ތިޔަވެވަޑައިގަންނަވާ ޤުރުބާނީއާއެކު. މިއަދުގެ ތަރުބިއްޔަތު ފުރިހަމަވާނީ ވަށައިޖެހިގެން. ކިޔަވާ ތަކެއްޗާ ގުޅުވައިގެން. ސަބަބުތަކުގައި ހިފައި ދަރިވަރުން ކުރާ ކީއްވެ؟ ސުވާލަށް އެކަށޭނެ ޖަވާބެއް ދެވިގެން. މިއަދު ސްކޫލުން އިންތިކާއި މިންތައް ކަނޑައަޅައިގެން ތަރުބިއްޔަތެއް ޙާޞިލެއް ނުކުރެވޭނެ. އެކަން ކުރެވެން އޮތީ ދަރިވަރުގެ ހަޔާތުގެ ކޮންމެ މަންސައަކުން އިންތަކާއި މިންތައް ހިފެހެއްޓުމަށް ބާރުއަޅައިގެން" ބެލެނިވެރިންނަށް ޝީތާ ވިދާޅުވިއެވެ.

ޝީތާ ވިދާޅުވީ، ޗުއްޓީވުމުން ދަރިވަރުންނަށް ދެވޭ ހައްދެއް ނެތް މިނިވަންކަމާއި ބޮޑުބަންދު އައުމުން ދެވޭ ދޫދިނުންތަކަކީ ހައްދާއި ހުދޫދުން ނެއްޓޭ އިންތަކަކާއި މިންތަކަކަށް ވާނަމަ އޭގެ ނޭދެވޭ އަސަރު ކޮންމެ ދަރިވަރަކަށް ވެސް ކުރާނެ ކަމަށެވެ. މިފަދަ ކޮންމެ ކަމަކަށް މިއަދު ބެލެނިވެރިން ހޭލުންތެރިވާން ޖެހޭ ކަމަށާއި ދަރިވަރުންގެ މިޒާޖަށް އަންނަ ބަދަލުތަކާ އުޅުމާއި ގުޅުމަށް އަންނަ ބަދަލުތަކާ މެދު ފިކުރުކުރަން ޖެހޭ ކަމަށެވެ. އަދި ލާމެހިފައިވާ މި ކުޑަ މުޖްތަމައު ބަދަލުވަމުން އަންނަގޮތާއި އިޖްތިމާއީ އަގުތަކަށް އިހްތިރާމް ކުރެވޭ މިންވަރާމެދު ވިސްނަން ޖެހޭކަން ބެލެނިވެރިންނަށް ޕްރިންސިޕަލް ހަނދާކޮށްދެއްވިއެވެ.

"މިކަންކަމަށް އޮތް އެންމެ އަގު ހެޔޮ ފަރުވާއަކީ ދަރިންނަށް ކޮލިޓީ ވަގުތު ދެއްވުން. ދަރިންނަށް ބޭނުންތެރި ވަގުތުކޮޅެއް ބެލެނިވެރިން ހޭދަކޮށްލައިގެން. ސްކޫލުގައާއި ބޭރުގައި ދިމާވާ ކަންކަމާ ވާހަކަދައްކާލަން ކަނޑައެޅިފައިވާ ވަކި ވަގުތުކޮޅެއް ބެލެނިވެރިންގެ ބިޒީ ތާވަލުން ހަމަޖެހިގެން. މިއި  ކޮންމެ ދަރިވަރަކަށް ބޭނުންވާ އަސާސީ އެހީތެރިކަމެއް" ޝީތާ ވިދާޅުވިއެވެ.

ހުނަރުވެރި މުދައްރިސުން އިޝާރާތް ކުރައްވައި ޕްރިންސިޕަލް ވިދާޅުވި ގޮތުގައި، ތިޔަ ޚިދުމަތުގައި ވަނީ ނިމުމެއް ނެތް އޯގާތެރިކަމާއި މެދުކެނޑުމެއް ނެތް މަދަދުވެރިކަމާއި ކެނޑުމެއް ނެތް ކުލުނާއި ލޯތްބެވެ. އެ ލޯބީގައި ކޮންމެ ދަރިވަރަކު ފިޔަފަޅައި އުދުހިގެން އެ ދަނީ ތިޔަ މުދައްރިސުންގެ ހުށިޔާރުކަމާއި ހުނަރާއި ހިތްވަރުން ކަމަށެވެ.

"ޤަބޫލުކުރަން ޖެހޭ ކަމަކީ ދަރިވަރުންގެ ވަރައިގެ ޤާބިލުކަން އިތުރުކުރެވޭނީ ތިޔަ މުދައްރިސުންނަށްކަން. އެކަން ކުރެވޭނީ ދަރިވަރުން އެކިކަންކަމަށް ހުންނަ  ލޯތްބާއި ޤާބިލުކަން ދެނެވަޑައިގަތުމަށް މަސައްކަތް ކުރައްވައިގެން. އެ ދަރިވަރަކަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަމަކީ ކޮބާކަން ޔަޤީން ކުރައްވައިގެން. ދަރިވަރުން ކުރާ ކޮންމެ ކަމެއްގައި ރިވެތި އަޚްލާޤަށް ބާރުއަޅުއްވައިގެން. ކޮންމެ ކަމެއްގައި ދަރިވަރުން ޒިންމާދާރުކޮށްގެން. އެހެން ވީމާ މުދައްރިސުން ވާންޖެހެނީ ހުރިހާ ގޮތަކުން ނަމޫނާއަކަށް" ޝީތާ ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *