އަޅުގަނޑުމެންގެ ހިތަކީ ދިވެހި ވަންތަ ދިވެހިރާއްޖޭގެ ހިތަކަށް ވާން އެބަ ޖެހޭ

އަޅުގަނޑުމެންގެ އެންމެންގެ ވެސް ހިތަކީ ދިވެހި ވަންތަ ދިވެހިރާއްޖޭގެ ހިތަކަށް ވާން އެބަ ޖެހޭ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ފާއިތުވި ދިރާސީ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ޑރ. އަޙްމަދު އެންމެހައި ކިޔަވާ ދަރިވަރުންނަށް ވިދާޅުވީ "އަޅުގަނޑުމެން އެންމެން އަރާ ފައިވާނަކީ ސީނު ކަރައިގެ އުފެއްދުމަކަށް ވެދާނެ. އަޅުގަނޑުމެން އަޅާ ހެދުމަކީ ހިންދުކަރައިގެ އެއްޗަކަށް ވެދާނެ. އަތުކުރީގައި އަޅާ ގަޑިއަކީ ރޫސީވިލާތުގެ އެއްޗަކަށް ވެދާނެ. އެހެން ނަމަވެސް އަޅުގަނޑުމެންގެ އެންމެންގެވެސް ހިތަކީ ދިވެހި ވަންތަ ދިވެހިރާއްޖޭގެ ހިތަކަށް ވާން އެބަ ޖެހޭ. މިހިތުގައި ޖަހާ ވިންދަކީ ޤައުމީ އެއްޗަކަށް ވާން އެބަ ޖެހޭ. މި ހިތުގެ ނޫރަކީ އިސްލާމީ ނޫރު ކަމުގައި ވާން އެބަ ޖެހޭ. އެހެން ކަމުން އަޅުގަނޑުމެންގެ ނަފުސު ބޭރު މީހުންގެ އަޅަކަށް ވެގެން ނުވާނެ. އަޅުގަނޑުމެންގެ ފިކުރު އެބައިމީހުންގެ ރަހީނުންނަށް ވެގެން ނުވާނެ. މި ޤައުމު އެދި ގޮވަނީ ތެރުވެރިކަމާއެކީގައި މަސްލަހަތު ހުރި ގޮތެއްގައި ތެދު ނިޔަތާއެކީގައި ޚިދުމަތްކުރާ ދަރީންނަށް" ކަމަށެވެ.

މުދައްރިސުންނަށް ޑރ. އަޙްމަދު ވިދާޅުވީ، މުދައްރިސުންނަކީ ދަރިވަރުންގެ ހުވަފެންތައް ހަޤީޤަތަކަށް ހަދައިދިނުމުގެ އެންމެ މުހިންމު އެއް ބަހާ ކަމަށެވެ.

"ހުރިހާ ކުދިންނަކީ އޮފީހުގެ މޭޒު ދޮށުގައި ތިބެ ހުދުގަމީހުގެ ގިރުވާނުގެ ތުނޑުން ކައިބޮއިގެން އުޅޭ ކުދިންނަށް ވެއްޖެނަމަ އަޅުގަނޑުމެންގެ މުޖްތަމައު ބެލެންސެއް ނުވާނެ" ޑރ. އަޙްމަދު ވިދާޅުވިއެވެ.

މުދައްރިސުންނަކީ އިލްމާއެކު ހުނަރުތަކެއް ލިބިފައިވާ ދަރިންތަކެއް އުފެއްދުމަށްޓަކައި މަސައްކަތް ކުރަންޖެހޭ ބައެއް ކަމަށާއި ދަރިވަރުންނަކީ ފަންނުވެރި މަސައްކަތުގައި ކުރިއަރާދާ ހުނަރުވެރި ބަޔަކަށް ވާން އެބަޖެހޭ ކަމަށް ޑރ. އަޙްމަދު ވިދާޅުވިއެވެ. ސްކޫލުތަކުގައި ކުރާ މަސައްކަތަކީ ހަމައެކަނި ކަރުދާހާ ގަލަމުގެ މައްޗަށް ބިނާވެފައިވާ އެއްޗަކަށް ވެއްޖެނަމަ ވަށައިޖެހިފައިވާ ތައުލީމެއް އެންމެ ފުރިހަމަ ގޮތުގައި ނުދެވޭނެ ކަމަށާއި ސްކޫލްތަކުގައި ގެންދެވޭ ޕްރޮގްރާމްތަކަކީ ވެސް ވެލިޔު ބޭސްޑް، ސްޓޫޑެންޓް އަޚްލާޤީ ކަންތައްތައް އެއްދުވަހުން އަނެއް ދުވަހަށް ކުރިއަރައިގެން ދާނެ ފަދަ ގޮތަކަށް ރޭވިގެން ދާނެ ހަރަކާތްތަކަށް ހަދަން ޑރ. އަޙްމަދު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ ގިނަ އަދަދެއްގެ ދަރިވަރުންނާއި ބެލެނިވެރިން ބައިވެރިވި ޖަލްސާގައި ޑރ. އަޙްމަދު ވިދާޅުވީ ކާމިޔާބު މީހެއްގެ އެންމެ އަސާސީ އެއްކަމަކީ ކާމިޔާބީ ޙާޞިލް ކުރުމަށްޓަކައި އެމީހަކު އެދޭ މިންވަރާއި އެކަމަށް ކުރާ ބުރަ މަސައްކަތް ކަމަށެވެ. އެ ވާހަކަ ކިޔަވާކުދިންނަށް ވިދާޅުވެދެއްވީ ކާމިޔާބު ޙާޞިލް ކުރަން އެދޭމީހާގެ ކިބައިގައި ހުންނަންވީ ސިފަތައް ބޮޑުތަކުރުފާނުގެ ހަޔާތްޕުޅުން ނަންގަވަމުންނެވެ.

ޑރ. އަޙްމަދު ވިދާޅުވި ގޮތުގައި، ބޮޑުތަކުރުފާނުގެ ޚިދުމަތާމެދު ކޮންމެ ކުއްޖަކު ވިސްނާލާއިރުވެސް ފާހަގަކުރެވޭ ނުކުތާއަކީ، އިލްމްގެ މުހިންމުކަމާއި އިލްމްގެ މަތިވެރިކަމެވެ. ކޮންމެ ފަދަ މައިދާނެއްގައި މަސައްކަތްކުރަން ޖެހުނު ކަމުގައި ވި ނަމަވެސް އެންމެ ފުރަތަމަ ލިބިގަންނަން ޖެހޭ އެކައްޗަކީ އިލްމު ކަމެވެ. ބޮޑު ތަކުރުފާނަކީ ޢިލްމް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރެއްވި ލީޑަރެއް ކަމަށާއި ބޮޑުތަކުރުފާނު ވަނީ އެ ތަކުރުފާނުގެ ބައްޕާފުޅު ހުސައިން ހަޠީބު ތަކުރުފާނާ ބޮޑުބޭބޭފުޅު ނޮޅިވަރަމްފަރު އެދުރުކަލޭފާނުގެ އަރިހުން ދަސްކުރެއްވި ތައުލީމާ ތަރުބިއްޔަތުގެ އިތުރުން އުފަންރަށާއި ތިމާގެ ބޭފުޅުން ދޫކުރައްވައި އިންޑިޔާގެ ބޭދާޅީއަށް ވަޑައިގެން ކިޔަވާވިދާޅުވެފައިކަމަށް ޑރ. އަޙްމަދު ވިދާޅުވިއެވެ.

ޑރ. އަޙްމަދު ވިދާޅުވި ގޮތުގައި، ބޭރުން ހޯދި ތައުލީމުގެ މަތީގައި ބޮޑުތަކުރުފާނުގެ ޖިހާދުގެ މަސައްކަތް ތަރުތީބު ކުރެއްވިއެވެ. ބޮޑުތަކުރުފާނަކީ ދިވެހިރާއްޖޭގެ ޖޯގްރަފީގެ ވަނަވަރު ވަރަށް ރަނގަޅަށް ދެނެވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށާއި އަދި ރާއްޖޭގެ ކަނޑުތަކާ ކަނޑުއޮޅިތަކާ ފަރުތަކާ ގިރިތަކާ ހާތައް އަދި ރަށްރަށުގެ ފަޅުތައް އެ ތަކުރުފާނު ދަސްކުރައްވާފައި ވަނީ އެ ރަށްރަށުގެ މީހުންނަށް ނޭނގޭހާ މިންވަރަށެވެ. ރާއްޖޭގެ މޫސުމާ ނަކަތްތަކާއި ވިއްސާރަ އާއި ވަޔާ އޮޔަށް އެ ތަކުރުފާނު ވަރަށް ފަރިތައެވެ. ރާއްޖެފަދަ ޖަޒީރާ ޤައުމެއްގައި ފަސް ވަރަކަށް އަހަރު ދުވަސް ވަންދެން ކަނޑުމަތީގައި އެކުރެއްވި ޖިހާދުގައި، ހަނގުރާމައިން ކާމިޔާބު ހޯދަން ބޭނުންވާ ޢިލްމާއި ތަޖުރިބާ އެމަނިކުފާނު ގެންދެވީ ކޮންމެ ދުވަހަކު ވެސް ހޯއްދަވަމުންނެވެ.

"ރަނގަޅު ޓެކްނިކަލް ނިންމުންތަކެއް އުތީމު މަހާރަދުން ނިންމެވީ ހަމަޔަގީނުން ވެސް އެ ލިބިވަޑައިގެންނެވި އިލްމާއި ތަޖުރިބާގެ އަލީގައި. އެހެން ކަމުން އިލްމަކީ އަމަލީ މައިދާނަށް ނުކުމެ މަސައްކަތުގެ މައިދާނުގައި ކޮންމެ ފަދަ ކަމަކާ ކުރިމަތިލުމުގެ ކުރިއަށް ވެސް ލިބެން ޖެހޭ އަސާސީ އެއް ކަންތައް" ޑރ. އަޙްމަދު މިސާލު ނެންގެވީ ބޮޑުތަކުރުފާނުގެ އަގުހުރި މަސައްކަތްޕުޅުންނެވެ.

ކާމިޔާބު ހޯދުމަށްޓަކައި ނުވަތަ ކާމިޔާބު މީހަކަށް ވުމަށްޓަކައި އެމީހެއްގެ ކިބައިން ފެންނަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ހުންނަކަން ބަޔާން ކުރައްވައި ޑރ. އަޙްމަދު ވިދާޅުވީ، ބޮޑުތަކުރުފާނުގެ ޖިހާދަށް އެކަނި ވިސްނާލިކަމުގައި ވިޔަސް އެންމެ މުހިންމު އެއްކަމަކީ އެމީހެއްގެ ކިބައިގައި އެ ކަމެއް ޙާޞިލް ކުރަން ބޭނުންވާ މިންވަރު ކަމަށެވެ. އެހެންވެ ތައުލީމީ ދާއިރާގެ ބޭފުޅުން ލިޔުއްވާފައިވާ ފޮތްތަކުގައި ބަޔާންކޮށްފައި އޮންނަ އެއްކަމަކީ ކާމިޔާބު މީހެއްގެ އެންމެ އަސާސީ އެއްކަމަކީ އެމީހަކު އެ ކާމިޔާބީއެއް ޙާޞިލް ކުރުމަށްޓަކައި އެދޭ މިންވަރު ކަމަށެވެ. އެމީހެއްގެ ކިބައިގައި ހުރި އެދުމުގެ މިންވަރު ކަމަށާއި އެކަން ނެތްކަމުގައި ވަނީނަމަ ތައުލީމީ ދާއިރާއިން ވެސް އަމަލީ ގޮތުން ދިރިއުޅުމުގެ ދާއިރާއިން ވެސް އަދި ކުރާ ކޮންމެ މަސައްކަތަކުން ވެސް ކާމިޔާބު ހޯދަން ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.

"ދެން އޮތް އެންމެ މުހިންމު ކަމަކީ އެކަމެއް ޙާޞިލްކުރަން ބުރަކޮށް މަސައްކަތް ކުރުން. ބޮޑުތަކުރުފާނުގެ ޖިހާދުގައި ވަރަށް ތަފްޞީލްކޮށް ކިޔައިފި މީހަކަށް އެނގެނޭ އެމަނިކުފާނު ކުރެއްވި ބުރަ މަސައްކަތް. އެ ތަކުރުފާނު އުފުލި ބުރަ، އެކަމަށްޓަކައި ހޭދަކުރި ވަގުތު. ވެ ވަޑައިގެންނެވި ޤުރުބާނީތައް"

ޕްރިންސިޕަލެއްގެ ގޮތުން ވެސް މަސައްކަތް  ކުރައްވާފައިވާ ޑރ. އަޙްމަދު ދަރިވަރުނަށް ވިދާޅުވެދެއްވީ، ގުދުރަތީ ނިޒާމަށް ބަލާލާއިރު ވެސް، ބުރަ މަސައްކަތް ކުރަންޖެހޭ ގޮތުގެ ހަމަ ފެންނަ ކަމަށެވެ. ދޫންޏަކުން މިސާލު ނަންގަވައި ވިދާޅުވީ، ދޫންޏެއް އެ ދޫނީގެ ހާލީގައި އޮވެގެން ކާނެއެއްޗެއް ނުލިބޭނެ ކަމަށެވެ.

"އެ ދޫނި ނުކުންނަން ޖެހޭނީ ހާލިން ބޭރަށް. ބޭރަށް ނުކުމެ މަސައްކަތް ކޮށްގެން ކާއެތިކޮޅު މި ލިބެނީ" ޑރ. އަޙްމަދު މިސާލެއްގެ ގޮތުން ވިދާޅުވެދެއްވިއެވެ.

އޭނާ ވިދާޅުވީ، ވަރަށް ގިނަ ފަހަރު، ކާމިޔާބު ހާޞިލް ކުރީމާ ފެންނާނީ އެކަމެއް ޙާޞިލް ކުރިތަން ކަމަށާއި އޭގެ ފަހަތުގައި މީހުން ކުރާ ބުރަ މަސައްކަތް ނުފެންނަ ކަމަށެވެ.

ކުޅިވަރުގެ މައިދާނަށް ބަލާއިރު ދުނިޔޭގެ އެންމެ ބާރަށް ދުވާ ދުވުންތެރިން އެމީހުން އޮލިމްޕިކްގައި ވިޔަސް، އެހެން ދުވުންތަކުގައި ވިޔަސް، 15 ސިކުންތްގެ ކުޑަކުޑަ ވަގުތުކޮޅެއްގައި ދުވުމަށްޓަކައި ޕްރެކްޓިސް ކުރާ މިންވަރު އާންމުކޮށް ނުފެންނަ ކަމަށެވެ.

"އެތައް ހާސް ގަޑިއިރެއްގެ ޕްރެކްޓިސްއާ އެއްކޮށް 15 ސިކުންތްގައި އެ ދުވަނީ. އަޅުގަނޑުމެންނަށް ފެންނަނީ އޭނަ 15 ސިކުންތްގައި ދުވާތަންކޮޅު. އޭގެ ފަހަތުގައި ޕްރެކްޓިސްތަކުގައި ހޭދަކުރީ ކިތައް ގަޑިއިރުކަމެއް. ނުފެނޭ" ޑރ. އަޙްމަދު ވިދާޅުވިއެވެ.

ޑރ. އަޙްމަދު ވަނީ ހއ. އޭއީސީން ހޯދަމުންދާ ކާމިޔާބީއަށް އެ ސކޫލާއި މުދައްރިސުންނާއި ބެލެނިވެރިންނާއި ރަށުގެ ރައްޔިޔުންނަށް ޝުކުރުއަދާކުރައްވާފައެވެ.

ހއ. އޭއީސީގައި 900 އެއްހާ ދަރިވަރުން ފައުންޑޭޝަން ސްޓޭޖުން ފެށިގެން 12އާ ހަމައަށް ކިޔަވައިދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *