މެލޭޝިއާގައި ކިޔަވާ ބޭރުގެ ދަރިވަރުންގެ އަތުން 6 އިންސައްތައިގެ ޓެކުހެއް ނަގަނީ

އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މެލޭޝިއާގައި ކިޔަވާ ބޭރުގެ ދަރިވަރުންގެ އަތުން 6 އިންސައްތައިގެ ޓެކުހެއް ނަގަން އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

މ މި ޓެކްސް ނަގަނީ މެލޭޝިޔާގައި އަމިއްލަ ކުންފުނިތަކުން ހިންގާ މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގައި ތަޢުލީމު ހާސިލު ކުރާ ބޭރު ޤައުމުތަކުގެ ދަރިވަރުންގެ އަތުންނެވެ. މިސާވިސް ޓެކްސް ނަގަން ފަށާނީ ޖުލައި 1، 2025 އިން ފެށިގެންނެވެ. މި ޓެކްސް ނަގަން ފަށާނީ މެލޭޝިއާ ނޫން ދަރިވަރުންނަށް ހިދުމަތްދޭ ޕްރައިވެޓް ޕްރީސްކޫލްތަކާއި ސްކޫލްތަކާއި ކޮލެޖްތަކާއި ޔުނިވާސިޓީތަކާއި ބަސް އުނގަންނައިދޭ މަރުކަޒުތަކުގައި ކިޔަވާ މެލޭޝިއާއިން ބޭރުގެ ދަރިވަރުންގެ އަތުންނެވެ. މިއީ މެލޭޝިއާގައި ޓެކްސް ނަގާ ނިޒާމް ހަރުދަނާކޮށް ފުޅާކުރުމަށް ނިންމައި ސޭލްސް އެންޑް ސާވިސް ޓެކްސް (އެސްއެސްޓީ) ގަވާއިދުގެ ދަށުން ނަގާ ޓެކްސްއެކެވެ.

ޓިއުޝަން ފީގެ ގޮތުގައި އަހަރަކު 60،000 ރިންގިޓް (218،542.95(ރުފިޔާ) އަށް ވުރެ ގިނައިން ނަގާނަމަ އަމިއްލަ މުއައްސަސާތަކުން މި ޓެކުހަށް ރަޖިސްޓްރީ ވާން ޖެހެއެވެ. މަތީ ތައުލީމު ދޭ މަރުކަޒުތަކާއި ބަހުގެ މަރުކަޒުތަކުން ބައިނަލްއަގުވާމީ ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދޭނަމަ އާމްދަނީއަށް ބެލުމެއް ނެތި ރަޖިސްޓްރީ ވާން ޖެހެ އެވެ. މެލޭޝިއާގެ ދަރިވަރުންނަށް މި ޓެކްސްއިން އިސްތިސްނާވެއެވެ.

މެލޭޝިއާގެ ފިނޭންސް މިނިސްޓްރީން މި މަހުގެ ކުރީކޮޅު މިކަން އިއުލާނުކޮށްފައިވާއިރު، އެ މިނިސްޓްރީގެ އަމާޒަކީ މެލޭޝިއާގެ ގިނަ ބަޔަކަށް މާބޮޑު ބުރައެއް ނާޅައި އާމްދަނީ އިތުރުކޮށް، ޓެކްސް ބޭސް ފުޅާކޮށް ގައުމުގެ މާލީ ހާލަތު ހަރުދަނާ ކުރުން ކަމަށް ބުނެފައިވެއެވެ.

މެލޭޝިއާގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްލޭން (2015-2025) ގެ ދަށުން 2025 ވަނަ އަހަރުގެ ނިޔަލަށް ބައިނަލްއަގުވާމީ 250،000 ދަރިވަރުން ގެނައުމަށް މެލޭޝިއާއިން ވަނީ އަމާޒު ހިފާފައެވެ. ނަމަވެސް އަލަށް ނަގާ ޓެކްސްގެ ސަބަބުން މި އަމާޒަށް ވާޞިލް ނުވެވޭނެ ކަމަށް ބްރިޓިޝް ކައުންސިލުން ޕައި ނިއުސްއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

މެލޭޝިއާގައި ކިޔަވާ ބޭރުގެ ދަރިވަރުންގެ އަތުން ޓެކްސް ނަގަން ނިންމާފައިވާއިރު، އޭގެ އަސަރު އެ ޤައުމުގައި ކިޔަވަމުންދާ ރާއްޖޭގެ ދަރިވަރުންނަށް ވެސް ކުރާނެއެވެ. މިކަމާ ގުޅިގެން ދިވެހި ސަރުކާރުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *