ހުޅުމާލެ ހޮސްޕިޓަލް މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމުގެ ދަށުން 15 ފަރާތަކަށް ފުރުޞަތު ދޭން ނިންމައި އެޕްލިކޭޝަން ހުށައަޅަން ހުޅުވާލައިފިއެވެ.
އެ ހޮސްޕިޓަލުން މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ، މި އަހަރު ކުރިއަށް ގެންދާ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކައް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު 29 ޖޫން 2025 ވާ އާދިއްތަ ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން 8 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 12:00 ނިޔަލަށް ވަނީ ހުޅުވައިލާފައިވާ ކަމަށެވެ. މި ފަހަރު ފުރަސަތު ދެވޭނީ 15 ފަރާތަކަށް ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
އިންޓަރންޝިޕްގެ ޝަރުޠެއް ކަމަށް ކަނޑައަޅާފައި ވަނީ، މެޑިކަލް ކޮލެޖް/ޔުނިވަރސިޓީ އިން ދޫކޮށްފައިވާ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް އޮތުމާއި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓް އޮތުމުގެ އިތުރުން ވޭތުވެދިޔަ 5 އަހަރު ތެރޭގައި އެއްވެސް ޕޮލިސް ރިކޯޑެއް ނެތުމެވެ.
އިންޓަރންޝިޕް ޕްރޮގްރާމަށް ހޮވޭ ފަރާތަތްތަކުން، ޕްރޮގްރާމް ފެށުމުގެ ކުރިން، ހޮސްޕިޓަލުން އެންގުމުން ސެޓްފިކެޓްތަކުގެ އަޞްލު ހުށައަޅަން ޖެހޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
ހުޅުމާލޭ ހޮސްޕިޓަލުން ބުނެފައި ވަނީ، އިންޓަރންޝިޕް ޕްރޮގްރާމަށް ޝަރުޠު ފުރިހަމަވާ 15 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފިނަމަ ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި އިސްކަން ދެވޭނީ އެމް.ބީ.ބީ.އެސް ފުރިހަމަ ކޮށްފައިވާ ތާރީހަށް ބަލައި، ކޯސް ފުރިހަމަ ކުރިފަހުން ގިނަ ދުވަސް ވެފައިވާ ފަރާތްތަކަށާއި މެއިލްފޮނުވާ ތަރުތީބަށް ބަލައިގެން ކަމަށެވެ.
ރާއްޖޭގައި ޑޮކްޓަރީކަން ކިޔަވައި ނިންމާ ދަރިވަރުންނަށް މެޑިކަލް އިންޓަރންޝިޕް ރާއްޖޭގެ ހުރިހާ ހޮސޕިޓަލްތަކުން އަންނަނީ ދެމުންނެވެ. މި ހާތަނަށް ދެ ބެޗެއްގެ ކުދިން ވަނީ ޑޮކްޓަރީކަން ކިޔަވައި ނިންމާފައެވެ.
ހިޔާލު