ސެޕްޓެމްބަރުގައި ފަށާ 100އަށްވުރެ ގިނަ ކޯހަށް ވިލާ ކޮލެޖުން ހުޅުވާލައިފި

ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާގައި އެންމެ އިސް އެއް މުއައްސަސާ ކަމުގައިވާ ވިލާ ކޮލެޖުން،  ސެޕްޓެމްބަރ 2025 އިންޓޭކަށް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި އިންޓޭކުގައި، ފައުންޑޭޝަން ފެންވަރުން ފެށިގެން މާސްޓަރސް ފެންވަރާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ. މި ޕްރޮގްރާމްތަކުގެ ތެރޭގައި، ވަޒީފާގެ ބާޒާރަށް އެންމެ ބޭނުންތެރި ދާއިރާތައް ކަމަށްވާ އިންފޮރމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސްއާއި ޓީޗިންގ ކޯސްތައް ހިމެނެއެވެ. ޓީޗިންގ ކޯސްތަކުގެ ތެރޭގައި އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިއުކޭޝަން އާއި އާރލީ ޗައިލްޑްހުޑް އެޑިއުކޭޝަން ޕްރައިމަރީ އާއި އިސްލާމާއި ޤުރްއާނާއި ދިވެއްސާއި އިނގިރޭސި ސެކަންޑްރީ އާއި ބިޒްނަސް މާއްދާތަކާއި ސެކަންޑަރީ ސައިންސް މާއްދާތައް ހިމެނެއެވެ.

މީގެ އިތުރުން، ޝަރީޢާ ލޯ އާއި ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ އާއި ބިޒްނަސް މެނޭޖްމަންޓާއި އޭވިއޭޝަން މެނޭޖްމެންޓާއި އިންޓަނޭޝަނަލް ބިޒްނަސް އާއި އިކޮނޮމިކްސް އާއި މާކެޓިންގ އާއި އެކައުންޓިންގ އެންޑް ފައިނޭންސް އާއި ބޭންކިންގ އެންޑް ފައިނޭންސް އާއި ހިއުމަން ރިސޯސް ކޯސްތައް ހިމެނެއެވެ.

އިންޖިނިއަރިންގ ދާއިރާގެ ކޯސްތަކުގެ ތެރޭގައި ހިމެނެނީ، މެކޭނިކަލް އާއި އިލެކްޓްރިކަލް އާއި މެކަޓްރޯނިކްސް އާއި ސިވިލް އިންޖިނިއަރިންގއެވެ.

އަދި ރިސާރޗް  ސްޓަޑީސް އާއި ނަރސިންގ އާއި ޕަބްލިކް ހެލްތާއި ފްލެބެޓޮމީ އާއި އިންޓީރިއަރ އާއި އާކިޓެކްޗަރ އެންޑް ޑިޒައިން އާއި ހެލްތް ސަރވިސަސް މެނޭޖްމަންޓް އާއި ޕްރޮޖެކްޓް މެނޭޖްމަންޓް އާއި މާސް ކޮމިއުނިކޭޝަން އާއި ސައިކޮލޮޖ އާއި އޮގަރނައިޒޭޝަނަލް ސައިކޮލޮޖީ އާއި ކައުންސެލިން ހިމެނެއެވެ. ޑާޓާ ސައިންސް އާއި ސޮފްޓްވެއަރ އިންޖިނިއަރރިންގް އާއި ސައިބަރ ސެކިއުރިޓީ އާއި ނެޓްވޯރކިންގ އަދި ކަލިނަރީ އާރޓްސްގެ ދާއިރާއިން ސެޓްފިކެޓް ލެވެލް އިން މާސްޓަރސް ލެވެލްއަށް ޕްރޮގްރާމްތައް ހިމެނިފައިވާނެއެވެ.

މި އިންޓޭކައަށް ހުޅުވާލެވިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކުގެ އިތުރުން އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ދި ވެސްޓް އޮފް އިންގްލޭންޑް، އަދި މެލޭޝިއާގެ ޓޭލަރސް ޔުނިވަރސިޓީ އާއި ޔުނިވަރސިޓީ އޮފް ސައިބަރޖާޔާގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ވިލާ ކޮލެޖުގެ އިންޖިނިއަރިންގ ޕްރޮގްރާމްތަކަކީ ޕޯރޓްސްމޯތް ޔުނިވަރސިޓީއިން ވެލިޑޭޓްކޮށްފައިވާ ޕްރޮގްރާމްތަކަކަށް ވުމުން، ވިލާ ކޮލެޖުން ފުރަތަމަ ތިން އަހަރު ނިންމާ ދަރިވަރުންގެ ތެރެއިން ޕޯރޓްސްމޯތް ޔުނިވާރސީޓީ އަށްގޮސް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެ ޔުނިވަރސިޓީގެ ޑިގްރީގެ ފަހު އަހަރުގައި ބައިވެރިވެވޭނެއެވެ. އަދި ދެއަހަރު ނިންމާ ދަރިވަރުންނަށް އެ ޔުނިވަރސިޓީގެ 3 ވަނަ އަހަރުގައި ބައިވެރިވެވޭނެއެވެ.

ސެޕްޓެންބަރ މަހު ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ވިލާކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކުގެ ތެރެއިން އިންޖިނިއަރިންގ، ޓީޗިންގ، ނާރސިންގ އަދި ފާރމަސީ ދާއިރާގެ ކޯސްތައް ފިޔަވާ ހުރިހާ ކޯހެއްވެސް އޮންލައިންކޮށް ހެދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ. ވިލާ ކޮލެޖުގެ ކޯސްތައް މާލޭގައި ހުންނަ ކިއު.އައި. ކެމްޕަހުގެ އިތުރުން ވިލާކޮލެޖް ނައިފަރު ކެމްޕަސް، ވިލާކޮލެޖް ގަން ކެމްޕަސް، ވިލާކޮލެޖް މަހިބަދޫ ކެމްޕަސް، ވިލާކޮލެޖް ހިތަދޫ ކެމްޕަސް އަދި ވިލާކޮލެޖް ކުޅުދުއްފުށީ ކެމްޕަހުގައި ވެސް ކުރިއަށް ދާނެއެވެ.

ވިލާ ކޮލެޖުގެ ތަޢުލީމީ ފަލްސަފާ ބިނާވެފައިވަނީ، ދަސްވެނިވާ ދަރިވަރުންނަކީ ހަމައެކަނި ޢިލްމީ ގޮތުން ޤާބިލް ބަޔަކަށް ހެދުމަށްވުރެ، ޢަމަލީ ހުނަރުތައް ލިބިފައިވާ ހަރުދަނާ ބަޔަކަށް ހެދުމަށެވެ. މި މަޤްޞަދުގައި، ކޮންމެ ޕްރޮގްރާމެއްގައިވެސް އިންޑަސްޓްރީއާ ގުޅުވާލައި، އިންޓަރންޝިޕް، އެކްސްޓަރންޝިޕް އަދި މޮބިލިޓީ ޕްރޮގްރާމްތަކުގެ ދަށުން ޢަމަލީ ތަޖުރިބާ ލިބޭނެ ފުރުސަތުތައް ފަހިކޮށްދެވެއެވެ. މީގެ އިތުރުން، ދަރިވަރުންނަކީ ދުނިޔެއަށް އަންނަ ބަދަލުތަކަށް ހޭލުންތެރި، "ގްލޯބަލް ސިޓިޒެންސް"އަށް ހެދުމުގެ ގޮތުން، އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާ ގުޅުންހުރި "ސަސްޓެއިނަބިލިޓީ" މޮޑިއުލްއެއް ހުރިހާ ދަރިވަރުންނަށްވެސް ކިޔަވައިދެވެއެވެ. އަދި ދަރިވަރުންގެ އީޖާދީ ވިސްނުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލްކަން އިތުރުކުރުމަށްޓަކައި ޚާއްޞަ "ޑިޒައިން ތިންކިންގ" މޮޑިއުލެއްވެސް ކިޔަވައިދެއެވެ.

ވިލާ ކޮލެޖުން ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައެވެ. މިގޮތުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އެހީގައި އުނގެނުމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ އިތުރުން، އޮގްމެންޓެޑް ރިއަލިޓީ، ވަރޗުއަލް ރިއަލިޓީ އަދި އެކްސްޓެންޑެޑް ރިއަލިޓީ ފަދަ ވަސީލަތްތައް ކިޔަވައިދިނުމުގައި ބޭނުންކުރެއެވެ. މިގޮތުން އެކި ދާއިރާތަކަށް ޚާއްޞަކޮށްގެން ދަރިވަރުންނަށް ޢަމަލީ ތަޖުރިބާ ލިއްބައިދިނުމަށް މިހާރުވެސް 11 ލެބް ޤާއިމް ކުރެވިފައިވެއެވެ .ވިލާ ކޮލެޖުން އިސްކަންދެނީ ހަމައެކަނި ދަރިވަރުންގެ ތަޢުލީމަށް އެކަންޔެއް ނޫނެވެ، އެ ދަރިވަރުންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަމަށްވެސް ޚާއްޞަ ސަމާލުކަމެއް ދެއެވެ. މިގޮތުން، ކޮލެޖުގެ "ވީ-ކެއަރ ކައުންސެލިންގ އެންޑް ސައިކޯތެރަޕީ ސެންޓަރ" މެދުވެރިކޮށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭއިރު، ކިޔެވުމާއި ގުޅޭގޮތުން އިތުރު އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ފުޅާ ދާއިރާއެއްގައި އެކަޑެމިކް ސަޕޯޓް ލިބިގެންދާނެއެވެ. އަދި މީގެ އިތުރުން ދަރިވަރުންގެ ބޭނުންތަކަށް ޖިމްއަކާއި އަދި ހުސް ގަޑިތަކުގައި ކެމްޕަސް ތެރޭގައި އެކިއެކި ކުޅިވަރު ކުޅެވޭނެ އިންތިޒާމްވެސްތައް ވަނީ ހަމަޖެހިފައެވެ.

ވިލާ ކޮލެޖުގެ ސެޕްޓެންބަރ އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމަށް ބޭނުންވާ ދަރިވަރުންނަށް ފަސޭހަކަމާއެކު  ވިލާ ކޮލެޖުގެ ވެބްސައިޓުން އޮންލައިންކޮށް އެޕްލައިކޮށް އަދި އެޕްލިކޭޝަންގެ ސްޓޭޓަސް ޗެކް ކުރެވޭނެ އެވެ. އަދި ފިޒިކަލީ އެޕްލައި ކުރަންބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތުވެސް ވަނީ ހުޅުވިފައެވެ. އަދި އެޕްލައި ކުރާ ދަރިވަރުންނަށް ތިން ދުވަހާއި ފަސް ދުވަހުގެ ތެރޭގައި އެޕްލިކޭޝަން ފޯމްގެ ޖަވާބެއްލިބޭނޭ ކަމުގެ ޔަގީންކަން ވިލާ ކޮލެޖުން ދެއެވެ. ދަރިވަރުން އެޕްލިކޭޝަން ހުށަހެއެޅުމުގައި އެޕްލިކޭޝަންއާއި އެކު ހުށައަޅަންޖެހޭ ހުރިހާ ޑޮކިއުމެންޓެއް ފުރިހަމަ ކުރުމަށްފަހު އެޕްލިކޭޝަން ހުށަހެޅުމަށް ސަމާލުކަން ދިނުމަށް ވިލާ ކޮލެޖުން އެދެއެވެ.

ވިލާ ކޮލެޖުގެ ކޯސްތަކަށް ފީ ދެއްކުމަށް ހަމަޖެހިފައިވަނީ ކޯހުގެ ޖުމްލަ ފީ މަންތްލީ އިންސްޓޯލްމަންޓްތަކަކަށް ބަހާލައިގެންނެވެ. އަދި، ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ވިލާ ކޮލެޖުގެ ހުރިހާ ބެޗެލަރސް ޑިގްރީ ޕްރޮގްރާމްތަކަށް ވެސް ކިޔެވޭނެއެވެ.

ވިލާ ކޮލެޖަކީ ދުނިޔޭގެ އެންމެ އިތުބާރު ހުރި އެއް ރޭންކިންގ ކަމަށްވާ ޓައިމްސް ހަޔަރ އެޑިއުކޭޝަން (THE) އިމްޕެކްޓް ރޭންކިންގްސްގައި ރޭންކުވެފައިވާ ދިވެހިރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ތަޢުލީމުދޭ މަރުކަޒެވެ. މި ރޭންކިންގައި ވިލާ ކޮލެޖު ހިމެނިފައިވަނީ ދުނިޔޭގެ ނިސްބަތުން އެންމެ މަތީ 20 އިންސައްތަ ޔުނިވަރސިޓީތަކުގެ ތެރޭގައެވެ. މިއީ ވިލާ ކޮލެޖުން ފޯރުކޮށްދޭ ތަޢުލީމުގެ ފެންވަރު ބައިނަލްއަޤްވާމީ މިންގަނޑުތަކުން ބަލައިގަންނަކަމުގެ ވަރުގަދަ ހެއްކެކެވެ.

އަދި ހަމަ އެއާއެކު ދުނިޔޭގެ އެންމެ މަޤުބޫލު އެއް ރޭޓިންގް ސިސްޓަމްކަމަށްވާ، ކިއު އެސް ސްޓަރ ރޭޓިންގައި 3 ދާއިރާއަކުން 5 ތަރީގެ ދަރަޖައިގައި ވިލާ ކޮލެޖް ރޭޓް ކުރެވިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޕްލޯޔަބިލިޓީ، އޮންލައިން ލާރނިން އަދި އެންވަޔަރަމަންޓަލް އިމްޕެކްޓްއެވެ.

ސެޕްޓެމްބަރ 2025 އިންޓޭކަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 16 އޮގަސްޓް 2025 އެވެ. ކޮލެޖުގެ ވެބްސައިޓް ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ފަސޭހަކަމާއެކު ފޯމު ހުށަހެޅޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ހޮޓްލައިން ނަންބަރު 3303200 އަށް ގުޅުއްވުމުން ނުވަތަ އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *