ޚާއްޞަ ކެޓަގަރީއެއް ހިމަނައިގެން ފުވައްމުލަކު ސިޓީ ކައުންސިލް ޤުރުއާން މުބާރާތް ފަށައިފި

ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ގެޓަގަރީއެއް ހިމަނައިގެން ފުވައްމުލަކު ސިޓީ ކައުންސިލް ޤުރުއާން މުބާރާތް ފަށައިފިއެވެ.

މި މުބާރާތަކީ ފުވައްމުލައް ސިޓީގެ ދަރިންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖައްސާ، ޤުރުއާން ކިޔެވުމުގެ ފަންނު އާލާ ކުރުމުގެ މަތިވެރި މަޤްޞަދުގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ގުޅިގެން ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މިމުބާރާތް ކުރިއަށްދާނީ މި ޖޫން މަހުގެ 26 ގެ ނިޔަލަށެވެ. މިއީ ފުވައްމުލައް ސިޓީ ކައުންސިލުން މިފަދަ ޤުރުއާން މުބާރާތެއް ބާއްވާ 9 ވަނަ ފަހަރެވެ.

ފުވައްމުލައް ސިޓީގެ ސްކޫލްތަކުގެ ދަރިވަރުންނާއި، ޤުރުއާން ކުލާސްތަކާއި ކުލަބް ޖަމްޢިއްޔާ ޖަމާޢަތްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މިމުބާރާތުގައި، މި އަހަރު 7 ސްކޫލް، 3 ޤުރުއާން ކްލާސް އަދި 3 ޖަމިއްޔާއަކުން ޖުމްލަ 233 ދަރިވަރުން ބައިވެރި ވެއެވެ. މިއަހަރުގެ މުބާރާތްވެސް ކުރިއަށް ގެންދަނީ ބަލައިގެން ކިޔެވުމާއި ހިތުން ކިޔެވުމުގެ ގޮފި ހިމެނޭހެންނެވެ. އަދި ހާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހާއްސަ ގޮތްޕެއް ވަނީ ހިމަނައިފައެވެ. މި ގޮފީގައި 28 ދަރިވަރުން ވާދަކުރެއެވެ. މި ދަރިވަރުންނަށް ހަޠިމުން ވަކިތަނެއް ކިޔަވާކަށް ނުޖެހެއެވެ. ބޭނުން ތަނަކުން ކިޔެވެއެވެ. މި ކެޓަގަރީގައި ބައިވެރިވާ ހުރިހާ ކުދިންނަށް ފައިސާގެ އިނާމް ދޭނެ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ބުނެއެވެ.

ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މިމުބާރާތުގެ ޖޫނިއަރ ގްރޫޕްގައި ހިމެނެނީ ފައުންޑޭޝަން ސްޓޭޖް އާއި ކީ ސްޓޭޖް 1 އަދި 2 ގެ ދަރިވަރުންނެވެ. ސީނިއަރ ގްރޫޕްގައި ހިމެނެނީ ސާނަވީ (ކީ ސްޓޭޖް 3 އަދި 4) އަދި މަތީ ސާނަވީ (ކީ ސްޓޭޖް 5) ވަކިން ދެ ގްރޫޕެއްގެ ގޮތުގައެވެ.

މިއަހަރުގެ މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވަނީ އަލްޤާރި މުޙައްމަދު ތައުފީޤް ޢަލީ އާއި އަލްޤާރީ މުޙައްމަދު ވަޙީދާއި އަލްޤާރީ އަޒްލީނާ އިބްރާހިމްއެވެ. މުބާރާތުގެ އިސްފަނޑިޔާރުގެ ގޮތުގައި ފަނޑިޔާރުކަން ކުރައްވަނީ އަލްޤާރި މުޙައްމަދު ތައުފީޤް ޢަލީއެވެ.

މިއަހަރުގެ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ 29 ވަނަ ދުވަހުއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *