މަތީ ސާނަވީން 2023-2024 ވަނަ އަހަރު ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދި ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ލުބާނާ އަބްދުލް މޫމިންގެ ކާމިޔާބީއާ ގުޅިފައިވާ އެންމެ މުހިންމު އެއްޗަކީ އޭނާ ގެންގުޅޭ ދުވަހީ ތާވަލެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ވެސް އެފަދަ ތާވަލެއް އެކުލަވާލުމުގެ ނަތީޖާ އޭނާއަށް ދަނީ ފެންނަމުންނެވެ.
ސާނަވީ ނިންމާ އިމްތިޙާނުތަކުން ލުބާއަށް ލިބުނީ ޤައުމީ ގަދަ ދިހައެއްގެ 4ވަނައެވެ. އެއީ 5 އޭ ސްޓަރ އާއި ތިން އޭ ލިބިގެނެންވެ. މަތީ ސާނަވީ ނިންމާ އިމްތިޙާނުތަކުން ލުބާއަށް ފަސް މާއްދާއިން އޭ ސްޓަރ ހޯދައިގެން ލިބުނީ ޤައުމީ ގަދަ ދިހައެއްގެ އެއް ވަނައެވެ. އަދި ބިޒްނަސް މާއްދާއިން ދުނިޔެއިން 7ވަނަ ވެސް ލުބާއަށް ލިބިފައިވެއެވެ.

ދުވަހީ ތާވަލް ކާމިޔާބީގެ ސިއްރު
ކިޔެވުމުގައި ދުވަހީ ތާވަލެއްގެ މުހިންމުކަން ލުބާ އަށް ވިސްނައިދެއްވީ ދަށު ސާނަވިގައި ކިޔަވައިދެއްވި މުދައްރިސެކެވެ. އޭގެ ފަހުން އަޖުމަ ބެލުމުގެ ގޮތުން އެފަދަ ތާވަލެއް ހަދައިގެން މަސައްކަތް ފެށީ 7ވަނަ ކިލާހުގައި ކިޔަވަމުން ދިޔައިރުއެވެ.
"އަޅުގަނޑަށް ފަސޭހައީ ޕްލޭން ކޮށްގެން ކިޔަވަން. އެއީ ކިޔެވުމުގައި ރަނގަޅު {އަޚްލާޤު}އެއް ގެންގެޅުން ވަރަށް މުހިންމު ކަމެއް. އޯލެވެލްއާއި އޭލެވެލް ދުވަސްވަރު ވެސް ޕްލޭން ކުރަން ވަކިފޮތެއް ގެންގުޅެން. ހަފުތާ ފެށުމުގެ ކުރިން ކޮންމެ މާއްދާއަކަށް ވަކި ޓާގެޓްތަކެއް ކަނޑައަޅައި ހަފުތާގެ އެކި ދުވަސްތަކަށް ބަހާލަނީ. ގިނަ ފަހަރަށް ޕްލޭނާ އެއްގޮތަށް ކުރިއަށް ގެންދެވޭ" ދަރިވަރު ނޫހަށް ލުބާ ކިޔައިދިނެވެ.
"ޕްލޭނެއް އޮތުމުން ކޮންމެ ދުވަހަކު ހޭލާއިރު އެނގޭނެ މިއަދު ކުރަންޖެހޭނީ ކޮންކަމެއްކަން. ޕްލޭން ހަދާއިރު ބަލަނީ އެކަށީގެންވާ ވަރަކަށް ބްރޭކްތައް ނެގޭނެހެން. އެހެން ނޫނީ މާގިނައިން ކިޔަވަން އުޅެފިއްޔާ މީހާ "ޑްރެއިން" ވެދާނެ. ކިޔަވާގަޑީގައި މީސްމީޑިއާއާ ދުރުވެ ބޭނުން ނުކޮށް ވޭތޯބެލީ. އެހެން ނޫނީ ވަރަށް އަވަހަށް ފޯކަސް ގެންލިދާނެ"

ލުބާ ދެކޭގޮތުގައި ކިޔަވާކުއްޖަކު ވަކި ތަވާލެއް ހަދައިގެން މަސައްކަތް ކުރުން ވަރަށް މުހިންމެވެ. ޚާއްޞަކޮށް މަތި ސާނަވީއަށް ކިޔަވާ ކުއްޖަކަށް އެއީ ވަރަށް މުހިންމު ކަމެކެވެ. މަތީ ސާނަވީގައި ކުރާން ޖެހޭ މަސައްކަތް ވަރަށް ގިނައެވެ. ފިލާވަޅުތައް ހެދުމާއި ދަސްކުރުމާއި މުޠާލިޔާ ކުރުމާއި ރިސަރޗް ހެދުންފަދަ ކަންތައްތައް ކުރިއަށް ގެންދަންޖެހެއެވެ.
"އެ ހުރިހާ ކަމެއް ކުރާއިރު ގޯލެއް، ޓާގެޓެއް ނެތިއްޔާ ހުރިހާ ކަމެއް އޮންނާނީ ވިއްސިވިހާލިވެފައި. ޕްލޭނެއް ހަދައިގެން "އޯގަނައިޒް" ކުރުމަކީ ވަރަށް މުހިންމު ކަމެއް. އެކަން ނުކުރަންޏާ ޓެސްޓް ކައިރިވާ ވަރަކަށް މީހާ ދާނީ ޕެނިކް މޯޑަށް. އޭގެ އަސަރުކުރާނީ ނަތީޖާއަށް" އާންމު ދިރިއުޅުމުގައި ވެސް ވަކި ތާވަލެއްގެ ދަށުން މަސައްކަތް ކުރަން އާދަވެފައިވާ ލުބާ ބުންޏެވެ.

މަތީ ސާނަވީ ފެށީ 2ވަނަ އަށް ޓާގެޓްކޮށްގެން، ފަހުން 1ވަނަ އަށް
ސާނަވީ މަރުހަލާގައި ލުބާ އުއްމީދު ކުރީ ގަދަ 10ގެ ފަސްވަނައިގެ ތެރޭގައި ހިމެނޭށެވެ. ނަތީޖާ ލިބުނީ ވެސް އޭނާ އުއްމީދު ކުރި ގޮތަށް ގަދަ ދިހައެއްގެ 4ވަނައިގައި ހިމެނިގެންނެވެ. އެ ނަތީޖާއާ އެކު މަތި ސާނަވީ ފެށީ ގަދަ ދިހައެއްގެ 2ވަނަ އަށް އުއްމީދުކޮށްގެންނެވެ. އެއީ މަތީ ސާނަވީއަށް ކިޔަވަން ފެށި، ބިޒްނަސް އާއި އެކައުންޓިންގ އާއި އިކޯންއިން އާއި އިސްލާމުން އޭ ސްޓަރ ލިބުނަސް ދިވެހިން އޭ އެއް ލިބުމުންނެވެ.
"މަންމަ ކައިރީގައި ވެސް ބުނިން، 2ވަނަ އަށޭ އުއްމީދު ކުރަނީ. އެއީ ދިވެހި މާއްދާއާ މެދު އޮތް ނުތަނަވަސްކަމާ ހުރެ" ލުބާ ބުންޏެވެ.

ސާނަވީއަށްފަހު މަތީ ސާނަވީގެ ފުރަތަމަ ޓާމަކީ ލުބާއަށް އުނދަގޫ ދުވަސް ކޮޅެކެވެ. ދެ ސިލަބަހުގައި ހުރި ތަފާތު ބޮޑުވުމާއި ކުރާން ޖެހޭ މަސައްކަތް އިތުރުވުމުން ފުރަތަމަ ޓާމު ޓެސްޓްގެ ނަތީޖާވެސް ދަށެވެ.
"ނަތީޖާ ދަށްވީމާ ކޮންމެ ވެސް ވަރެއްގެ މާޔޫސް ކަމެއް ކުރިމަތިވި. މަންމަމެންނާއި ކިޔަވައިދެއްވި މުދައްރިސުންގެ އޯގާތެރި ބަސްތަކުން އަލުން ހިތްވަރު ހޯދައިގެން އާ އަޒުމަކާއެކު ކިޔެވަން ފެށީ. ނަތީޖާއަކަށްވީ 2ވަނަ ޓާމުގެ ކިޔެވުން ފެށުމާއެކު މީހާ ހަމައަކަށް އެޅުން" ލުބާ ބުންޏެވެ.
"އޭލެވެލްގައި ދިވެހިން އޭ ސްޓަރއެއް ހޯދުމާ ދޭތެރޭ އޭރު ވެސް ޑައުޓެއް އޮތް. އެކަމަކު ވެސް ހިތަށް އެރީ ދެވަނައަށް ޓާގެޓް ކުރަންޏާ 1ވަނަ އަށް ވެސް މަސައްކަތް ކުރެވިދާނެއޭ. މަސައްކަތް ކުރީމާ ލިބިދާނެއޭ. ދިވެހިން އުނދަގޫވީ ދޭހަ. ދޭހައަށް ފޯކަސްކޮށްގެން ގިނަ މަސައްކަތްތަކެއް ކުރީ. އިންޓަރނެޓުންނާއި މީހުން ލިޔަފައި ހުންނަ ލިޔުންތައް ވެސް ކިޔައިގެން ޕްރެކްޓިސް ކުރީ. ލިޔުންތެރިކަން ރަނގަޅު ކުރަމުން ލިޔާ ލިޔުންތަކަށް ފީޑްބެކް ހޯދަން ފެށީ"
މަތީ ސާނަވީ ނިންމާ އިމްތިހާނުގެ ހުރިހާ މާއްދާއެއްގެ އިމްތިޙާނު ނިންމާލިއިރު އެއްވަނަ ލިބޭނެ ކަމުގެ ބޮޑު އުއްމީދެއް ލުބާއަށް އޮތެވެ. އެކަމަކު އެ ވާހަކަ މަންމަ ކައިރީގައި އޭނާ ނުބުނެއެވެ. އިންތިޒާރު ކުރީ ނަތީޖާ ލިބޭނެ އިރަކަށެވެ.

"މަންމަ އޭރުވެސް ކިޔާނެ ދިވެހިން އޭ ސްޓަރ ލިބޭނެއޭ"
މަތީ ސާނަވީގެ ނަތީޖާ ލިބުމުން ލުބާ އެންމެ އުފާވީ ދިވެހިން އޭ ސްޓަރއެއް ލިބުމުންނެވެ.
އެކަނި ކިޔަވަން ސަމާލުކަން ދިނަސް އެހެން ކުދިންނަށް ކިޔައިދިނުމަކީ އެއީ ލުބާ އާންމުކޮށް ކޮށްއުޅޭ ކަމެކެވެ. ފިލާވަޅުތަކާ ގުޅޭ ގޮތުން ނޭނގޭ އެއްޗެއް އޮވެއްޖެނަމަ އޮޅުން ފިލުވަން އެތައް ކުދިންނެއް އޭނާއަށް ގުޅައެވެ. ހުރިހާ ކުދިންނަށް އޭނާ ކިޔައިދެނީ ކިޔައިދޭ ހިތުންނެވެ. ބައެއް ފަހަރު ކުރާ ސުވާލުތަކުގެ ޖަވާބު ވީޑިއޯކޮށްފައި ވެސް ފޮނުވައިދެއެވެ.
"ގުރޫޕް ސްޓަޑީއެއް ނަހަދަން. ސީރިއަސްކަމާއެކު ގުރޫޕްސްޑަޓީ ހެދޭވަރުގެ ކުދިން ތިބިއްޔާ އެއީ ރަނގަޅު ކަމެއް ކުރަން. ނޭނގޭ އެއްޗެއް އޮވެއްޖިއްޔާ އޮޅުން ފިލުވަން ބައެއް ކުދިން އަޅުގަނޑަށް ގުޅާނެ. ބައެއް ފަހަރު ވީޑިއޯ ކޮށްފައި ވެސް އެ ކުދިންނަށް ކިޔާދީފައި ހުންނާނެ. ސްކޫލްތެރޭގައި ވެސް ކުދިންނަށް އެކްސްޕްލެއިންކޮށްދެން. އެހެން ކުދިންނަށް ކިޔައި ދިނީމާ މައުލޫމާތު އިތުރުވޭ ދަސްކުރާށާއި ހަނދާނުގައި ބަހައްޓަން ފަސޭހަވޭ" ލުބާ ބުންޏެވެ.
ލުބާ ބުނީ، އޭނާގެ ކާމިޔާބީގައި މަންމައާއި ބައްޕަ އަދި އާއިލާއާއި ކިޔަވައިދެއްވި ހުރިހާ މުދައްރިސުންގެ ދައުރު ބޮޑު ކަމަށެވެ. އޭނާއަށް އެ ފަރާތްތަކުން ކުރި އިތުބާރަކީ ނަތީޖާއަށް ވާޞިލްވުމަށް ލިބުނު އެންމެ ބޮޑު ހިތްވަރު ކަމަށެވެ.
އެކުވެރި ހުރިހާ ކިޔަވާކުދިންނަށް ލުބާ ދިން ނަޞޭހަތަކީ މިއެވެ. "ކިޔެވުމަކީ އޭގައި އެތައް ޤުރުބާނީއެއް އެކުލެބޭ ބުރަކަމެކެވެ. ކިޔަވާއިރު މަތީ މާކްސް ހޯދުމުގެ އިތުރުން އަޚްލާޤު ރަނގަޅު ވާންޖެހެއެވެ. އަދި ޚާއްޞަކޮށް ތިމާގެ ނަފުސާނީ އަދި ޖިސްމާނީ ސިއްޙަތަށް ބަލައިގެން އުޅޭ ކުއްޖަކަށް ވާންޖެހެއެވެ. ޓެސްޓް އައުމުގެ ކުރިން ދުރާލާ ފިލާވަޅު ދަސްކޮށް، މައިންބަފައިން ދޭ ނަޞޭހަތް އަޑުއަހައި ބަރާބަރަށް ނަމާދުކޮށް ޤުރުއާން ކިޔެވުން ވަރަށް މުހިންމެވެ. އަދި ކާމިޔާބީއަށް އެދި ދުޢާކޮށް ވީވަރަކުން ސުންނަތް އަޅުކަންތައް ކުރެވޭތޯ ވެސް ބަލަންވާނެއެވެ. އޭރުން އިރާދަކުރެއްވިއްޔާ ކާމިޔާބީއާ ހަމައަށް ވާޞިލްވާނެއެވެ."
advertisment
ހިޔާލު