ސާނަވީ އިމްތިޙާނުގައި ބައިވެރިވި ދަރިވަރުން ތިން މާއްދާއިން އޭ ސްޓަރ ހޯދުމާއެކު ހުރިހާ މާއްދާއަކުން ފާސްވެފައިވޭ. އަދި ހަތަރު ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައިވޭ
ނިމިދިޔަ ސާނަވީ އިމްތިޙާނުން ސައްތައިން ސައްތައިގެ ކާމިޔާބެއް ރ. ކިނޮޅަހު ސްކޫލުން ހޯދައިފިއެވެ.
އެ ސްކޫލުން ސާނަވީގައި ބައިވެރި 10 ދަރިވަރުން ހުރިހާ މާއްދާއަކުން ފާސްވިއެވެ. އެ ހުރިހާ ދަރިވަރުން ތިން މާއްދާއިން އޭ ސްޓަރ ވެސް ހޯދިއެވެ. އެއީ އިސްލާމާއި ބައޮލޮޖީއާއި އެކައުންޓެވެ. އަދި އެ ސްކޫލުގެ ހަތަރު ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ވެސް ހިމެނިފައިވެއެވެ.
2023 ވަނަ ދިރާސީ އަހަރު ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގައި ހިމެނުނީ އެ ސްކޫލުގެ އެންމެ ދަރިވަރަކެވެ. އެއީ ހަތްވަނައިގައި ހިމެނުނު ސާމިހާ އަބްދުލް ހަލީމެވެ.

ސާނަވީގެ ޤައުމީ ގަދަ ދިހައެއްގައި މިދިޔަ އަހަރު ހިމެނުނު ދަރިވަރުން:
- ހުސައިން ވިސާލް، ތިންވަނަ
- އަސީލް އަބްދުލް ރަހީމް، ހަތަރުވަނަ
- އަނަސް ބިން އަބްދުލް މަންނާނު، ހަވަނަ
- މުޙައްމަދު ފައުޒާން އިސްމާއިލް، ދިހަވަނަ
ކިނޮޅަހު ސްކޫލުގެ ޕްރިންސިޕަލް އެ ސްކޫލުގެ ނަތީޖާ ސިފަކުރެއްވީ އެ ރަށު ސްކޫލުގެ ތާރީޚުގައި ވެސް ލިބުނު އެންމެ ބޮޑު ކާމިޔާބީގެ ގޮތުގައެވެ.
ޕްރިންސިޕަލް އަޙްމަދު ޝަޒީލް ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ، ސާނަވީން ނިންމާ އިމްތިޙާނުތަކުން އެކަށީގެންވާ ރަނގަޅު ނަތީޖާއެއް ފާއިތުވި އަހަރު ނެރެވޭނެ ކަމުގެ ޔަޤީންކަން ކުރިން ވެސް އޮތް ކަމަށާއި އެވަރަށް މަސައްކަތް ވެސް ކުރެވުނު ކަމަށެވެ. ސްޓަޑީ ކޭމްޕްތައް ބާއްވައި ދަރިވަރުންނާއި މުދައްރިސުން ވަރަށް ގިނަ ވަގުތު ހޭދަކުރީ ރަނގަޅު ނަތީޖާއެއް ހޯދުމުގެ މަސައްކަތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
"ނަތީޖާއަކީ އެހާ ބޮޑު ސަޕްރައިޒެއް ނޫން. ހަތަރު ކުދިން ގަދަ ދިހައެއްގައި ހިމެނޭނެ ކަމުގެ ޔަޤީންކަން ކުރިވެސް އޮތް. އެ މަގަށް ގުރޭޑް 9ން ފެށިގެން މަސައްކަތް ކުރަމުން އައީ ވެސް" ޝަޒީލް ވިދާޅުވިއެވެ.
ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމަށް އަމަލީ ގޮތުން ޝަޒީލް ވަނީ މަސައްކަތް ކުރައްވާފައެވެ. ކެމިސްޓްރީއާއި ބައޮލޮޖީ ކިޔަވައި ދެއްވީ އޭނާއެވެ.

"ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމުގެ ބޭނުމުގައި ރާއްޖޭގެ އެކި ސަރަހައްދު ތަކުން ފެންވަރު ރަނގަޅު މުދައްރިސުން އަޅުގަނޑުމެން ގެނައިން. އެކަމަށް ބޮޑު ހޭދައެއްވެސް ކުރަން ޖެހުނު" ޝަޒީލް ވިދާޅުވިއެވެ.
"ކުރި ޚަރަދާ އަޅާބަލާއިރު ލިބުނު ކާމިޔާބާމެދު ހިތްހަމަ ޖެހޭ"
ސާނަވީ އިމްތިޙާނަށް އަމާޒުކޮށްގެން ކިނޮޅަހު ސްކޫލުން ކުރިއަށް ގެންދިޔަ ސްޓަޑީ ކޭމްޕްތައް ސްޕޮންސަރކޮށްފައި ވަނީ އެރަށު ކައުންސިލުންނާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ އެރަށު "ސްމައިލް" ޖަމިއްޔާއިންނެވެ.
ކައުންސިލާއި ސްމައިލް ޖަމިއްޔާއިންދިން އެހީތެރިކަން ކިނޮޅަހު ސްކޫލުން ފާހަގަކުރަނީ ޝުކުރުވެރިކަމާ އެކު ގައެވެ.
"ނަތީޖާގައި އެ ފަރާތްތަކުގެ ހިއްސާބޮޑު" ޕްރިންސިޕަލް ވިދާޅުވިއެވެ.
ޝަޒީލް ވިދާޅުވީ، ރަނގަޅު ނަތީޖާއެއް ނެރުމުގައި އެ ސްކޫލުގެ މުދައްރިސުން ކުރި މަސައްކަތަކީ ވެސް ޝުކުރު ޙަޢްޤު މަސައްކަތެއް ކަމަށެވެ. ރޯދަ މަހު ވެސް މުދައްރިސުން ގިނަ ވަގުތު ހޭދަކުރީ ދަރިވަރުންނާއެކީގައި ކަމަށާއި ނަތީޖާ ނެރެވުނީ ދަރިވަރުން ބެހެއްޓި "ޑިސިޕްލިން" ގެ ސަބަބުންކަން ވެސް ޝަޒީލް ފާހަގަކުރެއްވިއެވެ.
200 ކުދިން ހަމަނުވާ ކޮނޮޅަހު ސްކޫލުން ހޯދި ނަތީޖާ ދަމަހައްޓަންވެސް މަސައްކަތްތަކެއް ވަނީ ފަށާފައެވެ.
"ޕްރައިމަރީގެ ނަތީޖާ ރަނގަޅު ކުރެވިގެން ސާނަވީނގެ ނަތީޖާ ރަނގަޅު ކުރެވޭނީ. އަޅުގަނޑުމެން ވާނީ ޕްރައިމަރީގެ ނަތީޖާ ރަނގަޅު ކުރަން މަސައްކަތް ފަށާފައި" 2022 ވަނަ އަހަރުން ފެށިގެން ކިނޮޅަހު ސްކޫލުގައި މަސައްކަތް ކުރައްވަމުން އަންނަ ޝަޒީލް ވިދާޅުވިއެވެ.
advertisment
ހިޔާލު