އެޑިޔުކޭޝަން ސުޕްރިންޓެންޑެންޓްގެ މަޤާމަށް އިސްމާއިލް ސައުދުﷲ

ސްކޫލް އެޑްމިނިސްޓްރޭޝަން ސެކްޝަންގެ އެންމެ އިސްވެރިއެއްގެ ގޮތުން، އެޑިޔުކޭޝަން ސުޕްރިންޓެންޑެންޓްގެ މަޤާމަށް އިސްމާއިލް ސައުދުﷲ ހަމަޖައްސަވައިފިއެވެ. ސައުދުﷲ އެންމެ ފަހުން ހުންނެވީ ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލްކަމުގެ މަޤާމުގައެވެ. އޭގެ ކުރިން ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް ކަމުގެ މަޤާމް އަދާކުރެއްވިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީއަށް ޒަމާނީ ބަދަލުތަކެއް ގެނައުމަށް އެޑިޔުކޭޝަން މިނިސްޓަރު ފައްޓަވާފައިވާ ޚާއްޞަ މަސައްކަތްތަކުގެ ދަށުން އެޑިޔުކޭޝަން ސުޕްރިންޓެންޑެންޓްގެ މަޤާމު އަދާކުރައްވާ ބޭފުޅަކު ބަލަހައްޓާނީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްކޫލް އެޑްމިނިސްޓްރޭޝަން ސެކްޝަނެވެ. އެއީ އެ މިނިސްޓްރީގެ ދަށުން ހިންގާ ސަރުކާރުގެ ހުރިހާ ސްކޫލްތަކުގެ އެޑްމިނިސްޓްރޭޝަންގެ ކަންތައް ބަލަހައްޓާ އެންމެ އިސް ފަރާތެވެ. އަދި އޭނާގެ ދަށުން ޑެޕިއުޓީ ސުޕްރިންޓެންޑެންޓުންގެ ގޮތުގައި ހަ ބޭފުޅުން މަސައްކަތް ކުރައްވާނެއެވެ. މި ހަ ބޭފުޅުން މަސައްކަތް ކުރައްވާނީ ޒޯން ކޯޑިނޭޓަރުންގެ މަސައްކަތްތަކެވެ.

މިއަދުން ފެށިގެން އެޑިޔުކޭޝަން މިނިސްޓްރީގައި މަސައްކަތް ކުރައްވާކަން ދަރިވަރު ނޫހަށް ސައުދުﷲ ވަނީ ޔަގީންކޮށްދެއްވާފައެވެ.

އެޑިޔުކޭޝަން ސުޕްރިންޓެންޑެންޓުގެ މަޤާމަށް އެޑިޔުކޭޝަން މިނިސްޓްރީން އިއުލާން ކުރީ މިދިޔަ އެޕްރީލް މަހުގެ 27 ވަނަ ދުވަހުއެވެ. އެ ދުވަހު ކުރި އިއުލާނުގައި، ސުޕްރިންޓެންޑެންޓުގެ މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުގެ ތެރޭގައި 18 ކަމެއް ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ، ތަޢުލީމީ ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ އެއްބާރުލުމާއި އިތުބާރު ސްކޫލްތަކުގެ މެދުގައި ޤާއިމްކުރުމާއި

ސްކޫލްތަކުގެ މެދުގައި އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ފަންނީ އަދި އިދާރީ މުވައްޒަފުންނާ މުޢާމަލާތުކުރުމުގެ ފަހި މާޙައުލެއް ގާއިމްކޮށް ކުރިއަށްގެންދެވޭކަން ކަށަވަރުކުރުމާއި

ސްކޫލްތަކުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ކަންކަން ވިލަރެސް ކުރުމުގައި ހިންގޭ ހަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވުމެވެ.

ޤައުމީ މަންހަޖު އޭގެ އެންމެ ފުރިހަމަ ގޮތުގައި ސްކޫލްތަކުގައި ތަންފީޒުކުރެވޭ ކަން ކަށަވަރުކުރުމާއި

ޤައުމީ މަންހަޖު މުރާޖާކޮށް، ތަރައްޤީކޮށް ތަންފީޒުކުރުމަށް އެން.އައި.އީ އަށް ބޭނުންވާ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުމާއި ސްކޫލްތައް އަދި ޒޯނު އޮފީހުގެ އަހަރީ ބަޖެޓް ތައްޔާރުކޮށް ހުށަހެޅުމުގެ މަސައްކަތް ވިލަރެސްކޮށް ހިންގުމާއި  މާލިއްޔަތު ޤާނޫނާއި ގަވާއިދާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި، ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ޒޯނުގައި ހިމެނޭ ސްކޫލްތައް ބައްޓަންކުރުމުގައި ޢަމަލީ ގޮތުން ބައިވެރިވުމާއި މާލީ އުސޫލުތަކާ އެއްގޮތަށް ޒޯނު އޮފީސް އަދި ޒޯނުގައި ހިމެނޭ ސްކޫލްތަކުގެ މާލީ ހިސާބު ބަލަހައްޓާކަން ކަށަވަރުކުރުމާއި، އަހަރީ މާލީ ހިސާބު ތައްޔާރުކުރުމަށް ފައިނޭންސް ޑިވިޜަނަށް ބޭނުންވާ މަޢުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

ޒޯނުގައި ހިމެނޭ ސްކޫލްތަކުގައި ހިންގޭ އިތުރު ހަރަކާތްތަކާއި ޔުނިފޯމު ހަރަކާތްތަކާއި، ދިރާސީ އަދި އެކިއެކި އެސޯސިއޭޝަންތަކުން ހިންގާ ކަންކަން ވިލަރެސް ކުރުމާއި ސްކޫލްތަކުގެ ވެރިންނާއި، ސްކޫލް ބޯޑު އަދި ޕީ.ޓީ.އޭ ގެ މަންދޫބުންނާ އެކު މުޢާމަލާތްކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމްކުރުމަކީ ވެސް ސުޕްރިންޓެންޑެންޓް މަސްއޫލިއްޔަތެކެވެ. އަދި ސްކޫލްތަކަށް ބޭނުންވާ ޓީޗަރުންނާއި އެހެނިހެން މުވައްޒަފުންނާއި ވަސީލަތްތައް ހަމަހަމަ ކަމާއެކު ސްކޫލްތަކަށް ލިބިދެވޭކަން ކަށަވަރުކޮށް ތަޢުލީމުގެ ޤާނޫނު ތަންފީޒުކޮށް ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެސް.އޯ.ޕީ އެއް އެކުލަވާލުމަކީ ވެސް ސުޕްރިންޓެންޑެންޓްގެ މަސްއޫލިއްޔަތެކެވެ.

ސުޕްރިންޓެންޑެންޓްގެ އަސާރީ މުސާރައަކީ 19،278 ރުފިޔާއެވެ. އެލަވަންސްގެ ގޮތުގައި މަހަކު 11،041 ރުފިޔާ ލިބިވަޑައިގަންނަވާއިރު، ހާޒިރީ އެލަވަންސްގެ ގޮތުގައި މަސައްކަތް ކުރައްވާ ކޮންމެ ދުވަހަކު 299 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *