ފިރިހެން ކުދިންނާއި އަންހެން ކުދިންގެ ނަތީޖާގައި ބޮޑު ތަފާތެއް

އެންމެ ފަހުގެ އޯލެވެލްގެ ނަތީޖާއަށް ބަލާއިރު ފާސްވި ފިރިހެން ކުދިންގެ ނިސްބަތަކީ 44 އިންސައްތަ. އަންހެން ކުދިންގެ ނިސްބަތަކީ 56 އިންސައްތަ
ފިރިހެން ކުދިންގެ ނަތީޖާ ދަށްވާން ޖެހޭ ސަބަބުތައް ދެނެގަންނަން އެސެސްމަސްޓެއް ހަދަނީ

ފިރިހެން ކުދިންނާއި އަންހެން ކުދިންގެ ނަތީޖާއަށް ބަލާއިރު ބޮޑުތަފާތެއް އެބައޮތް ކަމަށާއި އެކަން ދެނެގަންނަން އެސެސްމެންޓެއް ހަދަން ނިންމާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މަތީ އަރުތަވެރިންގެ ކާމިޔާބީ ފާހަގަކުރަން ސޯޝަލް ސެންޓަރުގައި ކުރިއަށް ގެންދާ ޖަލްސާގެ ދެ ވަނަ ދަންފަޅީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިހާރު އޭލެވެލްއަށް ކިޔަވަމުން ދާ ދަރިވަރުން، އޯލެވެލް ހެދިއިރު، ޖުމްލަ 7772 ދަރިވަރުން ބައިވެރިވި ކަމަށާއި އޭގެ ތެރެއިން ފަސް މާއްދާއިން ފާސްވީ އެންމެ 46 އިންސައްތައް ދަރިވަރުން ކަމަށެވެ. އަދި ފާސްވި ދަރިވަރުންގެ ފިރިހެން ކުދިންގެ ނިސްބަތަކީ 44 އިންސައްތަ ކަމަށެވެ. އަންހެން ކުދިންގެ ނިސްބަތަކީ 56 އިންސައްތަ ކަމަށެވެ.

"ފުދޭވަރެއްގެ ބޮޑު ގެޕެއް އެބަ ފެނޭ އަންހެން ދަރިވަރުންނާއި ފިރިހެން ދަރިވަރުންގެ ތެރޭގައި" މިނިސްޓަރު ވިދާޅުވިއެވެ.

އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވީ، 1980 ވަނަ އަހަރު އަސާސީ ތައުލީމުގެ މަޝްރޫއު ފެށިއިރު ފެންނަން ހުރި ރިޕޯޓްތަކަށް ބަލާއިރު 60 އިންސައްތަ އަންހެނުންނަށް ލިޔަންކިޔަން ނޭނގޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ސެކަންޑްރީ ސްކޫލް ނިންމާ މަރުހަލާގައި މި {ތަފާތު} އަންނަން ފަށައިފިކަމަށް ވަނީނަމަ މުސްތަގުބަލުގައި ގޮންޖެހުންތައް ހުންނާނެ ކަމަށާއި ފިރިހެން ކުދިންގެ ނަތީޖާ މިހާރަށްވުރެ ރަނގަޅުކޮށް އަންހެން ކުދިންނާ އެއް ހަމައަކަށް ގެނައުމަށްޓަކައި އެޑިޔުކޭޝަން މިނިސްޓްރީގެ ތެރެއިން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެމަސައްކަތް ނުކުރާ ކަމަށް ވަނީނަމަ އޭގެ ނެގެޓިވް އިމްޕެކްޓް ދިވެހިރާއްޖެއަށާއި ލޭބަރ ފޯސްއަށް ކުރާނެ ކަމަށެވެ.

" މީގެ ނަތީޖާއަކަށް ވެގެން މި ދަނީ މަތީ ސާނަވީގައި ބައިވެރިވާ ދަރިވަރުންގެ އަދަދަށް ވެސް ތަފާތު ތަކެއް އައުން" މިނިސްޓަރު ވިދާޅުވިއެވެ.

"މި ފުރުޞަތުގައި ހުރިހާ އަންހެން ދަރިވަރުންނަށް މުބާރިކްބާދީ ދަންނަވަން، އެކުދިން އެކުރާ ހިތްވަރަށް. ފަށްފަށުން ޝުކުރު ދަންނަވަން"

ފިރިހެން ދަރިވަރުންނާއި މުދައްރިސުންނާއި ޕްރިންސިޕަލުންނާއި ޕޮލިސީ ލެވެލްގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ނަސޭހަތެއްގެ ގޮތުގައި މިނިސްޓަރު ގޮވާލެއްވީ، ތައުލީމީ ނިޒާމް ވާންޖެހޭނީ ހަމަހަމަ ފުރުޞަތުތަކެއް އޮތް ތަޢުލީމީ ނިޒާމަކަށް ކަމަށެވެ. އެވެސް ބަޔަކު ފެއިލްވެގެން އެއްވެސް ގުރޫޕެއް ދަރިވަރުންތަކެއް ފެއިލެވެގެންދާ ނިޒާމަކަށް ތައުލީމީ ނިޒާމް ވެގެން ނުވާނެ ކަމަށެވެ. " މިނިސްޓަރު ވިދާޅުވީ، އަންހެން ދަރިވަރުން ކަމުގައި ވިޔަސް ފިރިހެން ދަރިވަރުން ކަމުގައި ވިޔަސްމެ އަދި ޚާއްޞަ އެހީތެރިކަން ބޭނުންވާ ދަރިވަރުން ކަމުގައި ވިޔަސް، އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމް ބައްޓަންވެފައި އޮންނަން ވާނީ އިންކުލޫސިވް ޝާމިލުގޮތެއްގައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ކުރިއަށް މިއޮތް ދުވަސްތަކުގައި ފިރިހެން ކުދިންގެ ނަތީޖާ ދަށްވާން ދިމާވާ ސަބަބުތައް ދެނެގަތުމަށް މިއަހަރުގެ ތެރޭގައި ރެޕިޑް އެސެސްމަންޓެއް ހައްދަވާނެ ކަމަށެވެ.

"ފަހަރުގައި ވެދާނެ ކަރިކިއުލަމުގެ ތެރޭގައި ހުރި މައްސަލަތަކެއް ކަމުގައި ވެސް، ނޫނީ ކިޔަވައިދިނުމުގެ ވައްޓަފާޅީގައި ކުދިން  ބާކީކުރެވިގެން ކަމަށް ވެސް. ނޫނީ ކޮމިއުނިޓީ ލެވެލްގައި ހުރި މައްސަލަތަކެއްގެ ސަބަބުން ކަމަށް ވެސް."

މިނިސްޓަރު ވިދާޅުވީ، އެ ސެސްމަންޓްގެ އަލީގައި އެކަށީގެންވާ ފިޔަވަޅުތައް އަޅައި ފިރިހެން ކުދިންނާއި އަންހެން ކުދިންގެ ނަތީޖާ ހަމަހަމަ ނަތީޖާއެއްގެ ގޮތުގައި ބައްޓަން ކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *