37 ވަަނަ ޤައުމީ ޤުރްއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން މިއަދު ކުރި އިޢުލާނުގައި ބުނެފައި ވަނީ، ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމަށް މުއައްސަސާތައް ރަޖިސްޓްރީކުރުން މިއަދުން ފެށިގެން 29 ޖޫންގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
ޤުރްޢާން މުބާރާތުގައި އޮންލައިންކޮށް ރަޖިސްޓްރީ ވުމަށް ރަޖިސްޓްރީ ވުމަށް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ވަނީ އެދިފައެވެ.
ޤުރްއާން މުބާރާތް ބާއްވަން ތާވަލުކޮށްފައި ވަނީ، އަންނަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.
ޤުރްއާން ކިޔެވުމުގެ މުބާރާތް ކުރިއަށް ގެންދަނީ ތިން ބަޔަކަށެވެ. އެއީ ޙާފިޠުންގެ ބަޔާއި ސްކޫލް ކުދިންގެ ބަޔާއި މުއައްސަސާތަކުގެ ބައެވެ.
ޤުރުއާނާ ބެހޭ މަރުކަޒުން ބުނެފައިވާ ގޮތުގައި ޙާފިޠުންގެ ބައި ޚާއްޞަ ކޮށްފައިވަނީ، ތަޖުވީދުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން މުޅި ޤުރްއާން ހިތުދަސް ބައިވެރިންނަށެވެ. މުބާރާތުގައި ބައިވެރިވާ ކޮންމެ މުއައްސަސާއަކަށް ވެސް މި ބައިގައި ބޭނުން އަދަދަކަށް ޙާފިޠުން ބައިވެރިކުރެވޭނެއެވެ. އަދި އަމިއްލަ ގޮތުން ވެސް މި ބައިގައި ވާދަކުރެވެއެވެ. ޙާފިޠުންގެ ބައިގައި ވާދަކުރަން ސެޓްފިކެޓް ހުށައަޅަން ޖެހެއެވެ.
ސްކޫލު ކުދިންގެ ބައިގައި ބައިވެރިވާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ރަޖިސްޓްރީކޮށްފައިވާ ރާއްޖޭގެ ސްކޫލް މަދަރުސާތަކުގެ ފައުންޑޭޝަން ސްޓޭޖުން ފެށިގެން ކީ ސްޓޭޖް 5 އާ ދެމެދުގެ ދަރިވަރުންނަށެވެ.
މުއައްސަސާތަކުގެ ބައިގައި ވާދަކުރާނީ، ކަމާ ބެހޭ އިދާރާއެއްގައި އުނގަންނައިދިނުމަށް ރަޖިސްޓްރީކޮށްފައިވާ ޤުރްއާން ކިޔަވާދޭ ތަންތަނުންނެވެ. މީގެ ތެރޭގައި ޔުނިވަރސިޓީ ކޮލެޖްތަކާއި އިންސްޓިޓިއުޓް ނުވަތަ މަރުކަޒުތަކާއި ޤުރްއާން ކުލާސްތައް ހިމެނެއެވެ. އަދި ޤުރްއާނުގެ ދާއިރާ، ދީނީ ގޮތުން ހޭލުންތެރިކުރެވުން އެ ތަނެއްގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކުލަބު ޖަމިއްޔާތަކަށް ވެސް މި ބައިގައި ވާދަކުރެވެއެވެ.
މި ތަންތަނުގެ ނަމުގައި މުބާރާތުގައި ބައިވެރިކުރެވޭނީ، ޤައުމީ ޤުރްއާން މުބާރާތައް އިޢުލާން ކުރުމުގެ ތިން މަސް ކުރިން އެ ތަނެއްގައި ރަޖިސްޓްރީވެ ކިޔަވަމުންދާ ކުދިންނަށެވެ.
ޤައުމީ ޤުރްއާން މުބާރާތް ކުރިއަށް ގެންދަނީ ތިން ގޮއްޕަކަށް ބަހާލައިގެންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮއްޕާއި ނުބަލައި ކިޔެވުމުގެ ގޮފީގެ އިތުރުން ޙާފޠުންގެ ގޮއްޕެވެ.
ސިޓީތަކުގެ ކޮންމެ ސްކޫލްތަކަށް ވެސް އެ ސްކޫލެއްގެ އަމިއްލަ ނަމުގައި މުބާރާތުގައި ބައިވެރިވެވެއެވެ. ސިޓީތަކުގެ ސްކޫލްތަކުގެ ތެރެއިން ކީ ސްޓޭޖް 1އާއި 2 އޮންނަ ސްލޫލެއް ނަމަ އެ ސްކޫލަކުން ޖުމްލަ ހަ ދަރިވަރުންނަށް ބައިވެރިވެވެއެވެ. އެއީ ނުބަލައި ކިޔުމުގެ ބައިން 3 ދަރިވަރުންނާއި ބަލައިގެން ކިޔުމުގެ ބައިން 3 ދަރިވަރުންނެވެ. ސިޓީ ސްކޫލްތަކުން މުބާރާތުގައި ބައިވެރިވާނީ އެ ސްކޫލެއްގެ ދަރިވަރުންގެ މެދުގައި ބޭއްވިފައިވާ ސްކޫލް މުބާރާތުން ހޮވޭ ދަރިވަރުންނެވެ.
ސިޓީ ސްކޫލްތައް ފިޔަވައި އެހެން ސްކޫލްތަކުން މި މުބާރާތުގައި ބައިވެރިވާނީ އަތޮޅު ސްކޫލްތަކުގެ މެދުގައި ބޭއްވިފައިވާ އަތޮޅު މުބާރާތުން ހޮވޭ ދަރިވަރުންނެވެ.
advertisment
ހިޔާލު