ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމުގެ ކުރިން ކިޔަވާ މަރުކަޒާއި އެ މަރުކަޒުގައި ކިޔަވާ ކޯހަކީ ރަޖިސްޓްރީކޮށްގެން ހިންގާ ކޯހެއްތޯ ޔަޤީން ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން އިލްތިމާސް ކޮށްފިއެވެ.
އެ އޮތޯރިޓީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ރާއްޖެއިން ބޭރަށް ކިޔަވަންދާ ބައެއް ދަރިވަރުން ކިޔަވަން ދަނީ އެ އޮތޯރިޓީން ހޯދަންޖެހޭ މުހިންމު ލިޔުމެއްގެ ގޮތުގައި ހިމެނޭ، ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް" ނުހޯދައެވެ. މިކަމުގެ ސަބަބުން ދަރިވަރުން ކިޔަވައި ނިމިގެން އައި ސަނަދު ވެލިޑޭޓް ކުރުމަށް ހުށައެޅުމުން އެ ކިޔެވި މަރުކަޒަކީ އެމްކިޔުއޭ ޤަބޫލުކުރާ މަރުކަޒަކަށް ނުވުމުން އެ އުޞޫލުގެ ތެރެއިން ސަނަދު ވެލިޑޭޓް ނުކުރެވޭތަން އަންނަ ކަމަށެވެ.
އެމްކިޔުއޭއިން ބުނި ގޮތުގައި، ބޭރަށް ކިޔަވަން ފުރުމުގެ ކުރިން، މި ލިޔުން ހޯދުމުގެ އެންމެ ބޮޑު ބޭނުމަކީ އެމްކިޔުއޭއިން ޤަބޫލުކުރާ މަރުކަޒެއްކަމާއި އެ ކިޔަވާ ޕްރޮގްރާމަކީ އެމްއެންކިޔުއެފްއަށް ފެތޭ ޕްރޮގްރާމެއްކަން ބެލުމާއި އެ ޤައުމެއްގެ ސަރުކާރުގެ ކަމާ ބެހޭ އިދާރާއަކުން ޤަބޫލުކުރާ މަރުކަޒެއްކަމާއި އެ މަރުކަޒުގައި އެ ޕްރޮގްރާމް ރަޖިސްޓްރީކޮށްފައިޥާކަން ކަށަވަރު ކުރުމެވެ.
"ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމުގެ ކުރިން ހޯދަން ޖެހޭ "ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް" ހޯދުމަށް ނަޞޭހަތްތެރިވަމެވެ. "ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް" ނުހޯދާ ކިޔެވުން ފަށާފައިވާ ދަރިވރުންނަށް ވެސް ވީ އެންމެ އަވަހަކަށް މި ލިޔުން ހޯދަން ހުށައެޅުމަށް ނަޞޭހަތްތެރިވަމެވެ." އެމްކިޔުއޭގެ އިއުލާނުގައި ބުނެފައިވެއެވެ.


advertisment
ހިޔާލު