ދެވަނަ އާހިލްއަށް، ތިން ވަނަ އީމާންއަށް
ފާއިތުވި 2023-2024 ވަނަ ދިރާސީ އަހަރު ރެހެންދި ސްކޫލުން އެންމެ މޮޅު ދަރިވަރަކަށް މުޙައްމަދު އިފްހާމް އިބްރާހިމް ހޮވައިފިއެވެ.
ރޭ ބޭއްވި އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީއެވެ.
ފާއިތުވި ދިރާސީ އަހަރު ރެހެންދި ސްކޫލުން ދެވަނަ ހޯދީ އަޙްމަދު އާހިލް ހަލީމެވެ. ތިން ވަނަ ހޯދީ އައިޝަތު އީމާން އާސިފެވެ.
އެއްވަނަ ހޯދި އިފާމް ވަނީ، ސާނަވީ ނިންމާ އިމްތިޙާނުތަކުން ޤައުމީ ގަދަ ދިހައެއްގެ 2ވަނަ ހޯދާފައެވެ. އިންޓަރސްކޫލް އަދަބީ މުބާރާތްތަކާއި ޤުރުއާން މުބާރާތްތަކުގައި ރެހެންދި ސްކޫލް ތަމްސީލު ކުރި އިފާމްއަކީ ފާއިތުވި ދިރާސީ އަހަރު އެ ސްކޫލުގެ ކަނބައިދި ހައުސްގެ އެކްޓިވިޓީ ކެޕްޓަނެވެ.
ދެވަނަ ހޯދި، އާހިލްއަކީ ފާއިތުވި އަހަރު އެ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަނެވެ. ކެޑޭޓްގައި ވެސް އިސް ދައުރެއް އަދާކުރިއެވެ. އާހިލް ދިޔައީ ސާނަވީ ނިންމާ އިމްތިޙާނުތަކުން ޤައުމީ ގަދަ ދިހައެއްގެ 5ވަނަ އަށެވެ.
ތިންވަނަ ހޯދި އައިޝަތު އީމާން އާސިފަކީ ފާއިތި އަހަރު ރެހެންދި ސްކޫލްގެ ކެޕްޓަނެވެ. ސާނަވީ ނިންމާ އިމްތިޙާނުތަކުން އީމާނަށް ލިބުނީ ޤައުމީ ގަދަ ދިހައެއްގެ 5ވަނައެވެ.
ސްކޫލުން އެއްވަނަ ހޯދުމަކީ އިފްހާމް ދެކުނު ހުވަފެނެއް
އިފްހާމް ދަރިވަރުން ނޫހަށް ބުނީ، ރެހެންދި ސްކޫލުން އެއްވަނަ ހޯދުމަކީ އޭނާ ދެކެމުން އައި ހުވަފެނެއް ކަމަށާއި އެކަމަށް މަސައްކަތް ވެސް ކުރި ކަމަށެވެ. އަދި ސާނަވީ ނިންމާ އިމްތިޙާނުތަކުން ވެސް އެއްވަނަ ހޯދުމަކީ ވެސް އޭނާ ކުރި އުއްމީދެއް ކަމަށާއި ކޮންޕިއުޓަރ ސައިންސްއިން އޭ ސްޓަރެއް ނުލިބުމުން އެ އުއްމީދު ފުރިހަމަ ނުވީ ކަމަށެވެ.
"ކޮމްޕިއުޓަރ ސައިންސްއިން އޭ ސްޓަރއެއް ލިބޭނެ ކަމަށް ސައިންސައްތަ ޔަޤީންކަން އޮތް. އެހެން ނަމަވެސް ޔަޤީންކަން ނެތް ދިވެހި މާއްދާއިން އޭ ސްޓަރ ލިބި ކޮންޕިއުޓަރ ސައިންސްއިން އޭ އެއް ލިބުނީ" ސީއެޗްއެސްއީ ހުޅުމާލޭގައި މަޓީ ސާނަވީއަށް ކިޔަވަމުން އަންނަ އިފްހާމް ބުންޏެވެ.
އިފްހާމް ބުނީ، ކިޔަވަން ވަކި ވަގުތެއް ކަނޑައަޅާފައި ނެތަސް ކިޔަވަން ފަސޭހައީ ރޭނގަނޑުގެ ވަގުތުތަކުގައި އެކަނި އިނދެއެވެ.
އިފްހާމްގެ މިހާރުގެ އުއްމީދަކީ ސްކޮލަރޝިޕް ހޯދައިގެން އެއޮރޮސްޕޭސް އިންޖިނިއަރިންގ ދާއިރާއިން ކުރިއަށް ދިއުމެވެ. އެއީ ވަރަށް ކުޑައިރުއްސުރެ އޭނާ އެންމެ ޝަޢުޤު ހުންނަ ދާއިރާއެވެ.
"އެއޮރޮސްޕޭސްއާ ގުޅުން ހުރި ފިލްމާއި ޑޮކިއުމަންޓްރީތައް ބަލައި ފޮތްތައް ކިޔަން. އޭގެ ސަބަބުން އެ ދާއިރާއަށް ވަރަށް ބޮޑު ޝަޢުޤުވެރިކަމެއް ވަނީ އުފެދިފައި" އިފްހާމް ބުންޏެވެ.
ކިޔަވާ ކުދިންނަށް އިފްހާމް ދިން ނަސޭހަތަކީ ތިމާއަށް އެންގޭ އެއްޗެއް އެހެން ކުދިންނަށް ބުނެދޭން ވީވަރަކުން މަސައްކަތް ކުރުމަށެވެ.
ހިޔާލު