މ. އަތޮޅު މަދަރުސާއިން ކޮޅުފުށީގައި ހުރި މުހިންމު ގަސްތަކުގެ މައުލޫމާތު ލިބޭ ގޮތަށް ގަސްތައް ޓެގްކޮށް ލޭބަލް ކުރަނީ

ކޮޅުފުށީ ސްކޫލުން އެރ ރަށުގައި ހުރި މުހިންމު ގަސްތަކުގެ މައުލޫމާތު ލިބޭ ގޮތަށް ގަސްތައް ޓެގްކޮށް ލޭބަލް ކުރަން ނިންމައި އެ މަސައްކަތް އިއްޔެ ފަށައިފިއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ގޮތުގައި ޖޫން 5 ފާހަގަކުރާއިރު، އެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ސްކޫލުގެ ތިމާވެށީ ކުލަބުން އިސްނަގައިގެން ގޯތި ތެރޭގައި ހުރި ތަފާތު 9 ގަހެއް ވަނީ ޓެގް ކޮށްފައެވެ. ގެހުގެ ނަމާއެކު ހަރުކޮށްފައިވާ ޓެގާއްކު އެ ގަހަކާ ބެހޭ އާއްމު މައުލޫމާތު ގެ އިތުރުން، އިތުރު ތަފުސީލީ މައުލޫމާތު ލިބޭ ގޮތަށް ކިއުއާރު ކޯޑެއް ވެސް ހިމަނާފައިވެއެވެ.

ކޮޅުފުށީ ސްކޫލުގެ ޕްރިންސިޕަލް އަލީ ނައީމް ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ، ގަސްތަކުގެ ނަމާއި މައުލޫމާތު ހިމެނޭގޮތަށް ޓެގް ކުރަން ފެށީ ދަރިވަރުންގެ ހިތުގައި ގަސްތަކަށް އޮތް ލޯބި އިތުރުކުރުމާއި ގަސްތަކަށް ކިޔާ ނަންތައް ދަސްކޮށް ދިނުމުގެ ބޭނުމުގައި ކަމަށެވެ.

"މި ސްކޫލުގެ ތެރޭގައި ވެސް އެބަހުރި ދުވަސްވީ ގަސްތަކެއް. އެ ގަސްތަކަށް ކިޔާ ނަންތަކެއް ބައެއް ކުދިންނަށް ނޭނގޭ. ބޭނުމަކީ ގަސްގަހާގެހީގެ ނަންތައް ދަރިވަރުންނަށް ދަސްވެ އޭގެ މައުލޫމާތު ވެސް ފޯރުކޮށްދިނުން" އަލީ ނައީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ގަސްތައް ޓެގް ކުރުމުގެ މަސައްކަތް ސްކޫލުގެ ތެރެއިން ފެށި ނަމަވެސް ދެވަނަ ޓާމުން ފެށިގެން ރަށުގައި ހުރި ދުވަސްވީ ބޮޑެތި ގަސްތައް ޓެގް ކުރުމާއި އާއްމުކޮށް މީހުން އެއްވެ އެޅޭ ތަންތާގައި ހުރި ގަސްތައް ޓެގްކުރުމުގެ މަސައްކަތް އެ ސްކޫލުގެ ތިމާވެށި ކުލަބުން ކުރިއަށް ގެންދާނެ ކަމަށެވެ.

"ރަށުތެރޭގައި ހުރި ގަސްތައް ޓެގްކުރަން ފެށުމުން އާންމުންނަށް ވެސް ގަސްތަކުގެ މައުލޫމާތު ފަސޭހައިން ހޯދުމުގެ ފުރުޞަތު ފަހިވާނެ. އަދި ހޭލުންތެރިވުމަށް ވެސް ބާރަކަށް ވާނެ" ޕްރިންސިޕަލް ވިދާޅުވިއެވެ.

ތިމާވެށީގެ ދުވަސް ފާހަގަ ކުރުމަށް އިތުރު ދެ ހަރަކާތެއް ވެސް މ. އަތޮޅު މަދަރުސާއިން ކުރިއަށް ގެންދެއެވެ. އެއީ ގަސްއިންދުމާއި ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމެވެ. އަދި ތިމާވެށި ކުލަބުން ބަލަހައްޓަމުން އަންނަ ފެނުގައި ގަސްއިންދުމުގެ ޕްރޮގްރާމުގެ 4 ވަނަ ބެޗްގައި ހެއްދި ލެޓިއުސް ވަނީ ވިއްކާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *