52 ދުވަހަށްފަހު، ސާނަވީ ނިންމާ އިމްތިޙާން ނިމިއްޖެ

52 ދުވަހަށްފަހު، ސާނަވީ ނިންމާ އިމްތިޙާން ނިމިއްޖެއެވެ. ސާނަވީ ނިންމާ އިމްތިޙާނު ފެށީ މިދިޔަ އެޕްރީލް މަހުގެ 20 ވަނަ ދުވަހުއެވެ. އިމްތިޙާން ނިމުނީ މިދިޔަ ބުދަ ދުވަހުއެވެ.

މި އަހަރުގެ ކެމްބްރިޖް އޯލެވެލް އާއި އެސްއެސްސީ އިމްތިޙާނުގައި 8362 ދަރިވަރުން ބައިވެރިވިއެވެ. ކެމްބްރިޖް އިމްތިޙާނުގައި 7666 ދަރިވަރުން ބައިވެރިވާއިރު އެސްއެސްސީގައި ހިމެނޭ ދިވެއްސާއި އިސްލާމު މާއްދާގައި 7519 ދަރިވަރުން ބައިވެރިވިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި އަހަރުގެ އޯލެވެލް އިމްތިޙާން ރާއްޖޭގެ 260 ސެންޓަރެއްގައި ކުރިއަށް ގެންދިޔައެވެ.

އޯލެވެލް އިމްތިހާނުގައި މިދިޔަ އަހަރު 7،501 ދަރިވަރުން ބައިވެރިވެރިވެފައިވެއެވެ. އަދި އިސްލާމާއި ދިވެހި މާއްދާ ހިމެނޭ އެސްއެސްސީ އިމްތިހާނުގައި 7،133 ދަރިވަރުން ބައިވެރިވެފައިވެއެވެ. އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު މިދިޔަ އަހަރު ހެދީ 256 ސެންޓަރެއްގައެވެ.

އޯލެވެލް އިމްތިޙާނުގައި ރާއްޖޭގެ ސްކޫލަކުން ބައިވެރިވާނަމަ ފީ ދައްކައި ދެމުން އަންނަނީ ސަރުކާރުންނެވެ. ސަރުކާރުން ފީ ދައްކަމުން އައި އުޞޫލަށް އެޑިޔުކޭޝަން މިނިސްޓްރީން 2023 ވަނަ އަހަރުގެ ތެރޭގައި ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެ ގެނައި ބަދަލާއެކު ކޮންމެ ދަރިވަރަކު ވެސް މަޖުބޫރު 4 މާއްދާގައި ބައިވެރިވާން ޖެހެއެވެ. ބައިވެރުމުގެ ފީ ދައްކައި ދެނީ ސަރުކާރުންނެވެ. އެ ބަދަލު ގެނައުމުގެ ކުރިން ފީ ދައްކަމުން އައީ މޮކް އެގްޒާމުން ފާސްވާ ދަރިވަރުންނަށެވެ. މޮކްއެގްޒާމުން ފާސްނުވާ ދަރިވަރުން އިމްތިޙާނުގައި ބައިވެރިވާން ފީ ދައްކަން ޖެހެނީ އަމިއްލައަށެވެ. އޯލެވެލް އިމްތިޙާނުގެ މަޖުބޫރު 4 މާއްދާގެ ގޮތުގައި ކަނޑައަޅާފައި ވަނީ  އިސްލާމާއި ދިވެއެއްސާއި އިނގިރޭސީގެ އިތުރުން ހިސާބެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *