ހުރިހާ ސްކޫލަކަށް ބޭނުންވާ އޭސީ ހޯދައި ހަރުކުރަން 55 މިލިއަން ރުފިޔާ ޚަރަދުވާނެ
"ކޫލް ސްކޫލް ޕްރޮޖެކްޓް"ގެ ދަށުން ސަރުކާރުގެ ސްކޫލްތަކަށް ބޭނުންވާ އޭސީ ހޯދައި އެ ހަރުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ މިއަދު ހަވާލުކޮށްފިއެވެ. މި މަސައްކަތް ފެނަކައާ ހަވާލުކުރަން މިއަދު އެޑިޔުކޭޝަން މިނިސްޓްރީގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި މސައްކަތް އަންނަ ދިރާސީ އާ އަހަރު ފެށެންވާއިރަށް އެކީ ނިންމަން ފެނަކައާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢުއެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ނަޖާހުއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވީ، މިހާތަނަށް ސަރުކާރުން ހިންގަމުން އަންނަ ސްކޫލްތަކުގެ 401 ކުލާސްރޫމް އޭސީކޮށްފައިވާ ކަމަށާއި އެކަން ކޮށްފައި ވަނީ އެ މިނިސްޓްރީއާއި ސްކޫލްތަކުގެ ބެލެނިވެރިންގެ އިސްނެގުމުގެ މަތިން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އެ މިނިސްޓްރީން ފެށީ ދެ އަހަރުގެ ދުވަހުގެ ތެރޭގައި ހުރިހާ ސްކޫލެއް އޭސީ ކުރަން ކަމަށާއި، މިހާރުގެ ޓައިމް ލައިނަކީ މި އަހަރުގެ ސެޕްޓެމްބަރު މަސް ނިމެންވާއިރަށް ސްކޫލުތަކަށް އޭސީ ފޮނުވައި، އަހަރު ނިމުމުގެ ކުރިން އޭސީތައް ހަރުކޮށް ނިންމުން ކމަށެވެ. ކަމެއް ދިމާވެގެން ވެސް ދިރާސީ އާ އަހަރު ފެށެންވާއިރަށް އޭސީ ހަރުނުކުރެވޭ އެއްވެސް ކުލާސްރޫމެއް ހުންނާނެ ކަމުގެ ޔަޤީންކަން މިނިސްޓަރު ދެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، "ކޫލްސް ސްކޫލް ޕްރޮޖެކްޓް"އަށް ޚަރަދުވާނީ 50 މިލިއަނެއްހާ ރުފިޔާ ކަމަށާއި އެއީ އޭސީ ގަތުމާއި ހަރުކުރުމުގެ ޚަރަދުވެސް ހިމަނައިގެން ކަމަށެވެ. އޭސީ ހަރުކުރުމުގެ މަސައްކަތުގެ ތެރެއިން ސްކޫލްތަކުގެ ކަރަންޓްގެ ވިއުގައަށް ގެންނަންޖެހޭ ބަދަލުތައް ވެސް ގެންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހިޔާލު