އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ހިރާ ސްކޫލުގެ ދަރިވަރުންނަށް، އުޟުހިޔާ ކަތިލުމުގެ ހަޤީޤީ ތަޖުރިބާ އެ ސްކޫލުން ހޯދައިދީފިއެވެ. މިއީ 14 އަހަރަށްފަހު އެ ސްކޫލުގެ ދަރިވަރުން އަމަލީ ގޮތުން ބައިވެރިކޮށްގެން އުޟުހިޔާގެ ހަރަކާތެއް ކުރިއަށް ގެންދިޔަ ފަހަރެވެ.
އުޟުހިޔާގެ އެ ޤުރުބާނީގެ ހާދިސާއަށް ދަރިވަރުން ހޭލުންތެރި ކުރުވުމަށް ބޮޑު ހަރަކާތެއްގެ ގޮތުގައި ކަތިލަން ފަސް ބަކަރި އެ ސްކޫލަށް ގެންދިޔައީ އީދުގެ ވިއްސަކަށް ދުވަސް ކުރިންނެވެ. ކަތިލުމާ ހަމައަށް ބަކަރިތަކަށް ކާންދީ ބަލަހައްޓައި އެއެއްޗިއްސާއެކު އުޅުމުގެ ފުރުޞަތު ދަރިވަރުންނަށް ހިރާ ސްކޫލުން ފަހިކޮށް ދީފައިވެއެވެ.
"ބަކަރިއަކީ ވަރަށް ރަހުމަތްތެރިއެއްޗަކަށް ވީމާ ކުދިން ވެސް ވަރަށް ދޯޅުކޮށް އުޅުނީ. އެ ކުދިން އެއަށް ލޯބިޖެހިގެން އޮޅުކޮށްގެން އުޅޭ ގޮތަން ގެންގުޅުނީ ވެސް" ހިރާ ސްކޫލްގެ ޕްރިންސިޕަލް މަރިޔަމް ސިތާރާ ދަރިވަރު ނޫހަށް ވިދާޅުވިއެވެ.
ސިތާރާ ވިދާޅުވީ، އުޟުހިޔާ ކަތިލުމުގެ ކުރިން، އުޟުހިޔާ، ޤުރުބާން ކުރުމުގެ އެ ހާދިސާގެ ތަފްޞީލީ މައުލޫމާތު އެ ސްކޫލުގެ މަތީ ގުރޭޑް ތަކުގެ ދަރިވަރުންނަށް ފޯރުކޮށްދިން ކަމަށެވެ.
"ބަކަރިތަކަށް ދަރިވަރުން ލޯބިޖެހިފައި ތިއްބައި، ޤުރުބާނީގެ ގޮތުން އެ ތަކެތި ކަތިލުމުން ދަރިވަރުންނަށް ވަރަށް ތަފާތު ހަޤީޤީ ތަޖުރިބާތަކެއް ކުރެވުނީ،" ސިތާރާ ވިދާޅުވިއެވެ.
އީދު ފާހަގަކުރުމަށް ހިރާ ސްކޫލުން މި އަހަރު ގެންގުޅުނީ "މިޑްލްއީސްޓް ތީމް"އެކެވެ. އެ ސްކޫލުގެ ކުލާސްރޫމްތަކާއި ގޯތިތެރެ ވެސް އޮތީ އެ ތީމާ ގުޅޭ ގޮތަށް ޒީނަތްތެރި ކޮށްފައެވެ. އެ މަސައްކަތް ކުރިއަށް ގެންދިޔައީ މުދައްރިސުންނާއި ދަރިވަރުން ގުޅިގެންނެވެ.
ޢީދު ނަމާދުގެ މައިދާނަށް ހިރާ ސްކޫލުގެ ދަރިވަރުން ދިޔައީ ތަކުބީރު ކިޔަމުންނެވެ. ނަމާދަށްފަހު އެ ދަރިވަރުން އެނބުރި ސްކޫލަށް ދިޔައީ ވެސް ތަކުބީރު ކިޔަމުންނެވެ. އޭރު އީދުސައި އޮތީ އެ ސްކޫލުގައި ތައްޔާރު ކޮށްފައެވެ.
އެ ސައިގެ ތެރެއިން އީދު ހަދިޔާ ބަދަލު ކުރުމުގެ ހަރަކާތެއް ދަރިވަރުންނަށް ކުރިއަށް ގެންދިޔައެވެ. އީދު ހަދިޔާ ދިނީ، ގުރޭޑް 4ން ދަށުގެ ކޮންމެ ކުއްޖަކަށް އެ ކުލާހުގެ ކޮންމެ ކުއްޖެއްގެ ފަރާތުން ގިނަ ހަދިޔާ ލިބޭ ގޮތަށެވެ. 4ން މަތީ ގުރޭޑް ތަކުގެ ދަރިވަރުންނަށް ހަދިޔާ ދިނީ ގްރޫޕްތަކަށް ބަހާލައިގެން ކުދި ގުރޫޕްތަކުގެ ތެރޭގައެވެ.
ހިރާ ސްކޫލުގެ ދަރިވަރުން ޢީދުގެ ހަދިޔާ އާންމުކޮށް ބަދަލު ކުރަމުން އައީ ފިތުރު ޢީދާ ގުޅިގެންނެވެ. ނިމިދިޔަ ފިތުރު ޢީދުގައި ސްކޫލްތައް ބަންދުވުމުން ހަދިޔާ ބަދަލުކުރުން ކުރިއަށް ގެންދިޔައީ މި ޢީދުގައެވެ.
ޢީދު ސައިގެ ފަހުން އުޟުހިޔާ ކަތިލުން ކުރިއަށް ގެންދިޔައީ ބެލެނިވެންނާއި ދަރިވަރުންނަށް ފެންނަގޮތަށް އެ ސްކޫލުގައެވެ. ކަތިލުމުގައި ވެސް އަމަލީ ގޮތުން ދަރިވަރުން ބައިވިރިވިއެވެ.

އުޟުހިޔާއަށް ފަސް ބަކަރި ކަތިލިއިރު، އޭގެ ތެރެއިން ދެ ބަކަރީގެ މަސް ވިއްކީ އެ ގަންނަން ބޭނުން ވެގެން އެދުނު ފަރާތްތަކަށެވެ. ދެން އޮތް ތިން ބަކަރީގެ މަސް ތިން ބަޔަކަށް ބަހާލިއެވެ. އެ ސްކޫލުގެ ބެލެނިވެރިންނާއި ސްޓާފުންގެ ފަރާތުން އެ ހަދިޔާ ކުރީ ފަގީރުންނަށާއި ގާތް ތިމާގެ މީހުންނަށެވެ، ދެން ބޭނުން ކުރީ އެ ދުވަހުގެ ކެއުމުގައެވެ.
އުޟުހިޔާ ކަތިލުމަށްފަހު، ކޮތަޅުގައި މަސް ބަންދުކޮށް އެ ބެހުމާއި ކެއްކުމުގައި ވެސް އަމަލީ ގޮތުން ހިރާ ސްކޫލުގެ ދަރިވަރުން ބައިވެރިވިއެވެ.
"ހުރިހާ މަރުހަލާއެއްގައި ވެސް ދަރިވަރުން ބައިވެރިކޮށްގެން އުޟުހިޔާގެ ހަރަކާތް ކުރިއަށް ގެންދިޔައީ" ޢީދުގެ ހަރަކާތް ކުރިއަށް ގެންދެވުނުގޮތާމެދު ހިތްހަމަޖެހިފައި ހުންނަވައި ޕްރިންސިޕަލް ސިތާރާ ދަރިވަރު ނޫހަށް ވިދާޅުވިއެވެ.
"މި ފަހަރު ދިމާވި ގޮތުން އަޟްހާ އީދު ފާހަގަކުރަން ފަހި ފުރުޞަތެއް ލިބިގެން ދިޔައީ. އޭގެ ބޭނުން ދަރިވަރުންނަށް އެންމެ ފައިދާ ހުރި ގޮތުގައި ބޭނުން ކުރެވޭތޯ އަޅގަނޑުމެން ބެލީ" އަމިއްލަ ފަރާތަކުން ހިންގާ ހިރާ ސްކޫލުގެ ޕްރިންސިޕަލް ސިތާރާ ވިދާޅުވިއެވެ.
ހިރާ ސްކޫލުގައި ކިޔަވައި ދެމުން އަންނަނީ ޕްރީ ސްކޫލުން ފެށިގެން ގުރޭޑް 10އާ ހަމައަށެވެ.
ހިޔާލު