މ. މުލަކު ސްކޫލު ޕީޓީއޭގެ މަސައްކަތު ދުވަހުން 154،077 ރުފިޔާ ހޯދައިފިއެވެ.
މަސައްކަތު ދުވަސް ޕީޓީއޭއިން ކުރިއަށް ގެންދިޔައީ ހަ ގުރޫޕަކަށް ބަހާލައިގެން ވާދަވެރި ރޫހެއްގައެވެ.
މުލަކު ސްކޫލުން މި ފައިސާ ބޭނުން ކުރާނީ އެ ސްކޫލުގައި މިހާރު އަޅަމުންދާ ޓާފް ދަނޑު ނިންމަން ބޭނުންވާ މަސައްކަތަށެވެ.
"ޕީޓީއޭގެ މަސައްކަތު ދުވަހުން ހޯދައި ދިނީ ދަނޑުގެ މަސައްކަތް އެކީ ނިންމަން ބޭނުންވާނެ ފައިސާ" މުލަކު ސްކޫލުގެ ޕްރިންސިޕަލް ތޯހާ މުޙައްމަދު ވިދާޅުވިއެވެ.
ތޯހާ ދަރިވަރު ނޫހަށް ވިދާޅުވީ، އެ ސްކޫލުގެ ޓާފް ދަނޑުތަރައްޤީ ކުރަނީ މަލްޓިޕާޕަސް ތަނެއްގެ ގޮތުގައި ކުޅިވަރުތަކާއި އިތުރު ހަރަކާތްތައް ވެސް ކުރިއަށް ގެންދެވޭ ގޮތަށެވެ.
އޭނާ ވިދާޅުވީ، ދަނޑަށް ބޭނުންވާ ޓާފް މުލަކު ކައުންސިލުން ހަދިޔާކޮށްފައިވާއިރު ދަނޑުގެ ސަބްބޭސްގެ މަސައްކަތް ކޮށްދެނީ އާރުޑީސީން ކަމަށެވެ.
370 ދަރިވަރުން ކިޔަވަމުން އަންނަ މުލަކު ސްކޫލުގައި އަޅަމުން އަންނަ ޓާފް ދަނޑު ނިންމައި، ދެވަނަ ޓާމުން ފެށިގެން ބޭނުން ކުރެވޭނެ ކަމަށެވެ. މިހާރު ދަރިވަރުންނަށް ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ ރަށުގެ ޒުވާނުން ވެސް ބޭނުން ކުރާ ޓާފް ދަނޑުގައި ކަމަށް ވުމުން ދަނޑު ލިބުމުގައި ދަތިތަކެއް އެ ސްކޫލަށް އޮތް ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަމިއްލަ ދަނޑެއް ނެތީމާ ސްކޫލުން ކުރިއަށް ގެންދާ ހަރަކާތްތައް ވެސް ބާއްވަން ޖެހެނީ ވަރަށް ދަތީގައި ދަނޑު ލިބޭ މަދު ވަގުތު ކޮޅެއްގެ ތެރޭގައި. އޭގެ ސަބަބުން ސްކޫލުން ރާވާ އެހެނިހެން ހަރަކާތްތަކަށް ބުރޫ އަރާ. އެ ހުރިހާ ކަމަށް ޖުމްލަ ހައްލެއް މި ހޯދަނީ" ތޯހާ ވިދާޅުވިއެވެ.
ހިޔާލު