އިސްކަންދަރާއި އަމީނިއްޔާ ސްކޫލުގެ 52 ދަރިވަރުން ޓްރެފިކް މޮނީޓަރުންނަށް

އިސްކަންދަރު ސްކޫލާއި އަމީނިއްޔާ ސްކޫލުގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި އިސްކަންދަރު ސްކޫލާއި އަމީނިއްޔާ ސްކޫލް ގުޅިގެން ހިންގި މި ޕްރޮގްރާމުގައި ދެ ސްކޫލުން ޖުމުލަ 52 ދަރިވަރުން ބައިވެރިވިއެވެ. އޭގެ އިތުރުން، ޓްރެފިކް ކޯޑިނޭޓަރުންގެ ގޮތުގައި ޖުމުލަ 11 ޓީޗަރުން ބައިވެރިވެފައި ވެއެވެ. ފަސް ދުވަހުގެ މުއްދަތަށް ހިނގި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 2025 މެއި 17 އިން 21 އަށެވެ.

ޓްރެފިކް މޮނީޓާސް ޕްރޮގްރާމަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް ދަރިވަރުން އަހުލުވެރިކުރުވައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ނަގަހައްޓާނެ ޖީލެއް ބިނާކުރުމަށް ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ދަރިވަރުންނަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާއި، ޓްރެފިކް ސައިންތަކާއި، ޓްރެފިކް މޮނިޓަރުންގެ ރޯލާއި އަދި މަގުމަތީގައި ދިމާވާ ހާދިސާތަކުން ސަލާމަތްވުމަށް ސަމާލުކަން ދޭންޖެހޭ ކަންކަމާއި ސިއްޙީ ކުއްލި ހާލަތެއްގައި އަވަސް ފަރުވާ ދިނުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކިޔައިދިނުމެވެ.

އޭގެ އިތުރުން، ޓީމް ބިލްޑިންގ ހަރަކާތްތަކާއި، މަސައްކަތުގައި ކާމިޔާބު ހޯދުމަށްޓަކައި މޯޓިވޭޝަނަލް ސެޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި އާންމުންނާ ބައްދަލުވެ ވާހަކަދެއްކުމުގައި އަދި އާންމު ދިރިއުޅުމުގައި ވެސް ބަސްމަގު ބަހައްޓަންވީގޮތްތައް ކިޔައިދިނުމަށް ކޮމިއުނިކޭޝަން ސްކިލް ސެޝަނަކާއި، ދިމާވާ ހާލަތަކުން ސަލާމަތްވުމަށް ބޭނުންވާ ބޭސިކް ސެލްފް ޑިފެންސް އުކުޅުތައް ދަސްކޮށްދީފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *