މާލީ އެހީގެ ގޮތުގައި ކުޅުދުއްފުށީ ކޮންމެ ސްކުލަކަށް 1ލއްކަ ރުފިޔާ އެރަށު ސިޓީ ކައުންސިލުން ދީފިއެވެ.
"ސްކޫލް ގްރާންޓް"ގެ ނަމުގައި މި އެހީ ދިނީ، ކުޅުދުއްފުށީގައި ސަރުކާރުން ހިންގާ ޖަލާލުއްދީން ސްކޫލާއި އަފީފުއްދީން ސްކޫލުގެ އިތުރުން ހދ. އަތޮޅު ތައުލީމީ މަރުކަޒަށެވެ.
މާލީ އެހީ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސިޓީ ކައުންސިލާއި އެ ސްކޫލްތަކާ މެދު މިއަދު ވަނީ އެއްބަސްވެ ސޮއިކޮށްފައެވެ.
ކުޅުދުއްފުށީ ކައުންސިލުން އެރަށުގެ ތިން ސްކޫލަށް މާލީ އެހީ ދެނީ، އެހީއަށް ހުޅުވާލުމުން ސުކޫލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި ހިމެނޭކަންކަން ހާސިލް ކުރުމަށެވެ. މިދިޔަ އަހަރު ވެސް ކޮންމެ ސްކޫލަކަށް 1ލައްކަ ރުފިޔާގެ މާލީ އެހީ ވަނީ ދީފައެވެ. އޭގެ ކުރިން ދީފައި ވަނީ 50،000 ރުފިޔާއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނި ގޮތުގައި، ސްކޫލް ގްރާންޓް ތައާރަފްކުރުމުގެ މައިގަނޑު މަގްސަދަކީ ކުޅުދުއްފުށި ސިޓީގެ ސްކޫލްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސުކޫލްތަކުގެ ވަސީލަތްތައް ތަރައްޤީކުރުމާއި، ދަރިވަރުންގެ ކުރިއެރުމަށް ސްކޫލްތަކުން ހިންގަމުންއަންނަ ހަރަކާތްތަކަށް އެހީތެރިވުމާއި، ސްކޫލްތަކުގެ ޕީޓީއޭ އިން ސްކޫލްގެ ތަރައްޤީއަށް ފަންޑް ހޯދުމަށް ކުރަމުންއަންނަ މަސައްކަތް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ހިޔާލު