ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި އެ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ޝައުކަތު މުހިންމު މެސެޖްތަކެއް މުދައްރިސުންނަށާއި ބެލެނިވެރިންނަށާއި ދަރިވަރުންނަށް ދެއްވިއެވެ.
އަހަރީ އިނާމް ދިނުމުގެ ޖަލްސާގެ ތީމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އަގުބޮޑު ޖަވާހިރުގެ ތެރެއިން ރޫބީ އަށެވެ. ޝައުކަތުގެ ވާހަކަގައި ބެލެނިވެރިންނަށް ވިދާޅުވީ، ދަރިވަރުންނަކީ ދިރިއުޅެން އެނގޭ ބަޔަކަށް ހެދުމުގައި ބެލެނިވެރިންގެ ދައުރު އަދާކޮށްދެއްވަން ޖެހޭ ކަމަށާއި މިސާލެއްގެ ގޮތުގައި ނެންގެވީ ރޫބީ ގެ އަގުބޮޑުވާން ޖެހޭ ސަބަބެވެ.
ޝައުކަތު ވިދާޅުވީ، ރޫބީ އަކީ ބިމުގެ އަޑީ ފަށަލައިގައި އާދަޔާ ޚިލާފު ގަދަ ހޫނާއި ޕްރެޝަރުގައި އުފެދޭ އެއްޗެއް ކަމަށާއި އެހެން ޖަވާޙިރުތަކާއި ޚިލާފަށް ޚާއްސަ ޖިއޮލޮޖިކަލް ކަންޑިޝަންތަކެއްގައި އުފެދޭ ޖަވާހިރަކަށް ރޫބީ ވުމަކީ އޭގެ އަގު މަތިވެރިވާ ސަބަބު ކަމަށެވެ.
ރޫބީ އުފެދޭ މަރުހަލާތަކަށް އިޝާރާތް ކުރައްވައި ޝައުކަތު ވިދާޅުވީ ދައްޗާއި ތުރާލާއި ވޭނާއި ހޫނަކީ މީހާ މީހަކަށް ހަދައިދޭ ކަންކަން ގަބޫލުފުޅުކުރެއްވުމަށެވެ. އެކަން ކުދިންނަށް ބުނެދެއްވާ އެކި ހާލަތްތަކަށް ކުދިން އަހުލުވެރިކުރުވުމަށް ބެލެނިވެރިންނަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.
އޭނާ ވިދާޅުވީ، މަދަރުސީ ތަޢުލީމުގެ އެންމެ މުހިންމު އެއް އަމާޒަކީ ފުދުންތެރި އިންސާނަކު ބިނާކުރުމަށް އެހީތެރިވުން ކަމަށާއި ދިރިއުޅުމަށް އަހުލުވެރި، ދިރިއުޅެން އެނގޭ އަދި ދިރިއުޅުމަށް ފައްކާކުރުން ކަމަށެވެ.
އެ އަމާޒަށް ވާސިލުވުމަށްޓަކައި މިކުރެވެމުންދާ މަސައްކަތްތަކުގެ އެންމެ މުހިންމު މަސްޢޫލުވެރިންނަކީ މުދައްރިސުންކަން ފާހަގަކުރައްވައި ޝައުކަތު ވިދާޅުވީ "ޖަވާހިރު ޖަވާހިރަކަށް ހަދަނީ އެމަސައްކަތުގެ ފަންނުވެރިން. އެއީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެކަމެއް ނޫން. އެއީ ބުރަ، އުނދަގޫ، ކަވި މަސައްކަތެއް" ކަމަށެވެ.
ޝައުކަތު އިތުރަށް ވިދާޅުވީ، ޖަވާހިރު ޖަވާހިރަށް ހަދާ މީހުންފަދައިން މުދައްރިސުން ކުރައްވަނީ އެމަސައްކަތް ކަމަށާއި މުދައްރިސުން އުފައްދަވަނީ އެކިބާވަތްތަކުގެ ދިހުންގަދަ އަގުބޮޑު ޖަވާހިރު ކަމަށެވެ.
މުދައްރިސުންގެ ކިބައިން ޝައުކަތު އެދިވަޑައިގަތީ " ކޮންމެ ކުއްޖަކަށް ވަކިން ނަޒަރު ކުރެއްވުމަށް. ސަމާލުކަން ދެއްވުމަށް. ފަރުދީ ތަފާތުތައް ދެނެގަނެ އެތަފާތުތަކާއި އެއްގޮތަށް ކިޔަވައިދިނުން ބައްޓަންކޮށް ކުރިއަށް ގެންދެވުމަށް. އަގުހުރި ޖަވާހިރަކަށް ކޮންމެ ކުއްޖަކުވެސް ހެއްދެވުމަށް"
ދަރިވަރުންނަށް ޕްރިންސިޕަލް ޝައުކަތު ވިދާޅުވީ، ޢިލްމަކީ ބާރެއް ކަމަށާއި އެއީ ބަލިނުކުރެރެވޭނެ ބާރެއް ކަމަށެވެ. ޢިލްމުން އިންސާނާގެ ވިސްނުމާއި ފިކުރު ތަރައްޤީކޮށްދޭ ކަމަށާއި އިންސާނާގެ ސިކުނޑި ހުޅުވައިދީ ތަހުޒީބު މީހަކަށް އެ އިންސާނާ ހަދައިދޭ ކަމަށެވެ.
"ރިވެތި ޚުލްޤަކީ މިއަދު ތަދު އެއްޗެއް. ތަދު އެއްޗެހީގެ އަގުބޮޑުވާނެ. ޔާގޫތު ރޫބީއަކީ ވަރަށް ތަދުއެއްޗެއް. އޭގެ އަގު އުފުލިފައިވީ އެއްސަބަބަކީ އެއީ ތިޔަކުދިންނަކީ ރިވެތި ޚުލްޤު ލިބިފައިވާ ބަޔަކަށްވާނަމަ ޔާގޫތު ރޫބީ ފަދައިން ތިޔަކުދިންގެ އަގު އުފުލިގެންދާނެ" ޝައުކަތު ދަރިވަރުންނަށް ނަޞޭހަތްތެރިވަމުން ވިދާޅުވިއެވެ.
ފާއިތުވި އަހަރު ޙަމަދު ސްކޫލުން 683 ދަރިވަރުން ތައުލީމުޙާޞިލްކޮށްފައިވެއެވެ. އެއީ 340 ފިރިހެން ކުދިންނާއި 343 އަންހެން ދަރިވަރުންނެވެ. 2024 ވަނަ އަހަރުގެ މެއި/ޖޫން ގައި ބޭއްވި ކެމްބްރިޖް އޯލެވެލް، އައިޖީސީއެސްއީ އާއި އެސްއެސްސީ އާއި ބީޓެކް ހޮސްޕިޓަލިޓީ އެ ސްކޫލުގެ 65 ދަރިވަރުން ފުރިހަމަ ކުރިއެވެ. އޭލެވެލް އިމްތިޙާނުގައި ބައިވެރިވީ 24 ދަރިވަރުންނެވެ.
ސާނަވީ ނިންމާ އިމްތިޙާނުތަކުން ފަސް މާއްދާއިން ފާސްވި ކުދިންގެ އަދަދު 60 އިންސައްތައިގައި ހިފެހެއްޓި، މަތީ ސާނަވި އިމްތިހާނުން 3 މާއްދާއިން ފާސްވި ދަރިވަރުންގެ އަދަދު 67 އިންސައްތައަށް އަރާފައިވާ ކަމަށް ޙަމަދު ސްކޫލުގެ އަހަރީ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
ހިޔާލު