ގާފަރު ސްކޫލުގެ ނޭޗަރ ކުލަބުން ފެނުގައި ލެޓިއުސް ހައްދަން ފަށައިފި

މަލޭ އަތޮޅު ގާފަރު ސްކޫލުގެ ނޭޗަރ ކުލަބުން އެ ސްކޫލުގައި ހައިޑްރޮފޯނިކްސް ސިސްޓަމް ބޭނުން ކޮށްގެން ފެނުގައި ލެޓިއުސް ހައްދައި، ފުރަތަމަ ހެއްދި ގަސްތައް ވިއްކައިފިއެވެ.   

ގާފަރު ސްކޫލުގެ ނޭޗަރ ކުލަބުން އިސްނަގައިގެން ފެނުގައި ގަސްހައްދަން މަޝްރޫޢެއް ފެށީ 2024 ވަނަ އަހަރުގެ ޕީޓީއޭގެ މާލީ އެހީތެރިކަމާ އެކު ގައެވެ. މި މަޝްރޫޢުގެ ފަންނީ ލަފާ އަދި އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ޕްލަންޓް އަ ޓްރީ ޖަމުއިއްޔާގެ ފަރާތުންނެވެ. އެ ޖަމިއްޔާއިން ވަނީ މި މަޝްރޫޢާ ގުޅޭގޮތުން ބެލެނިވެރިންނާއި، ދަރިވަރުންނާއި އަދި މުވައްޒަފުންނަށް މަޢުލޫމާތު ދިނުމުގެ ދެ ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި މަޝްރޫޢުގެ ދަށުން ފުރަތަމަ ހައްދާފައިވަނީ ލެޓިއުސް ފަތެވެ. ފުރަތަމަ ބެޗްގެ ގަސްތައް ކެނޑީ މި މަހު އެއްވަނަ ދުވަހުއެވެ. މި ރަސްމިއްޔާތުގައި ނޭޗަރ ކުލަބުގެ ދަރިވަރުންނައި، 2024ވަނަ އަހަރުގެ ޕީޓީއޭގެ ނައިބުރައިސާ އަދި ހަޒާންދާރު ގެ އިތުރުން މި ދައުރުގެ ޕީޓީގެ ނައިބުރައިސާ އަދި ސްކޫލުގެ މުވައްޒަފުން ބައިވެރިވިއެވެ.

ފުރަތަމަ ބުރުގައި 115 ގަސް ލެޓިއުސް ހައްދާފައިވެއެވެ.

ގާފަރު ސްކޫލުގެ ޕްރިންސިޕަލް ފާތިމަތު އިބްރާހީމް ވިދާޅުވީ، ފެނުގައި ލެޓިއުސް ހައްދަން ކުރިއަށް ގެންދިޔަ މަޝްރޫއަކީ ދަރިވަރުންނަށް ޢަމަލީ ތަޖުރިބާ ލިބިދޭނެ ވަރަށް މުހިންމު މަޝްރޫއެއް ކަމަށާއި އޭގެ ސަބަބުން ދަރިވަރުންނަށް ދަނޑުވެރިކަމާއި ޒަމާނީ ޓެކްނޮލޮޖީއާ ގުޅޭ މަޢުލޫމާތު ލިބި، އެކަމުގެ ޢަމަލީ ތަޖުރިބާ ލިބިގެންދިޔަ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ހައްދާތަކެތި ވިއްކީ އެ ސްކޫލުގެ ބެލެނިވެރިންނައި މުވައްޒަފުންނަށެވެ. ފުރަތަމަ ހެއްދުނު ގަސްތައް ވިއްކީ ސްކޫލުގެ މުވައްޒަފުންނަށެވެ.  މިކަމުގެ ސަބަބުން އާންމުކެއުމަށް ބޭނުންވާ ތަރުކާރީގެ ބައެއް ބާވަތްތަކައި ފަތްޕިލާވެލި ލިބޭނެކަމަށާއި، އިތުރަށް އުފައްދާ ތަކެތި ވިއްކައިގެން ލިބޭ ފައިސާ ސްކޫލުގެ އެހެނިހެން ހަރަކާތްތަކަށް ބޭނުންކުރެވޭނެކަމަށް ސްކޫލުން ބުނެފައިވެއެވެ. އަދި ވިސްނުން ހުރީ މިކަން އިތުރަށް ފުޅާކޮށް އިތުރު ސިސްޓަމެއް ގާއިމު ކުރުމެވެ.

ކާމިޔާބު ކަމާއެކު ހައިޑްރޯޕޯނިކްސް މަޝްރޫއު ކުރިއަށް ގެންދިއުމަށް ޕްލަންޓް އަ ޓްރީ ޖަމުއިއްޔާގެ ފަރާތުން ދެއްވަމުންގެންދަވާ ފަންނީ ލަފައަށް ސްކޫލުގެ ދަރިވަރުން، މުވައްޒަފުން އަދި ބެލެނިވެރިންގެ ފަރާތުން ނުހަނު އިހުލާސްތެރިކަމާ އެކު އެ ސްކޫލުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *