ޕްރެޒިޑެންޓް ސްކައުޓް ބެޖް ހަތް ދަރިވަރަކަށް ލިބިއްޖެއެވެ. ޕްރެޒިޑެންޓް ސްކައުޓް ބެޖް މި އަހަރު ލިބުނީ އަރަބިއްޔާ ސްކޫލުގެ ހަ ދަރިވަރުންނަށާއި ނައިފަރު މަދަރަސަތުލް އިފްތިތާޙުގެ ދަރިވަރަކަށެވެ.
ޕްރެޒިޑެންޓް ސްކައުޓް ބެޖް ލިބުނު ސްކައުޓުން:
- އަހުމަދު ޒަޢުލް: 11ވަނަ މާލެ ސްކައުޓް ގްރޫޕް، އަރަބިއްޔާ ސްކޫލް
- އަހުމަދު ބާސިގު މުޙައްމަދު: 1ވަނަ ޅ. ސްކައުޓް ގްރޫޕް، ނައިފަރު އިފްތިތާހް ސްކޫލް
- ޢަބްދުﷲ ސަރޫފް މުޙައްމަދު: 11ވަނަ މާލެ ސްކައުޓް ގްރޫޕް، އަރަބިއްޔާ ސްކޫލް
- އައިޝަތު ލަޔާން އަބްދުއްނަސީރު: 11ވަނަ މާލެ ސްކައުޓް ގްރޫޕް، އަރަބިއްޔާ ސްކޫލް
- މުޙައްމަދު އަދީމް އާދަމް: 11ވަނަ މާލެ ސްކައުޓް ގްރޫޕް، އަރަބިއްޔާ ސްކޫލް
- ފާތިމަތު އަނޫޝާ: 11ވަނަ މާލެ ސްކައުޓް ގްރޫޕް، އަރަބިއްޔާ ސްކޫލް
- ސާރާ ބިންތު އަމީރު އިބުނު އަލީ: 11ވަނަ މާލެ ސްކައުޓް ގްރޫޕް، އަރަބިއްޔާ ސްކޫލް
ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓް ބެޖު ލިބެނީ އެކި ދާއިރާތައް ހިމެނޭގޮތަށް ތަފާތު ހުނަރު ލިބިދޭ ޕްރޮފެޝަނަލް ބެޖުތަކެއް ހާސިލްކުރުމުންނެވެ. އަދި ޖަމައާތަށް ފައިދާހުރި މަސައްކަތްތައް ވެސް މި ބެޖް ހޯދާ ދަރިވަރުން ކުރަން ޖެހެއެވެ.
ދަރިވަރުންނަށް ބެޖް ހަވާލުކޮށް ދެއްވީ ޗީފް ސްކައުޓަށް ވޯލްޑް ސްކައުޓް ބެޖް ހަވާލުކުރެއްވުމާއި، 'ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓް' އެވޯޑް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ސްކައުޓް އެސޯސިއޭޝަނާއި ސްކައުޓް ހަރަކާތުގައި އުޅޭ ވޮލަންޓިއަރ ހުރިހާ ބޭފުޅުން، އަދި ޖުމްލަކޮށް ސްކައުޓް އާއިލާއަށް ބޭނުންވާ ކަންކަމުގައި މި ވޭތުވެދިޔަތަނުގައި ސްކައުޓް ހަރަކާތަށް ދިމާވި އެކި ކަހަލަ ގޮންޖެހުންތަކުން އަރައިގަނެވޭނެ ގޮތްތަކެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ފެއްޓެވީ އެ މަނިކުފާނުގެ ސްކޫލް ދައުރުގައި ސްކައުޓް ހަރަކާތުގައި ބައިވެރިވެވަޑައިގެން، އެ ހަރަކާތުން އެ މަނިކުފާނަށް ލިބިވަޑައިގެންނެވި ތަޖުރިބާ ހިއްސާކުރައްވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވަންނާނެ އިމާރާތެއް ނެތި އެކި ކަހަލަ ބާވެފައި ހުރި އިމާރާތްތަކުން، އެއްތަނުން އަނެއްތަނަށް ބަދަލުވާން ޖެހުމަކީ އެކަން ވެގެންވާންޖެހޭނެ ގޮތް ނޫންކަމުގައި ފާހަގަކުރެއްވިއެވެ. ރާއްޖޭގައި މިދިޔަ ފަސްދޮޅަސް ނުވަ އަހަރުގެ ތެރޭގައި ސްކައުޓް ހަރަކާތް ހިންގިއިރު، ވަރަށް ފަޚުރުވެރި ކާމިޔާބީތަކެއް މުޖުތަމަޢަށް ސްކައުޓް ހަރަކާތުގެ ތެރެއިން ހޯދައިދެވިފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ކުދި ކަންކަމުން ފެށިގެންގޮސް، ބޮޑެތި ޤައުމީ ކާރިސާތަކުގައިވެސް ސްކައުޓް ހަރަކާތަކީ ރާއްޖޭގައި ޔަޤީނުންވެސް ވަރަށް ބޮޑަށް ޝާމިލުވެފައިވާ، އެހީތެރިކަންދީފައިވާ އަދި ދެމުންވެސްދާ ހަރަކާތެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އަދި ޗީފް ސްކައުޓް، ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް ވަރލްޑް ސްކައުޓް ބެޖް އެރުވީ އެ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ނަޡީފެވެ. މި ރަސްމިއްޔާތުގައި ސްކައުޓް ކައުންސިލްގެ އަށް މެންބަރުންނަށް މަޤާމުގެ ލިޔުން ޙަވާލުކޮށްދެއްވައި، "ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓް" އެވޯޑް 7 ސްކައުޓަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
މިއަދު ފާހަގަކުރާ ޤައުމީ ސްކައުޓް ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގެ އެކްސް މެދުވެރިކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި، ދިވެހިރާއްޖޭގައި ސްކައުޓް ޙަރަކާތް ފެށުނުތާ 69 އަހަރު ފުރުމުގެ މުނާސަބަތުގައި، ޤައުމީ ސްކައުޓް ދުވަހުގެ ތަހުނިޔާ މި ޙަރަކާތުގެ އެހާރާއި މިހާރުގެ ޚިދުމަތްތެރީންނަށް އަރިސްކުރެއްވިއެވެ. އަދި ޤައުމަށް ދިމާވި ކޮންމެ މުހިންމު ކަމެއްގައި ސްކައުޓުން އަބަދުވެސް ތިބެނީ ތައްޔާރަށް ކަމަށާއި އިޖްތިމާޢީ އެހީތެރިކަމުގައި، އަދި އެކުވެރިކަމުގެ ޗޭނަކުން މުޅި ރާއްޖޭގައި ބަދަހި ގުޅުމެއް އުފެއްދުމުގައި ސްކައުޓުން ދައްކައިދީފައިވަނީ ތާރީފު ހައްގު ނަމޫނާއެއް ކަމުގައި އެ މަނިކުފާނުގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.
advertisment
ހިޔާލު